Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 10:57
ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން، މުހައްމަދު ޞާލިހް
ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން، މުހައްމަދު ޞާލިހް
ރައީސް އޮފީސް
މުހައްމަދު ސަލާހު
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
މުހައްމަދު ޞާލިހަށް ދިވެހި ދައުލަތުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުއިއްޒު
1983 ގައި ވިޔަފާރި ފައްޓަވައި 2000 ގައި ދަމާސް ކުންފުނި ގާއިމްކޮށް އެކި ރޮނގުން ގައުމަށް ޚިދުމަތް ކުރެއްވި

ދިވެހި ދައުލަތުގެ އިއްޒަތް، ދަމާސް ޕްރައިވެޓް ލިމިޓެޑް ގެ ވެރިޔާ މުހައްމަދު ޞާލިހަށް އަރުވައިފި އެވެ.

އަންގާރަ ދުވަހު ކުރިއަށް ދިއަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، މ.ޝުއާޒް، މުހައްމަދު ޞާލިހަށް އަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޞާލިހަކީ، އައްޑު އަތޮޅު ގަމުގައި އިނގިރޭސި ރޯޔަލް އެއަރފޯސްގެ މީހުން ތިބިއިރު، އެތަނުގައި ތިބި ދިވެހީންގެ ތެރެއިން އިސް އެއް މުވައްޒަފެއްގެ ގޮތުގައި، އުމުރުން އެންމެ 17 އަހަރުގައި ޚިދުމަތް ފެށްޓެވުމަށްފަހު، އިނގިރޭސީން ގަމުން ފޭބުމުން 1978 ގައި، މަޖުބޫރީ ހާލަތެއް ކުރިމަތިވެވަޑައިގެން މާލެއަށް ހިޖުރަ ކުރެއްވި ބޭފުޅެކެވެ.

ޞާލިހު ވިޔަފާރީގެ ތަފާތު ޚިދުމަތްތައް ރާއްޖޭގައި ފެއްޓެވީ ޕާޓްނަރޝިޕް ވިޔަފާރިއެއްގެ ގޮތުގަ އެވެ. އެއީ 1983 ވަނަ އަހަރު އެވެ. "ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއަރ އާއި ރިޒޯޓް ވެއަރ އާއި، ޑިއުޓީ ފްރީ ޝޮޕާއި، ބޮންޑެޑް ވެއަރހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވި އެވެ.

2000 ވަނަ އަހަރު ޕާޓްނަރޝިޕް ވިޔަފާރި ދެ ބަޔަކަށް ބެހުމާއެކު ދަމާސް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރައްވައިގެން ޞާލިހް ވިޔަފާރީގެ ތަފާތު ވައްތަރުތައް ތައާރަފު ކުރެއްވި އެވެ.

އޭގެއިތުރުން މެޑިކާ ގެ ނަމުގައި 19 ޖަނަވަރީ 2013 އިން ފެށިގެން، މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް މާލޭގައި ހިންގަވަމުން ގެންދަވަ އެވެ.

ރާއްޖެއިން ބޭރާ ގުޅުންހުރި ދާއިރާތަކުން ޞާލިޙް ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަ ތައިލެންޑްގެ އޮނަރަރީ ކޮންސްލްކަން ކުރެއްވުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި ތައިލެންޑްގެ ކޮންސިއުލޭޓް ހިންގެވުމާއި، ސާރކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ވައިސް ޗެއަރމަންކަން ކުރެއްވުން ހިމެނެ އެވެ.

ޞާލިޙުގެ އިޖުތިމާއީ ޚިދުމަތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަން ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރެއްވުމާއި، މީހުން ބިނާ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވެ އެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ ވެސް ޞާލިޙް އެވެ.

ޞާލިޙް ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ޞާލިޙަށް ވަނީ އަރުވައިފަ އެވެ.

- ކޮމެންޓް