މިޔަންމާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ހިންގަން ހަމަޖެހިފައިވާ ޓެލެތޯންގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިޓެލެތޯންގައި މިޔަންމާ މުސްލިމުންނަށް ފައިސާ ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިކުރުމަށް ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުގެ ޑެޕިއިޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މިފަދަ ޓެލެތޯނެއް ރާއްޖެ ޓީވީން އިސްނަގައިގެން ފެއްޓި ކަމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގެ ރައްޔިތުން މިކަމަށް ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޓެލެތޯނަކީ ކާމިޔާބު ޓެލެތޯނަކަށް ހެދުމަށްޓަކައި އެކައުންސިލުން ކޮށްދެންހުރި ހުރިހާކަމެއް ކުރާނެ ކަމަށެވެ. ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރ މުހައްމަދު ހުޝާމް ވިދާޅުވީ ކައުންސިލުތަކުން މި ޓެލެތޯންގައި އަމަލީ ގޮތުން ބައިވެރިވުމަށް އިސްނެގި ނެގުމަކީ މިހަރަކާތް ކާމިޔާބު ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އަދި އެކަމަށް ކައުންސިލްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ، މީގެ އިތުރުން ކައުންސިލުތަކަށް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން މެދު ނުކެނޑި 24 ގަޑިއިރަށް ބާއްވާ މި ޓެލެތޯންގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.