އިންސާފުނުލިބި ޕަބްލިކް އޯޑަރ ގާއިމްނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު މީކާއީލް ވިދާޅުވީ ރާއްޖޭގައި އަދި މާލޭ ކެޕިޓަލް ސިޓީގައި ޕަބްލިކް އޯޑަރ ގާއިމްކުރަން ބޭނުންވާނަމަ ފުލުހުންގެ ޒިންމާ އިންތިހާއަށް ބޮޑު ކަމަށާއި، ފުލުހުން އެޒިންމާ ނުނަގާ އާއްމު މަސްލަހަތު ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.
އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޫޓުވައިފި މުޒާހަރާއަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެމުޒާހަރާގައި، ފުލުހުންގެ ފަރާތުން ހަތިޔާރު ބޭނުންކުރުމުގައި ޕަބްލިކް އޯޑަރ ގާއިމް ކުރުމަށް މަސައްކަތް ކުރި މަންޒަރު ފެނިފައިނުވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެދޭ އެންމެ އަސާސީ އެއް ކަމަކީ ހަތިޔާރެއް ބޭނުންކުރާ ނަމަ އެ ހަތިޔާރެއް ބޭނުންކުރުމުގެ އެސްއޯޕީއެއް ފުލުހުންގެ މުއައްސަސާގައި ލިޔެ، ޝާއިރު ކޮށްފައި އޮތުން ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. ނަމަވެސް މުޒާހަރާގައި ބޭނުންކުރި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ)އާ ގުޅޭ އެސްއޯޕީ ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ ޕަބްލިކް އޯޑަރ ގާއިމްކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އިންސާފު ނުލިބި ޕަބްލިކް އޯޑަރ ގާއިމްވާނެ ކަމަށް އެއްވެސް މީހަކު ދެކުމަކީ އެމީހެއްގެ ކޮސްކަން ކަމަށެވެ. އިންސާފު ނުލިބި ރާއްޖޭގައި ޕަބްލިކް އޯޑަރ، އަދި އާއްމު މަސްލަހަތާއި، އާއްމު ހަމަޖެހުން ގާއިމް ނުވާނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.
އެހެންނަމަވެސް ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އެތައްހާސް ރައްޔިތުންނާ ދެކޮޅަށް އެމީހުންގެ ކަންފަތްބުޑުގައި ބޭނުން ކުރަމުންދިޔައިރު މިކަމާ ގުޅޭ އެންމެ ކުޑަމިނުން މިކަމަކާ ގުޅޭ އެސްއޯޕީގަނޑެއްހާ މިންވަރު ވެސް ފުލުހުންގެ މުއައްސަސާގެ ފަރާތުން މިހާތަނަށް ޝާއިރު ކޮށްފައިނުވާކަން މިއީ އަޅުގަނޑު ހިތާމަ ކުރާކަމެއް. މިއީ އިންޑިސްކްރިމިރޭޓްކޮށް އެއަށް މިއެއް ނުބަލާ ކުޑަ ކުއްޖެއް ބޮޑު މީހެއް މުސްކުޅިއެއް ބަލި މީހެއް ނުބަލާ މުޒާހަރާއާ ނުގުޅޭ މީހުން ވެސް ޝާމިލުވާ ގޮތަށް އޭގެ އަސަރު ކުރާނެ ގޮތަށް ބޭނުން ކުރެވިގެންދިޔަ ހަތިޔާރެއް. އަޅުގަނޑު މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ބިލުގެ މަގުސަދަކީ ޕަބްލިކް އޯޑަރ ގާއިމްކުރުން. އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް އެދެނީ ޕަބްލިކް އޯޑަރ ގާއިމްކުރަން. ރައްޔިތުން އެދެނީ ވެސް ޕަބްލިކް އޯޑަރ ގާއިމްކުރަން. އެހެންނަމަވެސް އިއްޒަތްތެރި ރައީސް، އިންސާފުނުލިބި ޕަބްލިކް އޯޑަރ ގާއިމްވާނެ ކަމަށް އެއްވެސް މީހަކު ދެކުމަކީ އެމީހެއްގެ ކޮސްކަން. އިންސާފު ނުލިބި ދިވެހިރާއްޖޭގައި ޕަބްލިކް އޯޑަރ ވެސް އާއްމު މަސްލަހަތު ވެސް އާއްމު ހަމަޖެހުން ގާއިމްވާނެ ކަމަށް ދެކުމަކީ އެބައެއްގެ ކޮސްކަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
މީގެ އިތުރުން މެންބަރު މީކާއީލް ވަނީ ފުލުހުންގެ ފަރާތުން ކުރިއަށް އޮތްތަނުގައި ޕަބްލިކް އޯޑަރ ގާއިމްކުރުމަށް އާއްމު މަސްލަހަތާއި، އާއްމު ހަމަޖެހުން ގާއިމްވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ގޮވާލާފައެވެ. އަދި އޮކްޓޫބަރު 3 ގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން ވެސް ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.