ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ދައްކާފައި ވަނިކޮށް، އެ ބާވަތުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަކޮށްފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށް ޚާއްސަ ގަވާއިދެއް ރައީސް އޮފީހުން ގެޒެޓުގައި ޝާއިއުކުރީ ހުކުރު ދުވަހު އެވެ. މި ގަވާއިދަކީ ކަށިމިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، މި ވިޔަފާރި ރާވައި ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައެޅުމަށް ހަދާފައިވާ ގަވާއިދެއް ކަމަށް ގެޒެޓު ކޮށްފައިވާ ގަވާއިދުގައި ބުނެ އެވެ.
މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ލައިސަންސް ނަގަން ޖެހޭނެ އެވެ. މީގެ ތެރޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަށިމިޔަރު ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެ އެވެ.
ކަށި މިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޓީއެއް އެކުލަވައިލަން ޖެހޭނެ އެވެ.
ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.
ސާވޭގައި ބައިވެރިވި މީހުންގެ 61 އިންސައްތަ މީހުން ބުނެފައި ވަނީ، ދުނިޔޭގައި ހުރި 17 މިޔަރު ސެންކްޗުއަރީގެ ތެރެއިން އެއް ސެންކްޗުއަރީ އަކީ ދިވެހިރާއްޖެ ކަން އެމީހުންނަށް އެނގިފައިވާ ކަމުގަ އެވެ.
ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.
"ދިވެހިރާއްޖޭގެ މިޔަރު ސެންކްޗުއަރީ އަކީ ދުނިޔޭގައި ފާހަގަ ކުރެވޭ، އެންމެ މަތީ ދަރަޖައިގައި ތިމާވެށި ރައްކާތެރިކުރުމުގެ ރާއްޖޭގެ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ،" މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހާ ހާޝިމް ބުނެފައިވެއެވެ. "ގަލްޕަރ ޝާކު (ކަށިމިޔަރު) މަސްވެރިކަން އަލުން ފެށުމަކީ އަޅުގަނޑުމެންގެ ކަނޑުގެ ތިމާވެއްޓަށާއި، އިޤްތިޞާދަށާއި، އަދި ދުނިޔޭގައި އަޅުގަނޑުމެންގެ ނަން މަޝްހޫރުވެފައިވާ ގޮތަށް ނުރައްކާވާނެ ކަމެކެވެ."
"މި ތަރިކަ ރައްކާތެރި ކުރުމުގައި ސަރުކާރުގެ ދައުރު ވަރަށް މުހިންމެވެ - ސައިންސުން ސާފުކޮށް ދައްކައިދެނީ: ގަލްޕަރ ޝާކުގެ އާބާދީއަށް މަސްވެރިކަމުގެ ޕްރެޝަރ ތަޙައްމަލު ނުކުރެވޭނެ ކަމާއި، އެ ބާވަތުގެ މިޔަރު ނެތިދިއުމުން ނުރައްކާތެރި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެވެ." ޝަހާ ބުނެފައިވެއެވެ.
ގަލްޕަރ ޝާކް - ނުވަތަ ކަށިމިޔަރަކީ ޑޯގްފިޝްގެ ބާވަތެއްގެ މިޔަރެކެވެ. އެވްރެޖްކޮށް މި މިޔަރުގެ ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މިޔަރު ބޭނުމުގެ މައިގަނޑު މަޤްޞަދަކީ އޭގެ ހަށިގަނޑުގައި ސްކުއަލީން މާއްދާ މަތީ މިންވަރަކަށް ހުންނަ މޭގަނޑުގެ ބޭނުމަށެވެ. ދުނިޔޭގައި މި މާއްދާ ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޒީނަތްތެރިވުމުގެ ސާމާނު އުފައްދާ ސިނާއަތުގައެވެ. އަދި ބައެއް ބޭސްވެރިކަމުގެ ބޭނުންތަކުގައި ވެސް މެއެވެ.
މިއީ އެންމެ ލަހުން ބޮޑުވާ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ. އެހެންކަމުން، މާބޮޑަށް މި ބާވަތުގެ މަސްވެރިކަން ކޮށްފިނަމަ އޭގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. މި މިޔަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުނު ނަމަވެސް، އައިޔޫސީއެން ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީޒް ގައި މިހާރު ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ލިސްޓު ކޮށްފައެވެ.
2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދައްކައިދޭ ގޮތުގައި، 1982 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަށި މިޔަރުގެ އާބާދީ ވަނީ 97 އިންސައްތަ ދަށްވެފަ އެވެ. އަދި 1994 ވަނަ އަހަރާ ހަމައަށް އައި އިރު މިބާވަތުގެ މަސްވެރިކަން ވަނީ މުޅިންހެން ހުލިވެފަ އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް، މި ސާވޭ ހެދި ތިން ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓިސް) ގެ ދަށުން ދިވެހިރާއްޖެ އިން ވެފައިވާ ބައިނަލްއަޤްވާމީ އިޤްރާރުތަކާ އެއްގޮތަށް މިޔަރު ސެންކްޗުއަރީގެ ހައިސިއްޔަތު ދެމެހެއްޓުމަށެވެ.
އަދި މި ޖަމްޢިއްޔާތަކުން ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލާފައި ވަނީ، މުއިއްޒު ސަރުކާރުގެ މި ޕްލޭން ހުއްޓުވުމަށް އެހީތެރިވެދިނުމުގެ ގޮތުން "އޮންލީވަން" ޕެޓިޝަނުގައި ސޮއިކުރުމަށެވެ. މި ޕެޓިޝޓިޝަނަކީ 2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ހިންގުނު ކެމްޕޭނެއްގެ މައްޗަށް ބިނާކޮށްފައިވާ ޕެޓިޝަނެކެވެ. 30،000 މީހުން އެ ޕެޓިޝަން ގައި ސޮއިކުރުމާ ގުޅިގެން، ލޯންގްލައިން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން އޭރު ނިންފައިވާ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މި މައްސަލައިގައި ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ފާޅުކުރާ ކަންބޮޑުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިކަމުން ކޮށްފާނެ އަސަރާ ދޭތެރޭގައި ވެސް ވިސްނާލަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ދިވެހިރާއްޖެ އަކީ މިޔަރު ބެލުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. މިޔަރު މަސްވެރިކަން އަލުން ފެށުމުން މި ސިނާއަތައް އަސަރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.