Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 16:43
ލޫޓުވައިފި މުޒާހަރާގެ މޮސައިކް އިމޭޖެއް
ލޫޓުވައިފި މުޒާހަރާގެ މޮސައިކް އިމޭޖެއް
ރާއްޖެއެމްވީ ގްރެފިކްސް
އެމްޑީޕީ
މިނިވަން މުއައްސަސާތައް މެދުވެރިކޮށް ހިންގަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓާލުމަށް އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރުން އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށް އެމްޑީޕީން ބުނޭ
އެމްޑީޕީން ބުނާ ގޮތުގައި ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށް ޗިޓު ފޮނުވަމުންދަނީ ނޮވެންބަރު 17 ގެ އެއްވުމަށް ހުރަސްއެޅުމަށް

ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ސަރުކާރުން ހިންގަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓާލުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 2018 ވަނަ އަހަރު އެމްޑީޕީ އިން ވެރިކަމާ ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ މަގުސަދުގައި ވަކި ބަޔަކަށް އަމާޒުކޮށް، ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، އެއްބަސްވުންތައް ބާޠިލުކޮށް، ވިޔަފާރިތައް ހުއްޓުވާލުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ވައުދުވެގެން ކަމަށެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް، ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައަކީ، އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާޠިލުކުރުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކާ ގުޅޭ މައްސަލައެކެވެ. ޕީޕީއެމްގެ ސަރުކާރުން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުންތައް ބާޠިލުކޮށްފައިވަނީ ޤާނޫނީ އެއްވެސް ހަމައެއް ނެތި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ސްވިފްޓް އިންޖިނިއަރިންގ އިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓެއްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް 2 ޕްރޮޖެކްޓުން ގެއްލުނު މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދަޢުވާއެއް ނުކުރާ ގޮތަށެވެ.

ސްވިފްޓް އިންޖިނިއަރިންގގެ ވެރިޔާ އަދި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމަންޓް ކޮމިޓީން ޢަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާ ކަމަށް ހާމަކުރައްވާފައެވެ. އެމްޑީޕީގެ ސަރުކާރުން، ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަން މި މައްސަލައިންވެސް ހާމަވާކަމަށް އެމްޑީޕީގެ ނޫސް ބަޔަނުގައި ފާހަގަކުރައްވާފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ، މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީން ތުހުމަތުކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި މިފަދަ ސާފު މައްސަލައެއްގައި ރައީސް މުޢިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށް ޗިޓު ފޮނުވަމުންދަނީ، ނޮވެންބަރު 17 ގައި ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

- ކޮމެންޓް