ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 18:11
ރޮހިންޖާގެ މުސްލިމެއް ކަމުގައިވާ އަންޖުމާ
ރޮހިންޖާގެ މުސްލިމެއް ކަމުގައިވާ އަންޖުމާ
ގޯލް.ކޮމް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."
އަހަންނަށް އަދިވެސް އިވެނީ އެކުދިންގެ ކުކުރުމުގެ އަޑު.
މިހާރުވެސް ފެންނަނީ އެކުދިން ގެނބެމުންދިޔަ މަންޒަރު
އެމީހުން ރޭގަނޑު ދަންވަރު އަހަރެމެންނަށް ނުބައި ބޭހެއްދޭ. އެބޭހުން އަހަރެމެން ދުވާލު މަރުވެގެންދޭ

އުމުރުން 22 އަހަރުގެ އަންޖުމާ އިށީނދެލައިގެން އިނީ އޭނާ ދިރިއުޅެމުން ދިޔަ ވެއްޓިފައިވާ ފަން ޖިފުޓި ގަނޑުގެ ބޭރުގައެވެ. އޭނާ ލައިގެން އިން ވީދިފައިވާ ހެދުން އޮޅާލެވިފައިވަނީ ކިރިޔާ މޫނުގެ ބައެއް ފެންނަވަރަށް މުޅި ގައިގައެވެ. އޭނާގެ ލޮލުން އޭރުވެސް ހޯސްލައިފާ ކަރުނަ ފައިބަމުން ދެއެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑުގައި ވަނީ ހަންގަނޑު ތަތްލާފައެވެ.

"އަހަންނަށް އަދިވެސް އިވެނީ އެކުދިންގެ ކުކުރުމުގެ އަޑު. އަހަރެމެންގެ އެހީތެރިކަމަށް ރޮއެ އާދޭސް ކުރަމުންދިޔަ އަޑު.މިހާރުވެސް ފެންނަނީ އެކުދިން ގެނބެމުންދިޔަ މަންޒަރު" އަޅައަޅައިގަންނަމުން ވާހަކަ ދެއްކި އަންޖުމާއަކަށް މާބޮޑަކަށް ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ.

އެވަގުތު އޭނާގެ މޫނުމަތީގައި އަޅާފައިވާ އޭނާގެ ހެދުމުން ބައެއް ކަޝްފުވިއެވެ. އެހިނދު ފެނުނީ އަދި މާ އާދަޔާ ޚިލާފް މަންޒަރެކެވެ. އޭނާގެ އަނގަމަތިން ބަޔަކާއެކު މޫނުގެ ބޮޑުބައެއް ވަނީ ފާރުވެފައެވެ. ފަހުން އެނގުނު ގޮތުގައި އޭނާއަށް ވަނީ ކެންސަރު ޖެހިފައެވެ.

އަންޖުމާއަކީ ކުރީގެ ބަރުމާ އަދި މިހާރުގެ މިޔަންމާ ސަރުކާރާއި އެޤައުމުގެ ބުޑިސްޓުން ކުރަމުންދިޔަ އަނިޔާގެ ޝިކާރައަށްވި މީހެކެވެ. އޭނާގެ އުމުރުން 18 އަހަރުގައި އެމީހުން ދިން އަނިޔާތަކާއެކު އޭނާގެ ގެ ވެސް ހިމެނޭ ގޮތަށް މުޅި އެ ސަރަހައްދުގައި ހުޅުޖަހާ އަންދާލިއެވެ. އެފަހަރު 192 މީހުން އަނިޔާވެރި ލާއިންސާނީ ގޮތަކަށް މަރާލިއެވެ. ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭ ގޮތަށް 140،000 މުސްލިމުންނަށް މަޖްބޫރުވީ ޖަލެއްގެ ގޮތުގައި ކަނޑަ އަޅާފައިވާ ކޭމްޕަކަށް ބަދަލުވާށެވެ.

"ކީއްވެ ބޭރުގަ ތީނީ. ހޮސްޕިޓަލަކަށް ނުދަންތަ" ކުޑަކޮށް ނުކެރިފައި ހުރެ އަހަރެން އަހާލީމެވެ.

ޖަވާބުގައި ރޮމުން އޭނާ ބުނީ ހަމަ އެންމެ ޖުމްލައެކެވެ. އެތަނުގެ ޑޮކްޓަރުން އަހަރެމެން މަރުވުމުގެ ކުރިން މަރާލާނެކަމަށެވެ.

އިތުރަށް އޮޅުން ފިލާތޯ އޭނާ އިށީނދެލައިގެން އިން އަށިގަނޑުގެ ކައިރިއަށް ޖެހިލަމުން އެހީމެވެ.

"ތިބުނަނީ އެމީހުން އަންޖުމާ މަރާލާނެއޭތަ؟"

އުޑަފައިން ކަހަލަ ގޮތަކަށް އަށިގަނޑުގައި އިށީނދެ ދެފަޔާއެކު ބައްދައިގެންފައިވާ އަތް ބާރުކޮށްލަމުން އޭނާއަށް ހަމަ އެކަނި ޖަހާލެވުނީ އާއެކޭ ބުނުމުގެ ގޮތުން ބޯ އެކަންޏެވެ. އޭނާ ޤަބޫލް ކުރާ ގޮތުގައި އެތަނުގެ ހޮސްޕިޓަލަށް ދިއުމަށްވުރެ އަންދާލި ގެގަނޑުން ނިކުމެ ކުދިވެރިންނާއެކު ދުވެ ފިލަން ދިޔަ މީހުންގެ ތެރޭގައި ނުގެނބި ސަލާމަތްވެ ދުވާލަކު އެންމެ ދެއިރު ކައިގެން އެގޮތުގައި މަރުވަންދެން އިނުންވެސް މާ ރަނގަޅެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން 140،000 މީހުން ހައްޔަރުކޮށްފައިވާ އެ ކޭމްޕުގައި ޒަރޫރީ އެއްވެސް ވަސީލަތެއް ނެތެވެ. އަމުދުން ބޭސްފަރުވާއެއް ނުލިބެއެވެ.

"އެއީ ހަޤީގަތެއް. އެމީހުން ރޭގަނޑު ދަންވަރު އަހަރެމެންނަށް ނުބައި ބޭހެއްދޭ. އެބޭހުން އަހަރެމެން ދުވާލު މަރުވެގެންދޭ. ވޭތުވެ ދިޔަ 4 އަހަރުގެތެރޭގައި އެތައް ބަޔަކު ވަނީ އެގޮތައް މަރުވެފައި. އެތަނަށްދާ އެންމެ މީހަކުވެސް، ހަމަ އެންމެ މީހަކުވެސް އެތަނުން ސަލާމަތަކުން ނުނިކުމެވޭ. ނެރެން ޖެހެނީ ފުރާނަ ނެތް ހަށިގަނޑު" އެކޭމްޕުގައި ހުރި ކުރީގެ ޤާނޫނީ ވަކީލް ރޮހިންގޔާގެ ކޮމިއުނިޓީ ލީޑަރަކު ބުންޏެވެ.

އޭނާ ބުނީ އެތަނުގައި ވަގުތީ ކްލިނިކްތަކެއް ހުންނަ ކަމަށެވެ. ހަފްތާއަކު ތިން ދުވަހު ބަލިމީހުން ބަލާއިރު އެތަންތަނުން ބަލަނީ ދުވާލަކު އެންމެ 20 މިނިޓަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބަލިމީހުން އިތުރުވެ މުޅި ކޭމްޕުގައިވެސް ބަލިމަޑުކަން ފެތުރުނެވެ. ރަނގަޅު ކާބޯތަކެއްޗާއި ބޯފެން އަދި ހިޔާވައްސެއް ނުލިބުމުން އެބަލިމަޑުކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. އެކަންކަމާހުރެ ސިއްރުން ވަގުވަގަށް ނިކުތް އެތައް ބަޔަކުވެސް ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު އެމީހުންގެ އިއްފަތް ގެއްލި އަނިޔާއަށް ކެތްނުކުރެވިގެންވެސް އެކޭމްޕުން ދަނީ ނުކުންނަމުންނެވެ. އެހެނަސް ފުރާނަ އަތްމައްޗަށް ލައިގެން ވަގުވަގަށެވެ.

އެއީ 2014 ވަނަ އަހަރުއެވެ. އޭގެ 4 މަސްފަހުން ނޯބެލް އިނާމް ލިބިފައިވާ މިޔަންމާގެ ލީޑަރ އަންގސަން ސޫކީ އެތަނުގެ ނޭޝަނަލް ލީގް ފޯރ ޑިމޮކްރަސީގެ ކެމްޕެއިންގައި ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް މެދުވެރިވެފައިވާ އެފަރުވާ ކުޑަކުރުންތަކާއި އެނިކަމެތި ހާލަތު ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި ކެތްތެރިކަމާއެކު ރޮހިންގާ މުސްލިމުން މަޑުމަޑުން ތިބުމަށް އޭނަ އެދިލެއްވިއެވެ. ނަމަވެސް އިންޓަރނޭޝަނަލް ސްޓޭޓް ކްރައިމް އިނިޝިއޭޓިވްއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެކަންކަމަށް ނިމުމެއް ނައިސް ކުރިއަށް ދިޔަ ކަމަށާއި މިއަދު ރޮހިންޖާ މުސްލިމުން އެހާލަތައް ވެއްޓުނީ އެކަމުގެ ސަބަބުން ކަމަށެވެ.

މިއަދު އެތައް ހާސް ބަޔަކު ވަނީ އެޤައުމުން ނުކުމެފައެވެ. އެތައް ބަޔަކު އެހެން ޤައުމުތަކަށް ހިޖުރަކޮށްފައި ވާއިރު، އެތައް ބަޔަކު ވަނީ ކަނޑުމަގުން ހިޖުރަކުރަން އުޅުމުގެ ތެރޭގައި މީހުން ގިނަވެ އުޅަނދު ބަނޑުން ޖަހާލައިގެން ގެނބިގެން މަރުވެފައެވެ. އެތައް ބަޔަކު ދަތުރުކުރި އުޅަނދުތައް ފައްތާލައިގެން ވަނީ ކުޑަކުދިންނާ އަންހެނުން ހިމެނޭ ގޮތައް އެތައް ބަޔަކު މަރާލާފައެވެ.

އޮސްޓްރޭލިޔާއަށް ބަލާލާއިރު އެޤައުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމީހުންގެ އައްސޭރި ފަށުގައި މިޔަންމާ ރޮހިންޖާ ދަރިކޮޅުގެ އެތައް ހާސް ބަޔަކު ވަޒަންވެރިވެ އެބައުޅެއެވެ.

އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަން (އާސިޔާން) ޕާލަމެންޓޭރިއަން ފޯރ ހިއުމަންރައިޓްސްއިން 2015 ވަނަ އަހަރު ބުނެފައިވަނީ ވިއެޓަނާމް ހަނގުރާމައަށްފަހު އެންމެ ގިނައިން އެހެން ޤައުމުތަކަށް ހިޖުރަކޮށް އަދި އެހެން ޤައުމުތަކުގެ ހިމާޔަތް ހޯދާފައިވަނީ މިޔަންމާގެ ރޮހިންޖާ މީހުން ކަމަށެވެ.

ކޮންމެއަކަސް މިއަދު އަންޖުމާ ނިޔާވެއްޖެއެވެ. އަންޖުމާ ނިޔާވީ އެކޭމްޕުގައި އޭނާގެ ފޮޓޯ ނެގިތާ ދެމަސްފަހުން 2016 ވަނަ އަހަރުގެ މާޗްމަހުގެ 28 ވަނަ ދުވަހުއެވެ.

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އެއީ އޭރުގެ ހާލަތެވެ. އެކަމަށް ހުއްޓުމެއްނެތި އޭގެ 4 އަހަރު ފަހަށް އެޅޭއިރު އެތަނުގެ ހާލަތު ވަޒަން ކުރަންވެސް ދައްޗެވެ. ހިތައް ގެންނާންވެސް އުނދަގުލެވެ. މިއަދު ދައުރުވަމުންދާ ފޮޓޯތަކާއި އެނބުރެމުންދާ ވީޑިއޯތަކުން އެކަން ކިތައްމެހާވެސް ސާފެވެ.

އެންމެހާ މުސްލިމުންނޭއެވެ. އެއްބައެއް ފަދަ މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އަނިޔާ ލިބެމުންދާ މުސްލިމުންނާއެކުގަވާ ބަޔަކުކަމުގައި ވަމާ ހިނގާށެވެ. އެމީހުންނަށް އެހީވަމާ ހިނގާށެވެ. އެހާލަށް ހަމްދަރުދީގެ އަތެއް ދިއްކޮށްލާ ބަޔަކު ކަމުގައި އަހަރަމެން ވަމާހެއްޔެވެ.

 

- ކޮމެންޓް
9 ސެޕްޓެންބަރ 2017 | ހޮނިހިރު 15:59
މޯމް އޮފް އެމްޕީ ފޮނިކެޑެޭ
ރޮވިއްޖެ