ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންފައި ވަނީ މެންބަރު ފައިސަލް ނަސީމާއި މެންބަރު ސިޔާމު ކަމަށް ދެވަނަ ދައުރުގެ ހާޒިރީން ދައްކައިފި އެވެ.
މަޖިލީހުން އާންމު ކޮށްފައިވާ ހާޒިރީގެ ތަފްސީލުތަކަށްބަލާ އިރު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ހާޒިރުވެވަޑައިގެންފައި ވަނީ އެންމެ ދުވަހަކު އެވެ. މުޅި މި ދައުރުގައި 11 ޖަލްސާ ބޭއްވުނު އިރު ހުރިހާ ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައި ވަނީ 27 މެންބަރުންނެވެ. މަޖިލީހުގައި މުޅި ޖުމްލަ ތިބެނީ 85 މެންބަރުންނެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށިފައި ވަނީ ޖޫން ފަސް ވަނަ ދުވަހު އެވެ. މިއަހަރުގެ ދައުރުގައި އެހެން ދައުރުތަކަށް ވުރެ، މަދުން ޖަލްސާތައް ބޭއްވި ނަމަވެސް، މިދައުރު ފާހަގަކުރެވިގެންދިޔައީ އެންމެ ހަލަބޮލި އެއް ދައުރުގެ ގޮތުގަ އެވެ.
އެގޮތުން މަޖިލީހުގައި ތަޅު އެޅުވުމާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވަނީ ވެސް މިދައުރުގަ އެވެ.
މީގެ އިތުރުން މިދައުރުގެ އެންމެ ފަހު ޖަލްސާތައް ބާއްވާފައި ވަނީ ސެކިއުރިޓީން ޗެމްބަރުގައި ބައިތިއްބައިގެންނެވެ. އަދި އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މަޖިލީހުގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.