މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި މި އަހަރުގެ ސައުންޑްސްޓޯމް މިޔުޒިކް ފެސްޓިވަލުގައި ބައިވެރިވާ ގޮތައް ހަމަ ޖެހިއްޖެ ކަމަށް ސައުދީ މީޑިއާ އިން ބުނެފިއެވެ.
ސައުންޑްސްޓޯމުން އިއުލާނު ކުރި ގޮތުގައި ގްރެމީ އެވޯޑް ލިބިފައިވާ ރެޕާ ކާޑީ ބީ މިއަހަރުގެ ޑިސެމްބަރުގައި ބާއްވާ 2025 ވަނަ އަހަރުގެ އިވެންޓުގެ މައި ޝޯގައި ބައިވެރިވެ ޕާފޯމް ކުރާނެ އެވެ. މި ޝޯވ ގައި ލިލް ޔަޗްޓީ، މިގުއެލް، ޕިޓްބުލް، ސްވީޑިޝް ހައުސް މަފިއާ، ޓައިލާ، ޔަންގް ތަގް އަދި އިތުރު ގިނަ ތަރިން ބައިވެރިވާނެ ކަމަަށް ވެސް ބުނެފައިވެއެވެ.
މި އަހަރުގެ ފެސްޓިވަލުގައި ބެންސަން ބޫން، ކޭޓްރަނާޑާ، ލޮއިލް ކާނަރ އަދި ޕޯސްޓް މެލޯން ފަދަ އާޓިސްޓުން ބައިވެރިވާނެ ކަމަށް ވެސް ސައުންޑްސްޓޯމުން އިއުލާނު ކޮށްފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ގައި ބޭއްވޭ ތިން ދުވަހުގެ މިއުޒިކް ފެސްޓިވަލްގައި ކާޑީ ބީ ބައިވެރިވުމަކީ ޝޯވ ގެ ފޯރި އިތުރަށް ގަދަވާނެ ކަމެއް ކަމަށް ވެސް ސައުންޑްސްޓޯމް އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ ސައުދީ އަރަބިއްޔާގައި ކާޑީ ބީ ގެ ފުރަތަމަ ޕަރފޯމަންސް އެވެ.
ހިޕް ހޮޕް ތަރި ކާޑީ ބީ ވަނީ ސެޕްޓެމްބަރު މަހު އޭނާގެ ދެވަނަ އަލްބަމް "އެމް އައި ދަ ޑްރާމާ؟" ނެރެފައެވެ.
އޭނާގެ ފުރަތަމަ އަލްބަމް "އިންވޭޝަން އޮފް ޕްރައިވަސީ" އަކީ 15 އަހަރު ތެރޭގައި އަންހެން ރެޕާ އަކަށް ސޯލޯ "ބެސްޓް ރެޕް އަލްބަމް" ގެ ގްރެމީ އެވޯޑް ލިބުނު ފުރަތަމަ އަލްބަމެވެ.
މިއަހަރުގެ ސައުންޑްސްޓޯމްގެ ލައިންއަޕް ގައި ރެޕް، ރޮކް އަދި އޯލްޓަނޭޓިވް މިއުޒިކްގެ މަޝްހޫރު އާޓިސްޓުން ބައިވެރިވާ ކަމަށް ވަނީ ބުނެފައެވެ.
އިތުރު ތަރިންގެ ތެރޭގައި ސައުތު އެފްރިކާގެ ސެންސޭޝަން ޓައިލާ، ހިޕް-ހޮޕް އިނޮވޭޓަރ ޔަންގް ތަގް، ޕޮޕް އައިކަން އޭވާ މެކްސް، ޑީޖޭ އަދި ޕްރޮޑިއުސަރ ބްލެކް ކޮފީ، އަދި ސިންގަރ-ސޯންގްރައިޓަރ ހޯލްސީ ހިމެނެއެވެ.