ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 11:48
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ
ރައީސް އޮފީސް
ނަސްރުގެ ދުވަސް
މާދަމާގެ އުފާ ފާގަތިކަން ހޯދޭނީ ކޮންމެ ދާއިރާ އަކުން ވެސް މަސްލަހަތަށް އިސްކަން ދީގެން މަސައްކަތް ކޮށްގެން: ރައީސް މުއިއްޒު
ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެ
ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު ކަމަށާއި، ގައުމަށާއި ދީނަށް އޮތް ލޯބި

މާދަމާގެ އުފާ ފާގަތިކަން ހޯދޭނީ ކޮންމެ ދާއިރާ އަކުން ވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަން ދީގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ގައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށް ދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މާދަމާގެ އުފާ ފާގަތި ކަމަށް ދިވެހީން ކުރާ އުންމީދު ތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާ އަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިހްލާސްތެރީން ކަމަށެވެ.

މީގެ އިތުރުން މިފަދަ އިޚުލާސްތެރި ދަރީން މި ގައުމުގައި ގިނަކޮށް ދެއްވުން އެދި ރައީސް މުއިއްޒު ވަނީ ދުއާ ކުރައްވާފައެވެ. އަދި ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސް ވިދާޅުވި އެވެ.

މި ދުވަހާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރު ކަމަށާއި، ގައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ. އަދި ޖާނާއި ލެއިން ގުރުބާންވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑު ގައި ތިބޭނެ ކަމަށާއި، ގައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސާޖިދާގެ ޕޯސްޓް ނިންމަވާލެއްވީ ތާއަބަދުމެ ނަސްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ގައުމުގައި ދެމެހެއްޓެވުން އެދި ދުއާ ކުރައްވަމުންނެވެ.

މީގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ކުރީގެ ރައީސުންނާއި، ނައިބު ރައީސް އަދި ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ވިދާޅުވެފަ އެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދަނީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހަކީ، ދިވެހި ޚާއިނުންގެ ބަޔަކު އެންމެ މި ޒަމާނުގެ ހަތިޔާރާ އެކު ބޭރުގެ ހަނގުރާމަވެރި ބަޔަކު ގޮވައިގެން އެމީހުން އުފަންވި އެމީހުންގެ އަމިއްލަ ވަތަނަށް އައިސް ވެރިކަމުގެ ދަހިވެތިކަމުގައި އެތައް މައުސޫމް ދިވެހިންނެއްގެ ލޭ މި ބިމަށް އޮހުރުވާލި ދުވަހެވެ. މީލާދީން 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާ ގުޅިގެން ދިން ހަމަލާއެކެވެ. މި ޓެރަރިސްޓު ހަމަލާ ރާވައި، ހިންގުމުގައި ޢަބްދުﷲ ލުޠުފީ އަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، ވާގިވެރިވެ ދިވެހި ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވި އެވެ.

ޚާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 ބޭކަލަކު ޒަޚަމްވި އެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެ އެވެ. ޒަޚަމްވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެ އެވެ. މީގެ އިތުރުން ދުޝްމިނުން ފިލައިގެން ދިއުމަށް ހައިޖެކު ކުރި އާގުބޯޓު (ޕްރޮގްރެސް ލައިޓް) ގައި މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީއަކު ވެސް މި ހަމަލާގައި ވަނީ މަރުވެފަ އެވެ.

- ކޮމެންޓް