ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާ އަހުމަދު ވިސާމްގެ މައްޗަށް ތުހުމަތުކުރެވޭ ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގެ އިސްތިއުނާފު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ބާތިލްކޮށްފި އެވެ.
އެ މައްސަލާގައި ހިމެނޭ ޑްރަގް ފެނުނީ ޑިސެމްބަރު، 2017، ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ފުލުހުން ޑްރަގް ހޯދީ ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރަނިކޮށް، އެ ތަނުގެ ތެރެއިން ފެނުނު ރިމޯޓަކަށް، ފިތާލުމުން އެލާމް އެޅި ސައިކަލު ބަލައިފާސްކުރަނިކޮށެވެ.
އެހެން ނަމަވެސް، އެއީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަކެތިކަން ސާބިތުކޮށް ނުދެވޭ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގެންގުޅޭ މައްސަލަތައް މުރާޖާކުރުމުގެ ސިޔާސަތުގެ ދަށުން، މި މައްސަލަ ބެލުމަށްފަހު ވަނީ މައްސަލަ ބާތިލުކުރަން އެދިފައެވެ.
މައްސަލަ ބާތިލުކުރަން އެދުނު ސަބަބުތަކުގެ ތެރޭގައި މައްސަލަ ހިނގިތާ އަށް އަހަރުވެފައިވުމާއި، އިސްތިއުނާފީ މައްސަލައަށް ފަސް އަހަރުވީއިރުވެސް ނުނިމި އޮތުމާއި، 2020 އިން ފެށިގެން ވިސާމްގެ އިތުރު މައްސަލައެއް ހުށަހެޅިފައި ނެތުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވިސާމްއަކީ 2020 ވަނަ އަހަރު 61 ކިލޯގެ ހެރޮއިން ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރި މީހެކެވެ. އެ މައްސަލައިގައި 11 މީހަކު ހައްޔަރުކުރެވުނު ނަމަވެސް، ކުށް ސާބިތުވެގެން އުމުރަށް ޖަލަށްލެވުނީ ހަމައެކަނި ޑްރަގު ގެނައި ދޯނީގައި ތިބި މީހުންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިސާމްއަކީ ޕާކިސްތާނާއި އިރާނުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ ގޮތުގައެވެ.
އެހެން ނަމަވެސް ހައިކޯޓުން މިހާރު ވަނީ ޕީޖީގެ އެދުމުގެ މަތިން މި މައްސަލަ ބާތިލުކޮށްފައެވެ. ޕީޖީން އެދުނު ގޮތަށް ހައި ކޯޓުން މައްސަލަ ބާތިލުކޮށްފައިވާއިރު، ދެން އެއްވެސް ކޯޓަކަށް މި މައްސަލަ އިސްތިއުނާފު ކުރާކަށް ހުށަނޭޅޭނެ އެވެ.