ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:41
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ މައްސަލައިގައި ފަސް ވަނަ ފަހަރަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދިއްޖެ
ފާރިސް ހައްޔަރުކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި
ފާރިސްގެ މައްޗަށް ކުރީ ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާ
ޖުލައި 18 ވަނަ ދުވަހުން ފެށިގެން ފާރިސް ބަންދުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފަސް ވަނަ ފަހަރަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދިއްޖެ އެވެ.

ހޭބިއަސް ކޯޕަސް ރިޓަކީ މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްތޯ ނުވަތަ ގާނޫނާ އެއްގޮތަށްތޯ ކަނޑައަޅަން ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 207 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުން ދޫކޮށްލުމަށް އެދި، އޭނާއަށް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެ ކަމަށެވެ.

ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް ބަންދުން ދޫކޮށް ދިނުމަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ކޯޓަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ. އަދި މިއީ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ފަހުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދުނު ފަސް ވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ ފާރިސް ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހެޅީ، ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ދައުވާ ކޮށްފައިނުވާތީ ކަމަށެވެ.

ބަންދުގައި ތިބޭ މީހުންނަށް 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ދައުވާކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.

ޝަމީލް ވިދާޅުވީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ބަންދުކުރިއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކަމަށެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ހައްޔަރުކުރެވުނު ކުށުގެ ދައުވާ ކުރެވިފައިނުވާކަން ފާހަގަކޮށް ވަކީލު ވިދާޅުވީ މިހާރު ފާރިސް އެ ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށެވެ.

ފާރިސްގެ ވަކީލުން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުއްވުމުގެ ތުޙުމަތުގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބެހެއްޓިނަމަވެސް، ލިޔެކިޔުންތަކުން ފެންނަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ ތުހުމަތެއް ކަމަށެވެ. 

ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ، އަދި، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުން؛ އަދި، އެ މަންފާއަކީ ޤާނޫނުގައި ހުއްދަކޮށްފައިނުވާ، ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛ ނުވަތަ، ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި އޮތް އެއްޗަކަށް ވުމަކީ ކުށެއް ކަމަށެވެ.

ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅުމުން، އެ މައްސަލަ ނިސްބަތްވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކޮށްފައިވާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވެއެވެ. ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުގައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދޭނީ، އޭނާ ހައްޔަރުކުރި ފަރާތުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް