އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި އެވެ.
އދ.އ ގެ ކާބޯތަކެތީގެ ކަންކަން ބަލަހައްޓާ ދެ އިދާރާއިން ބުދަ ދުވަހު އިންޒާރު ދީފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރަށް އެތައް މިލިއަން މީހުން ބަނޑުހައިހޫނު ކަމުގެ ހާލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށާއި، ފަންޑުގެ ދަތިކަން އެހާލަތު އިތުރަށް ގޯސްކުރާކަމަށެވެ.
ކާބޯތަކެތީގެ އަދި ދަނޑުވެރިކަމުގެ ޖަމިއްޔާ އާއި ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ހާލަތު ގޯސް ވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ހަނގުރާމަ އާއި ހަމަ ނުޖެހުންތައް ކަމުގައެވެ.
ރޯމްގައި ހުންނަ އިދާރާތަކުން ލިސްޓުކޮށްފައިވާ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހައިޓީ، މާލީ، ފަލަސްތީން، ދެކުނު ސޫދާން، ސޫދާން އަދި ޔަމަން ހިމެނެއެވެ. މި ގައުމު ތަކުގެ ރައްޔިތުން ނުރައްކާތެރި މިންވަރެއްގެ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެފައި ވެއެވެ.
އަދި "ވަރަށް ބޮޑު ކަންބޮޑުވުމެއް" އޮތް ގައުމުތަކުގެ ގޮތުގައި އަފްޣާނިސްތާން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، މިއަންމާ، ނައިޖީރިއާ، ސޯމާލިއާ، ސީރިއާ، އަދި ބުރުކީނާ ފާސޯ، ޗާޑް، ކެންޔާ އަދި ބަންގްލަދޭޝްގެ ހުންނަ ރޮހިންޔާ ރީފިއުޖީން ފާހަގަ ކޮށްފައި ވެއެވެ.
އިންސާނީ އެހީތެރިކަމަށް ލިބޭ ފަންޑު "ކަންބޮޑުވާ މިންވަރަކަށް ވަރަށް މަދުވަމުންދާ" ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ، ނުރައްކަލުގެ ހާލަތުގައި ތިބި މީހުންނަށް އެހީތެރިވުމަށް ބޭނުންވާ 29 ބިލިއަން ޑޮލަރުން ލިބިފައިވަނީ އެންމެ 10.5 ބިލިއަން ޑޮލަރު ކަމަށް ފާހަގަކޮށްފައިވެއެވެ.
ޑަބްލިއު.އެފް.ޕީ އިން ބުނެފައިވަނީ ފަންޑު ކުޑަކުރުމުގެ ސަބަބުން ރީފިއުޖީންނަށާއި ހިޖުރަކޮށްފައިވާ މީހުންނަށް ދޭ އެހީތެރިކަން ކުޑަކޮށްފައިވާއިރު ބައެއް ގައުމުތަކުގައި ސްކޫލް ކާބޯތަކެތީގެ ޕްރޮގްރާމްތައް ވަނީ ހުއްޓާލާފައި ކަމަށެވެ.