Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 18:45
ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލަލީގާ
ލެވަންޑޯސްކީގެ ހެޓްރިކުން ބާސެލޯނާ ސެލްޓަވީގޯ ބަލިކޮށްފި
ބާސެލޯނާ އިން ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގައި ލެވަންޑޯސްކީގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާ އަކުން މޮޅުވެ، ލީގު ލީޑަރު ރެއާލް މެޑްރިޑާއި ދެމެދުވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި.

ސްޕެނިޝް ލަލީގާ ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ބާސެލޯނާ 4-2 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

ސެލްޓަވީގޯގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ވެސް ބާސެލޯނާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 10 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. ނަމަވެސް އެ ލަނޑު ޖެހުމަށްފަހު މިނިޓެއްވެސް ނުވަނީސް ސެލްޓަވީގޯގެ ސާޖިއޯ ކަރޭރާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާ އިން ދެވަނަ ފަހަރަށް ކުރި ހޯދީ މެޗުގެ 37 ވަނަ މިނިޓުގައެވެ. މާކަސް ރަޝްފޯޑް ދިން ފުރިހަމަ ޕާހަކުން ލެވަންޑޯސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް ސެލްޓަވީގޯ އިން ދެވަނަ ފަހަރަށް ވެސް ވަނީ އެއްވަރު ކޮށްފައެވެ. ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ، ހަ މިނިޓު ފަހުން ސެލްޓާވިގޯގެ ބޯހާ އިގްލޭސިއަސް ވަނީ ލަނޑެއް ޖަހާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ތިންވަނަ ފަހަރަށް އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.

ދެވަނަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މެޗުގެ 73 ވަނަ މިނިޓުގައި ރަޝްފޯޑް ދިން ޕާހަކުން ލެވަންޑޯސްކީ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ބާސެލޯނާ ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުވާ ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ބާސެލޯނާ އަށް މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މެޑްރިޑަށް 31 ޕޮއިންޓް ލިބިފައިވެއެވެ.

- ކޮމެންޓް