މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އަޅަން ހަވާލުކުރި އެފްޖޭ ޑިޒައިންސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އާއިލީ ގުޅުން އޮންނަ ކުންފުންޏެއްކަން ހާމަވެއްޖެއެވެ.
ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް އެފްޖޭ ޑިޒައިންސްއާ ހަވާލުކުރީ 17.5 މިލިއަން ރުފިޔާ އަށެވެ. ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުން، ސޯލް ޕްރޮޕްރިއެޓާޝިޕް އެއް ކަމަށްވާ އެފްޖޭ ޑިޒައިންސްގެ އޯނަރަކީ ފަތުހުﷲ ޖަމީލް ކިޔާ މީހެކެވެ.
މައުލޫމާތު ލިބިފައި ވާގޮތުން ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ކަމަށްވާ ފަތުހުﷲ ޖަމީލް އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުން ދިޔާނާ ހުސެއިން އަށް ބޮޑުދައިތަ ކިޔާ މީހެކެވެ. ނަމަވެސް އޭނާ ހުންނަނީ ލ. ފޮނަދޫގައި އަބްދުއްރަހީމްގެ ވިޔަފާރި ހިންގަން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނެފައިވެއެވެ.
ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫއު އެފްޖޭ ޑިޒައިންސް އާ ހަވާލުކުރި ނަމަވެސް، އެއީ މީގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން ބިޒްނެސް ޕޯޓަލްއިން އެނގެއެވެ. އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކަމަށް ރެކޯޑް ތަކުގައި ވެއެވެ.
މީގެ އިތުރުން ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ވެސް ސަރުކާރުން ހަވާލުކުރީ އަބްދުއްރަހީމްގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުނި، ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139.3 މިލިއަން ރުފިޔާ އަށެވެ. މިއީ މަޖިލީހުގެ ރައީސްގެ އާއިލީ މަސްލަހަތު ހިމެނޭ ދެވަނަ ބޮޑު މަޝްރޫއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވާދަވެރި ބީލަމަކަށް ނުގޮސް ރައީސް ޑރ. މުހައްމަދު މުއިއްޒު 53 ކުންފުންޏަކަށް 206 މަޝްރޫއު ބަހާލިއެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން ބިލިއަނެއްހާ ރުފިޔާގެ އަގުހުރި ޕްރޮޖެކްޓްތައް ބަހާލާފައިވަނީ ރައީސް މުއިއްޒު އަށް ވަފާތެރި މަޖިލިސް މެމްބަރުންގެ މަސްލަހަތު ސީދާ ގޮތެއްގައި ހިމެނޭ ކުންފުނިތަކަށެވެ.
ބިޑު ކުރުމެއްނެތި ރައީސް މުއިއްޒު ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބެނީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމުގެ ކުންފުންޏެއް ކަމަށްވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. ޖުމްލަ 286 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކުންފުންޔާ ވަނީ ހަވާލުކޮށްފައެވެ.