ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 15:22
ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް --
ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް --
މުހައްމަދު ފަޒީން
ޕީޖީ ބިޝާމްގެ މައްސަލައެއް
ޕްރޮސެކިއުޓަރ ޖެނަރަލް ބިޝާމްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ
މަހްލޫފް ވިދާޅުވީ ޕީޖީ ބިޝާމް މާސްޓާރސް ޑިގްރީ ހެއްދެވިކަމަށް ގަބޫލު ނުކުރެވޭ ކަމަށް
ބަންޑާރަ ނައިބުގެ އޮފީހުން ކުރި އެ ޚަރަދު ހޯދަންޖެހޭ ކަމަށް މަފްލޫފް ވިދާޅުވި
ބަންޑާރަ ނައިބުގެ އޮފީހުން އެމައްސަލަ ނުބެލީ ބިޝާމްއަކީ އޭރު އެ އޮފީހުގެ އިސްމާގާމެއްގައި ހުންނެވި ފަރާތެއް ކަމަށްވާތީ ކަމަށް މަހްލޫފް ވިދާޅުވި

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް މާސްޓާރސް ހެއްދެވުމަށް ކަމަށް ބުނެ އެޓާރނީ ޖެނަރަލްގެ އޮފީހުން ކޮށްފައިވާ ކަމަށްބުނާ ޚަރަދު ހޯދުމަށާއި އެމައްސަލަ ބަލައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިސް މަގާމެއްގައި ކުރިން ހުންނެވި ބިޝާމް 2010 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ޚަރަދުގައި އެ އޮފީހުގެ ފަރާތުން ބިޝާމްއަށް މާސްޓާރސް ޑިގްރީއަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ކޯސް ފުރިހަމަ ކުރުމަށްޓަކައި އެޓާރނީ ޖެނަރަލްގެ އޮފީހުން މުސާރަ ލިބޭ ގޮތަށް އެއް އަހަރު ދުވަހުގެ ޗުއްޓީއެއްގައި ނިއުޒިލޭންޑަށް ވަޑައިގެންނެވި ކަމަށެވެ.

އެ ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި، އެޓާރނީ ޖެނަރަލްގެ އޮފީހާއި ބިޝާމްއާއެކު ބޮންޑު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަަމަށް ވެސް މަހްލޫފް އޭސީސީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެ އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ފުރިހަމަކޮށް، އޮފީހުގެ  ޚިދްމަތަށް ނުކުންނަވަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، ކޯސް ފުރިހަމަ ކޮށްފައިނުވާނަމަ، އެ ކޯހަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ. އަދި ކޯސް ފުރިހަމަ ކުރިކަމަށް ބެލެވޭނީ ކޯހުގެ ސެޓްފިކެޓް އެ އޮފީހަށް ހުށަހެޅުމުން ކަމަށްވެސް އެއް އެއްބަސްވުމުގައިވާ ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މާސްޓަރސް ހެއްދެވި ކަމަށްބުނާ އެކޯހުގެ ސެޓްފިކެޓް އެޓަރނީ ޖެނަރަލްގެ އޮފީހަށް ހުށަހަޅުއްވައިފައި ނުވާއިރު، އެ އޮފީހުން ތަކުރާރުކޮށް، އެ ސެޓްފިކެޓް ހުށަހެޅުއްވުމަށް ބިޝާމް އަށް ދެންނެވި ނަމަވެސް ހުށަހަޅުއްވައިފައި ނުވާކަމަށާއި އަދި ބިޝާމް އޭރު ހުންނެވީ އެޓާރނީ ޖެނަރަލްގެ އޮފީހުގެ އިސް މަގާމެއްގައި ކަމަށްވާތީ މަގާމުގެ ނުފޫޒު ވެސް ބޭނުން ކުރައްވައިފައިވާ  ކަމަށް ވެސް މަހްލޫފްގެ އެސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ސީޓީގައި  މަހުލޫފް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން ބިޝާމް އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ ސީވީ ތަކުގައިވެސް މާސްޓާރސް ޑިގްރީ ހައްދަވާފައިވާކަން ނުވަތަ މާސްޓަރސް ޑިގްރީގެ ސެޓްފިކެޓް ހިމަނުއްވައިފައި ނުވަނީ އެ ކޯސް ފުރިހަމަ ނުކުރައްވާތީ ކަމަށް ބެލެވޭ ކަމަށެވެ.

އޭރު ބިޝާމްއަކީ އެޓާރނީ ޖެނަރަލްގެ އޮފީހުގެ އިސް މަގާމެއްގައި ހުރި ފަރާތެއް ކަމުން، އެ އޮފީހުގެ ފަރާތުން އެމައްސަލަ ބަލާފައިނުވާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެކަމަކީ ބިޝާމް މަގާމުގެ ނުފޫޒު ފޯރުއްވައިގެން ކުރައްވައިފައިވާ ކަމެއް ކަމަށްވާތީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް މިމައްސަލަ  ބައްލަވައި ދެއްވާ، ބިޝާމްގެ ފަރާތުން ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އެދޭ ކަމަށް އޭސީސީ ރައީސް ލުތުފީއަށް މެމްބަރު މަހްލޫފް ފޮނުއްވި އެ ސިޓީގައި ދަންނަވައިފައިވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް