ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:56
ފެނަކަ ކޯޕަޜޭޝަން
ފެނަކަ ކޯޕަޜޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލައިގެ ދައުވާކުރުމުގެ މަރުހަލާ ނުނިމޭ
ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފެށީ ޖުލައި މަހުގެ ފަހުކޮޅު
ސިިވިލް ކޯޓުން ވަނީ ފައިސާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމްކޮށްފަ
ޖުމްލަ 17.8 މިލިއަން ރުފިޔާގެ މައްސަލައެއް

ލޯންޗުގެ ޚިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ގަންނަން ފެނަކަ ކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައިގެ ދައުވާކުރުމުގެ މަރުހަލާ އަދިވެސް ނުނިމޭ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ އަކީ، މައްސަލައެއްގެ ތަހުގީގު ނިންމުމަށް ފަހު އެ މައްސަލައެއްގައި ދައުވާ  ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ޕީޖީ އޮފީހުގެ ވަކީލުންނާ ހިއްސާ ކުރުމަށް އޭސީސީ އާއި ޕީޖީ އޮފީހާ ގުޅިގެން ކުރިއަށް ގެންދާ މަރުހަލާއެކެވެ.

ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17.8 މިލިއަން ރުފިޔާ ދީފައި ވަނީ ޝަރޫ ލޯންޗް ސަރވިސަސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފަށާފައިވަނީ ޖުލައި މަހުގެ ފަހުކޮޅު އެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، ފެނަކައިން ވަނީ އެ ފައިސާ ހޯދުމަށް ޝަރޫ ލޯންޗް ސަރވިސަސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ފެނަކައިގެ 17.8 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރ ހައްޔަރުކޮށް ފުލުހުން ތަހުގީގު ހިންގާފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް އަހްމަދު ޝަރީފް ހަމަޖެއްސެވި އެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:08
ފދސަ
ޚަބަރު ރަގަޅެއްނޫން އެއްމިލިޔަން ޑޮލަރުގަތުމަށް ބޭނުންވާ ދިވެހި ފައިސާ ދިނީ ބޭންކް ރޭންޓުން. އެހެންވީމާ ހިސާބު ހައްދަވާ ތިއޮތްގޮތުން 1.8 މިލިޔަން ރުފިޔާ މަދު.