ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 13:43
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
މާލީ އިދާރާތައް
ރާއްޖޭގައި ހިންގާ ހުރިހާ މާލީ އިދާރާތަކުގެ އިސްވެރިންނަށް ދިވެހިން ހަމަޖައްސައިފި
އެމްއެމްއިން އެއްގޮތަށް ނިންމާފައި ވަނީ މިދިޔަ އަހަރު ޖޫން މަހު
އެމްއެމްއޭގެ ނިންމުން ތަންފީޒް ކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހު
އެމްއެމްއޭ އިން އެގޮތަށް ހަމަޖެއްސީ މާލީ އިދާރާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ނިންމުމާއި އެއްގޮތަށް ރާއްޖޭގައި ހިންގާ މާލީ އިދާރާތަކުގެ އިސްވެރިންނަށް ދިވެހިން ހަމަޖައްސާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ މާލީ އިދާރާތަކުގެ އެންމެ އިސްވެރިޔާގެ މަގާމަށް ނުވަތަ ދެ ވަނަ އަށް އެންމެ އިސްވެރިޔާގެ މަގާމަށް ދިވެއްސަކު ހަމަޖެއްސުމަށް އެ އިދާރާއިން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. އަދި އެ ނިންމުން ތަންފީޒް ކުރުމަށް އެއް އަހަރުގެ މުއްދަތެއް ދެވުނު ކަމަށް މަންސޫރު ވިދާޅުވިއެވެ. 

މަންސޫރު ވިދާޅުވީ މާލީ އިދާރާތަކުގެ އިސްވެރިންގެ ގޮތުގައި ދިވެހިން ކަނޑައެޅުމަށް ދިން މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު ހުރިހާ މާލީ އިދާރާތަކަކުން ވެސް އެމްއެމްއޭގެ އެ ނިންމުން ތަންފީޒް ކޮށް ނިންމާފައިވާ ކަމަށެވެ. 

މާލީ އިދާރާތަކުގެ އެންމެ އިސްވެރިޔާ އަށް ނުވަތަ ދެ ވަނަ އަށް އެންމެ އިސްވެރިޔާގެ މަގާމަށް ދިވެހިން ހަމަޖެއްސުމަށް ނިންމި ސަބަބާ ބެހޭ ގޮތުން މަންސޫރު ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ މާލީ އިދާރާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ދިވެހިންނަށް ލިބިފައިވާ ފުރުސަތު ވަރަށް ކުޑަކަމަށެވެ. 

އެހެން ކަމުން މާލީ އިދާރާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބެން ޖެހޭ ކަމަށާއި އެމްއެމްއޭގެ މަގުސަދަކީ އެ ފުރުސަތު ދިވެހިންނަށް ހޯދައި ދިނުން ކަމަށް މަންސޫރު ވިދާޅުވިއެވެ. 

މަންސޫރު ވިދާޅުވީ އެމްއެމްއޭގެ ނިންނުމާ އެއްގޮތަށް ރާއްޖޭގައި ހިންގާ ހުރިހާ މާލީ އިދާރާތަކުގެ އެންމެ އިސްވެރިންނަށް ހަމަޖެއްސި މީހުންނަކީ ކަމުގެ ތަޖުރިބާ ލިބިފައިވާ މަގާމްތަކަށް ގާބިލް މީހުން ކަމަށް މަންސޫރު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް