ހއ. އަތޮޅުގެ ''ތިލައުތުރު އެވޯޑް 2025'' ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަޑައިނުގަތުމުން އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެއެމްވީ އަށް ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވިދާޅުވީ، މި އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މިނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ. އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި ހއ. އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކުލަބް ޖަމްއިއްޔާއެއް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލައުތުރު އެވޯޑްގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ދެމުންދާ ޚާއްސަ އެވޯޑެއް ކަމަށެވެ.
ޝަފީގު ވިދާޅުވީ، ދެ އަހަރުން އެއް އަހަރު ބާއްވާ ތިލައުތުރު އެވޯޑު ރަސްމިއްޔާތު ޝަރަފު ވެރިކޮށްދެއްވުމަށް ކުރީގެ ރައީސް ޔާމީން ދިއްދޫ އަށް ހޯމަ ދުވަހު ވަޑައިގަންނަވާނެ ކަމަށާއި، މި ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.
ޝަފީގު ވިދާޅުވީ އެންމެ ފުރަތަމަ ދައުވަތު ފޮނުއްވީ ރައީސް މުއިއްޒަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޝެޑިއުލް އޮތް ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.
ޝަފީގު ވިދާޅުވީ، އޭގެފަހުން ނައިބު ރައީސް މުހައްމަދު ލަތީފް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ފޮނުއްވި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ފޮނުވުމުން އެމަނިކުފާނު ދައުވަތު ގަބޫލު ކުރެއްވި ކަމަށެވެ.
މި ފަހުން ރާއްޖޭ ގައި ވެރިކަން ކުރެއްވި ރައީސުންނަށް ތަރުތީބުން ދައުވަތު ފޮނުއްވިއިރު، 28 ޖެނުއަރީ 2025 ގައި އެރަށަށް ރައީސް މުއިއްޒު ވަޑައިގަންނަވާ ވިދާޅުވީ ދިއްދޫ ގައި އެޅުމަށް ވެވަޑައިގެންފައިވާ އެއަރޕޯޓްގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ ކަމަށާއި، ދިއްދޫ ގެ ތަރައްގީ ގައި މި ސަރުކާރުން ނަތީޖާ ނެރެދޭނެ ކަމަށެވެ. ދެން އެރަށަށް ވަޑައިގަންނަވާނީ ފްލައިޓު ގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު ދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ މިއަހަރު ބިން ހިއްކުމާއެކު އެއަރޕޯޓްގެ އަމަލީ މަސައްކަތްފަށާއި، ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަނާއި ރަންވޭ އަދި ޢިމާރާތާއެކު ފެށޭ ހިސާބުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމައިދޭނަމޭ. ދެން މިރަށަކަށް އަންނާނީ އެ އެއަރޕޯޓްގައި ޖައްސާ ފްލައިޓުގައި. އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން އަންނަ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ހިމެނޭނެކަން ޔަގީން.
ރައީސް ޑރ.މުހައްމަދު މުއިއްޒު![]()
ނަމަވެސް މި އެއަރޕޯޓު މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނީ، ތިލައުތުރު އެވޯޑް ހަފްލާ އަށް ރައީސް މުއިއްޒު ވަޑައިނުގަންނަވާ ގޮތަށް ހަމަޖެއްސީ އެމަނިކުފާނު އެރަށަށް ވެވަޑައިގެންނެވި ވައުދުފުޅާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.