ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގައި ގަވައިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީން އެ ތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް މަދުވެގެން 264 ހަމަލާ އޮކްޓޯބަރު މަހު ދީފައިވާ ކަމަށް އދ. ގެ އޮފިޝަލުން ބުނެފިއެވެ.
2006 ވަނަ އަހަރު އދ. އިން މިފަދަ ހާދިސާތައް ރެކޯޑް ކުރަން ފެށި ފަހުން އެންމެ ގިނަ މިފަދަ ހަމަލާތައް ދީފައި ވަނީ އޮކްޓޯބަރު މަހު ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފައިވެއެވެ.
ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާތައް ވަރުގަދަވަމުން ދާތީ އިންޒާރު ދެމުން ނެރުނު ބަޔާނެއްގައި އދ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ، ތަންތަން ހަލާކު ވުމާއި މުދަލަށް ގެއްލުން ދިނުން ހިމެނޭ ގޮތުން އެވްރެޖު ކޮށް ދުވާލަކު ހަތް ހާދިސާ ހިނގާފައިވާ ކަމަށެވެ.
"2006 ވަނަ އަހަރުން ފެށިގެން އޯސީއެޗްއޭ އިން މިފަދަ 9،600 އަށްވުރެ ގިނަ ހަމަލާއެއް ރެކޯޑް ކޮށްފައިވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 1،500 ހަމަލާ ދިނީ މި އަހަރު، މިއީ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ،" އދ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
2.7 މިލިއަން ފަލަސްތީނު މީހުން ދިރިއުޅޭ ވެސްޓް ބޭންކަކީ އުފެދޭނެ ކަމަށް އުއްމީދު ކުރާ ފަލަސްތީނު ދައުލަތެއްގެ މައިގަނޑު ސިޓީ އެއްގެ ގޮތުގައި އޮންނާނެ ތަނެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމަށް ވިޔަސް އިޒްރޭލުގެ އެކި ސަރުކާރުތަކުން ވެސްޓް ބޭންކު ގައި ޔަހޫދީން ވަޒަންވެރި ކުރުވާ އެ ބިން ބައިބައިކޮށްފައިވެއެވެ.
އދ އާއި ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޭގޮތުގައި ވެސްޓް ބޭންކާއި ވަށައިގެންވާ ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫނެވެ. އިޒްރޭލުން މިކަމާ ދެކޮޅު ހަދާ، މިހާތަނަށް ބައި މިލިއަން ޔަހޫދީން ވެސްޓް ބޭންކުގައި ވަނީ ގަވައިދާ ޚިލާފަށް ވަޒަންވެރި ކުރުވާފައެވެ.
އޯސީއެޗްއޭ އިން އިތުރަށް ބުނީ ބުދަ ދުވަހުގެ ނިޔަލަށް ކަށަވަރުކުރި ޑޭޓާ އަށް ބަލާއިރު، މި އަހަރު މިހާތަނަށް ވެސްޓް ބޭންކުގައި އިޒްރޭލު ސިފައިންގެ ފަރާތުން 42 ފަލަސްތީނުގެ ކުޑަކުދިން މަރުވެފައިވާކަމަށެވެ.
"މާނަ އަކީ 2025 ވަނަ އަހަރު ވެސްޓް ބޭންކު ގައި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި މަރުވި ކޮންމެ 5 ފަސް ފަލަސްތީނު މީހުންގެ ތެރެއިން އެކަކީ ކުޑަ ކުއްޖެކެވެ،" އޯސީއެޗްއޭ އިން ބުންޏެވެ.
އޮކްޓޯބަރު މަހު ޣައްޒާ ގައި އިޒްރޭލުން ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް ވެސްޓް ބޭންކުގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާއި ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.