ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:35
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ގާސިމް އިބްރާހިމް
ގާސިިމަށް ކުރި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހަޅަން މަސައްކަތް ކުރަނީ
ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް
މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ
ގާސިމް މިހާރު ހުންނެވީ ބޭހަށް ވަޑައިގެން ސިންގަޕޫރުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހެޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހެޅޭތޯ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަަމަށް 27 މާޗް ގައި ނަގަން އޮތް ވޯޓުގެ ކުރިން، މާޗް 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، މެންބަރުންނަށް ރިޝްވަތި ހުށަހެޅުއްވި ކަމަށް ވުނެ ދައުލަތުން އުފުލި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގަ އެވެ.

ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް، ޣައިރު ހާޒިރުގައި  އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމް ދައްކަވާފައިވާ ވާހަކައަކީ، ވަކި ބަޔަކަށް އަމާޒުކޮށް ހާއްސަ ކުރެވިގެން ދައްކަވާފައިވާ ވާހަކައެއް ކަމާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިޔާސީ ފަރާތްތަކުން ކުރަމުންދާ ސިޔާސީ ވައުދުތަކާއި ޤާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަކޮށް ދީފައިވާ ދައުވަތުގެ ޢިބާރާތާއި، ތަފާތު ވެގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޤާސިމް ބޭނުންކުރެއްވި، ޢިބާރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޢުރުފު ޤަބޫލުކޮށްފައިވާ ފަދަ ޢިބާރާތެއްކަން ނުވަތަ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަ އަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާޢެއް ޤާސިމަށް ލިބިގެންވާކަން ދިފާޢު އިން ސާބިތުކޮށްދޭންޖެހޭ މިންގަނޑަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ ޤާސިމަށް ޝަރީޢަތަށް ހާޒިރުވުމަށް އަންގައި، ޗިޓް ފޮނުވުމުން ގިނަ ފަހަރު ތަކުގައި ގާސިމް ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، ޝަރީޢަތަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ހުރެގެންކަން ޤާސިމްގެ ފަރާތުން ކޯޓަށް އަންގާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ޤާސިމްގެ ހުރި ބައްޔެއް ދެނެގަތުމަށްޓަކައި ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދީފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގާސިމަށް ދިނީ ބުދަ ދުވަހު އެވެ. އެއާއެކު ގާސިމް ވަނީ ބުދަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގަންނަވާފަ އެވެ.

ހުކުމުގައި ބޭސްފަރުވާއަށް ގާސިމް ފޮނުވުމަށް ކޮށްފައިވާ އަމުރު ބަންޑާރަނައިބުގެ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް