Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 18:36
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
"ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ރުފިޔާ ހުސްކޮށްލީ އެއްވެސް ޒިންމާދާރުކަމެއް ނެތި"
ފުލުހުންގެ ބޭނުންތަކަށް ދޫކުރި ތިން ރަށެއް އަނބުރާ ނެގުމުގެ ބަދަލުގެ ގޮތުން ދައުލަތުން ދިން 64 މިލިއަން ރުފިޔާ އެއްވެސް އުސޫލެއް ނެތި ހުސްކޮށްލާފައިވޭ
64 މިލިއަން ރުފިޔާގެ ތެރެއިން 58.3 މިލިއަން ރުފިޔާއަކީ އަނބުރާ ނުލިބޭނެ ފައިސާ ކަމަށް ފުލުހުން އަމިއްލައަށް ނިންމާފައިވޭ
ފުލުހުންނާ ގުޅޭ އެހެނިހެން ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް މާލިއްޔަތު ކޮމިޓީން ދަނީ ތަހުގީގުކުރަމުން

ފުލުހުންގެ ބޭނުންތަކަށް ދޫކުރި ތިން ރަށެއް އަނބުރާ ނެގުމުގެ ބަދަލުގެ ގޮތުން ދައުލަތުގެ ބަޖެޓުން ދޫކުރި 64 މިލިއަން ރުފިޔާ އެއްވެސް އުސޫލެއް ހަމައެއް ނެތި ބޭނުންކޮށް ހުސްކޮށްލާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ތަހުގީގަކުން ހާމަވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އަންގާރަ ދުވަހު ހާމަކުރެއްވި ގޮތުގައި، މި މައްސަލައަކީ ވިސްލްބްލޯވަރަކު ހުށަހެޅި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކޮމިޓީން ބެލި މައްސަލައެކެވެ.

ފުލުހުންގެ އެކި ބޭނުންތަކަށް ސަރުކާރުން ދޫކޮށްފައިވާ ކ. ފޭދުފިނޮޅާއި، ޅ. ދިއްފުށިމާދޫ އަދި ޅ. މާބިންހުރާ، ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން އަނބުރާ ނެގުމާ ގުޅިގެން، ބަދަލުގެ ގޮތުގައި ދޫކުރި މި ފައިސާ ހޭދަކޮށްފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލު ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، މި ފައިސާ އިން ބޭންކް އޮފް މޯލްޑިވްސް އަށް 24 މިލިއަން ރުފިޔާ ޖަމާކުރުމާއި، ދެ ސައިކަލް ޝިޕްމަންޓަށް ތިން މިލިއަން ރުފިޔާ، ވެލްފެއާ ފަންޑަށް 2.3 މިލިއަން ރުފިޔާ، އަދި "ބްލޫސް ފޭސް" އަށް ފަސް މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން، ޕޮލާޓޭ ރެސްޓޯރަންޓް ހެދުމަށް 2.8 މިލިއަން ރުފިޔާ އާއި ފިހާރައިގެ ހަރަދުތަކަށް 9.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

"މި ފައިސާއިން 58.3 މިލިއަން ރުފިޔާއަކީ އަނބުރާ ނުލިބޭނެ ފައިސާކަމަށް ފުލުހުން އަމިއްލަ އަށް ވެސް ނިންމާފައިވޭ. އަދި އަނބުރާ ލިބޭނެ ކަމަށް ބެލެވެނީ އެންމެ 3.1 މިލިއަން ރުފިޔާ އެކަނި," ނާޒިމް ވިދާޅުވިއެވެ.

ޅ. މާބިންހުރާގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަދިވެސް އެއްކޮށް ލިބިފައިނުވާކަން ފާހަގަކުރައްވަމުން، އެ މައްސަލަ އިތުރަށް ބަލަންޖެހޭ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

އަދި މި ފައިސާ ހޭދަކޮށްފައިވަނީ ފުލުހުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރުފިޔާއަށް ބަދަލުކޮށްފައި ހުރީ ޑޮލަރުން ލިބުނު ފައިސާ ކަމަށެވެ. އަދި އެ ޑޮލަރުތައް ފައިސާއަށް ބަދަލުކޮށްގެން ލާރިތައް ހުސްކުރީ ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މި ފައިސާއިން ރެސްޓޯރެންޓެއް ހަދަން ވެސް ހަރަދުކޮށްފައި އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރުން ވެސް ފުލުހުންނާ ގުޅޭ އެހެނިހެން ކޮރަޕްޝަންގެ މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި 'ބްލޫ ހައުސިން' ސްކީމްގެ މައްސަލަވެސް ހިމެނެއެވެ.

- ކޮމެންޓް