ދިވެހިންގެ ތެރޭގައި ދޭތެރެ ދޭތެރެއިން ތަފާތު އެކި ޓްރެންޑްތައް އާއްމުވެ އެވެ. އެންމެފަހުން އާއްމު ވެގެން ދިޔައީ ދޮލަނގު ޓްރެންޑެވެ. މި ޓްރެންޑް އާއްމުވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އާއްމުކޮށް ހަނޑޫ ހޮވުމަށް ދޮލަނގު ބޭނުންކުރި ނަމަވެސް މިހާރު ދޮލަނގު ހަނޑޫ ހޮވުމަކަށް ބޭނުމެއް ނުކުރެ އެވެ. ޒަމާނަށް އައި ބަދަލާއެކު ދޮލަނގު ބޭނުން މާ ބޮޑަށް ބޭނުން ނުވި ނަމަވެސް މިހާރު މިވަނީ ދޮލަނގުގެ ބޭނުން ޖެހިފަ އެވެ.
ދޮލަނގުގައި ތަފާތު އެކި ކެއުންތައް ހަދައި، އެއް ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާއިރު، މަސް ދަތުރުތަކާއި، ޕިކްނިކްތައް ދޮލަނގާ ނުލައި ފުރިހަމަ ނުވާނެ އެވެ. ދޮލަނގު ޓްރެންޑް މުޅި ރާއްޖޭގައި އާއްމުވި ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ދޮލަނގުގެ ޓްރެންޑްގެ މޮޅު ވާހަކަ އެއް ނޫނެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ ދޮލަނގުން ހދ.ހަނިމާދޫ ރައްޔިތުން ސަރުކާރަށް ވަރަށް ފުރިހަމަ ޖަވާބު ދިން ވާހަކަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވި ޚާއްސަ ރަސްމިއްޔާތު ގައި ޖާފަތް ތައްޔާރު ކޮށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ކެއުން ތައްޔާރު ކޮށްފައިވަނީ ދޮލަނގުގަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް ކާން ދީފައިވަނީ "ފަހުރުވެރި" ދޮލަނގު ގަ އެވެ.
ހަނިމާދުގެ ރައްޔިތުން ބުނާ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭ އެއަރޕޯޓު ރަސްމީކޮށް ހުޅުވިގެން ދިޔައީ ވެސް ދޮލަނގު ގަ އެވެ.
މި ބީދައިން ހަނިމާދޫގެ ރައްޔިތުން ކަންތައް ކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގައި އެއަރޕޯޓުގެ މަޝްރޫއުގެ މަސައްކަތް ފެށުމާއެކު، މިސަރުކާރުގެ ބޭފުޅުން އެއަރޕޯޓަށް ވަރަށް ބޮޑަށް މަލާމާތް ކޮށްފައިވާތީ އެވެ. އަދި އިންޑިއާ މީހުން ލައްވާ ދޮލަނގު ގައި ސިމެންތި ގަށާއި، ދޮލަނގުގައި ސިމެންތި ޖަހާ ކަމަށް ބުނެ މަލާމާތް ކޮށްފައިވާތީ އެވެ. އެއަރޕޯޓަކީ ދުއްޕާނުގެ ގޮތުގައި ސިފަކޮށް މުޅި ގައުމަށް އޮތް ގެއްލުމެއް ކަމަށް މުއިއްޒު ސަރުކާރުގެ އިކޮނިމިކް މިނިސްޓަރު ވިދާޅުވެފައިވާތީ އެވެ.
އެ ދުވަހު މި ސަރުކާރުގެ އިސް ބޭފުޅުން ކުރި މަލާމާތަށް ހަނިމާދޫ ރައްޔިތުން ހަނު ތިބީ މުޅި އަތޮޅަށް ތަރައްގީ ބޭނުންވާތީ އެވެ. ނަމަވެސް އެ ދުވަހުގެ އެބޭފުޅުންނަށް ކޮންމެވެސް ދުވަހަކުން ރައްދު ދޭނެ ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ. ރައްޔިތުން އެދުނު ގޮތަށް އެއަރޕޯޓުގެ މަޝްރޫއު ނިމުމާއެކު، މި ސަރުކާރުގެ ސިޔާސީ ބޭފުޅުން އަމިއްލަ މަންފާ އަށް ރައްޔިތުންނާ ގައުމުގެ ކުރި މަގަށް ބެލުމެއް ނެތި ކުރަމުން ދިޔަ މަލާމާތަށް ހަނިމާދޫގެ ރައްޔިތުން މި ވަނީ ވަރަށް ފުރިހަމަ އަށް ދޮލަނގުން ރައްދު ދީފަ އެވެ.
މިއަދު ހަނިމާދޫ ރައްޔިތުން ތިބީ ވަރަށް އުފާލާއެކު، އެރަށަށް އަދި އެ އަތޮޅަށް ޒިޔާރާތް ކުރާ ރައްޔިތުންނަށް އުފަލާ އެކު މަރުހަބާ ކިޔަން ތައްޔާރަށެވެ.