އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ. އޭސީސީގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އަހުމަދު އަމީން ސޮއިކޮށްފައިވާ އަމުރުގައިވާ ގޮތުން، ފައްޔާޒް އޭސީސީ އަށް ހާޒިރުވާން ޖެހެނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
މިކަން ހާމަކުރައްވަމުން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް ލިބިފައިވީ ނަމަވެސް، އެއްވެސް އިރެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އޭސީސީގެ އަމުރުގައިވާ ގޮތުން ފައްޔާޒް އޭސީސީއަށް ހާއިޒިރުވާން އަންގާފައިވަނީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ތުހުމަތުގައެވެ.
އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިއްޖެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ.
— Fayyaz Ismail (@faya_i) October 9, 2025
އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރަން. ފާއިތުވި ދެ އަހަރަކީ… pic.twitter.com/FZom2rrSBP
އިތުރަށް ފައްޔާޒް ފާހަގަކުރެއްވީ، މިވަގުތު އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާކަމުގައެވެ. އަދި ފާއިތުވި ދެ އަހަރަކީ ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނަން،
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް![]()
އެމްޑީޕީގެ ޗެއަރޕާސަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ވެރިކަމުގެ ސަބަބުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން އިތުރަށް ސާފުވެގެން ގޮސްފައިވެއެވެ. އަދި މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް، އަދި އެންމެން ޖަލަށްލީ ނަމަވެސް، ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.