ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު އިސްލާހަކާ އެކު 2023 ވަނަ އަހަރު ގެ ސެޕްޓެމްބަރ 19 ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އަލުން އެކުލަވާލާ ނެރުނެވެ.
އޭގެ ފަހުން މިހާތަނަށް 4 އިސްލާޙެއް މި ސަރުކާރުން އެ ޤަވާއިދަށް ވަނީ ގެނެސްފައެވެ. ހުރިހާ ބަދަލެއް ވެސް މައިގަނޑު ގޮތެއްގައި ގެނެސްފައި ވަނީ ގަވައިދުގެ އެންމެ މާއްދާ އަކަށެވެ. އެއީ މާއްދާ 10.22 އެވެ. މަގްސަދު ވަރަށް ސާފެވެ. ބިޑު ކުރުމެއް ނެތި، ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލުމެވެ.
މި ގޮތުން 28 ޑިސެމްބަރ 2023 ގައި ގަވައިދުގައި "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި މަސައްކަތް ހަވާލު ކުރުން" ބަޔާން ކޮށްފައިވާ މާއްދާ އަށް ފުރަތަމަ ބަދަލު ގެނައެވެ. އެ ބަދަލު ގެނައި ބޭނުމެއް ކަމަށް ފެނުނީ ސީދާ ވަކި ބަޔަކަށް ޑައިރެކްޓް އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، އަމިއްލަ ފަރާތްތަކަށް އަމިއްލަ އިސްނެގުމަށް މަޝްރޫއުތައް ހުށަހަޅައިގެން މަސައްކަތް ލިބޭ ގޮތައް ހެދުމެވެ. އަދި މި ބަދަލު މިގޮތައް ގެނެސް އެކި މާއްދާތައް ވެސް އެ ބައްޓަމަށް ގެންދިއުމެވެ. މި ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫޢު އަކަށް ނުފެތޭ، ނަމަވެސް ތަރައްޤީ ގެ އަމާޒުތަކާއި ގުޅޭ މަޝްރޫޢު ތަކަށް އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަގު ފަހި ކޮށްދީފައި ވެއެވެ.
މި އިސްލާހުން ފާހަގަވީ، ޕްރޮޕޯސަލް ހުށަނޭޅޭނެ ކަންތައްތަކެއް ކަނޑައަޅާފައި އޮތުމެވެ. އޭގެ ތެރޭގައި ވަކި މަޝްރޫއު އަކަށް އިޢުލާން ކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކާއި، އިޢުލާން ކޮށްފައިވާ މަޝްރޫޢު ތަކާއި، އިއުލާން ކޮށް މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމުގެ އެއްވެސް މަރުޙަލާ އެއް ފަށައިފައިވާ މަޝްރޫއު ތަކެވެ. އެހެން ކަމުން އެ ފަދަ މަޝްރޫއު ތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމަށް އޮތީ ބުނެފައެވެ.
އެހެން ނަމަވެސް މި ވަރުން ފުދުނު ކަމަކަށް ނުވިއެވެ.
9 ސެޕްޓެމްބަރ 2024 ގައި އަލުން އެ މާއްދާ އަށް ބަދަލު ގެނައެވެ. މި ގޮތުން 2 ވަނަ އިސްލާހު ގައި ވެސް މައިގަނޑުގޮތެއްގައި ބަދަލު ކޮށްފައި ވަނީ، ހަމަ 10.22 ވަނަ މާއްދާ އެވެ. ކުރިން ގެނައި އިސްލާހާ އެކު ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތައް އޮތީ ހަދާފައެވެ. ދެވަނަ އަށް ގެނައި ބަދަލުގައި އެފަދަ ޕްރޮޖެކްޓްތައް ހަވާލު ކުރާ ފަރާތްތަކުގެ ޕާރފޯމަންސް ގެރެންޓީ ނެގުން އިސްތިސްނާ ކުރުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ދީފައިވެއެވެ. މީގެ އިތުރަށް ސިންގަލްސޯސް ޕްރޮކިޔޮމަންޓްގެ މާއްދާތަ ކަކަށް ގެނައި ބަދަލަކީ، ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ވަކި ބަޔަކު ކަނޑައެޅުމުގެ ބާރު ދިނުމާއި، އަދި އެގޮތުން ހަވާލު ކުރެވޭ މަސައްކަތްތަކުގެ އެއްބަސްވުމަށް ގެންނަ ބަދަލާއި އަގާއި މުއްދަތު އިތުރު ކުރުމުގެ ބާރު ވެސް އެ މަޖިލީހުން ނިންމާ ގޮތަށް ހެދުމެވެ.
26 ފެބުރުއަރީ 2025 ގައި އަނެއްކާ ވެސް މި މާއްދާ އަށް ބަދަލު ގެނައެވެ. މި ފަހަރުގެ ބަދަލުގައި ބުނެފައި އޮތީ، ގަވާއިދު ގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، ބިޑް ސެކިޔުރިޓީ އާއި ޕާރފޯމަންސް ގެރެންޓީ އިސްތިސްނާ ކުރުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ލިބޭ ކަމުގައެވެ.
12 އޮކްޓޯބަރ 2025 ގައި 4 ވަނަ ބަދަލެއް ހަމަ މި މާއްދާ އަށް ގެނައެވެ. އެގޮތުން މާއްދާ 10.20 އަށް މިފަހަރު ގެނައި ބަދަލަކީ ވަޒީރުންގެ މަޖިލީހުން ނިންމުމުން އެންމެ އަގުހެޔޮ ފަރާތެއް ހޯދުމަށް މަސައްކަތް ކުރުމެއް ނެތި، ވަކި ފަރާތަކުން ޚިދުމަތާއި، ތަކެތި އަދި މަސައްކަތް ހަވާލު ކުރެވޭނެ ގޮތް ހެދުމެވެ.
އަދި ކުރިން 3 ފަހަރު ވެސް ބަދަލުގެނައި 10.22 މާއްދާ 4 ވަނަ ފަހަރަށް އިސްލާހު ކުރީ، 2 ވަނަ އިސްލާހު ގައި ހަމައެކަނި ޕާފޯރމަންސް ގެރަންޓީ އިސްތިސްނާ ކޮށްފައި، 3 ވަނަ އިސްލާޙުގައި ޕާރފޯމަންސް ގެރަންޓީ އާއި ބިޑް ސެކިޔުރިޓީ އިސްތިސްނާ ކޮށްފައި އޮތުމުން ނުފުދިގެން އެޑްވާންސް ޕޭމަންޓް ވެސް ދެވޭނެ ގޮތް ހަދައި ދިނުމަށެވެ.
އެ ގޮތުން އެހެން މާއްދާ އެއް ގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް މަޝްރޫއު ތައް ހަވާލުވާ ފަރާތްތަކަށް %15 ގެ އެޑްވާންސް ޕޭމަންޓް ދެވޭގޮތަށް ހަދައިދިނެވެ.
އަދި އެންމެ ފުރަތަމަ އަމިއްލަ ފަރާތްތަކަށް މަޝްރޫއު ހަވާލު ނުކުރެވޭނެ ސަބަބުތައް ބަޔާން ކުރި އެ މާއްދާގެ ޖަދުވަލް 2 ގެ 3 ވަނަ ނަމްބަރު އުނި ކުރި އެވެ. އެހެން އެ ގޮތައް ހެދުމުން ކުރިން އިއުލާން ކޮށްފައި އޮތް މަޝްރޫއު އެއް ކަމަށް ވިޔަސް، އެ އިއުލާން އުވާލައި، ނުވަތަ ވަކި ފަރާތަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވާ މަޝްރޫއު އެއް ވިޔަސް އެ އެއްބަސްވުން ބާތިލު ކޮށް، ވަޒީރުންގެ މަޖިލީހުން ބޭނުންވާ އަމިއްލަ ކުންފުންޏަކަށް އެ މަޝްރޫއެއް ހަވާލު ކުރެވޭނެ ގޮތް ސަރުކާރުން ހެދީއެވެ.