ޕީއެންސީގެ ތިން މެންބަރެއްގެ އަތުން މުޒާހަރާއަށް ބައިލައްކަ ރުފިޔާ ލިބުނު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ފައްޔާޒް ވިދާޅުވީ ޕީއެންސީގެ މަޖިލިސް 3 މެންބަރުން ގުޅުއްވާ އެމްޑީޕީން ކުރައްވާ މަސައްކަތް ވަރަށް މުހިންމު ކަމަށް ވިދާޅުވި ކަމަށާއި އަދި އެބޭފުޅުންގެ ފަރާތުން 50 ހާސް ރުފިޔާ ލިބުނު ކަމަށެވެ. އަދި އެފަދަ ޙަރަކާތްތައް ގިނައިން ހިންގުމަށް އެދިލެއްވި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ މަޖިލިސް ދެތިން މެންބަރެއް އިއްޔެއާއި އޭގެ ކުރީ ދުވަހު އަޅުގަނޑަށް ގުޅާ ވާހަކަ ދެއްކި. ވިދާޅުވީ އަސްލު ވަރަށް މުހިންމޭ ތިބޭފުޅުން ތިކުރައްވާ މަސައްކަތް. ތިމަންނާމެންނަށް ކަމެއްވަނީވެސް ވަޒީފާއެއް ހަމަޖެއްސެނީވެސް ލޯނެއް ލިބެނީވެސް ލާރިކޮޅެއް ލިބެނީވެސް އެމްޑީޕީން ކަންކަން ކުރީމައޭ. މިފަހަރުވެސް ވަރަށް ފައިދާ ވެއްޖޭ. ދެން 50 ހާސް ރުފިޔާ އަޅުގަނޑުމެންނަށް ލިބުނު އެބޭފުޅުންގެ ފަރާތުން މި މުޒާހަރާއަށް.
ފައްޔާޒް އިސްމާއިލް![]()
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ މުޒާހަރާއަކީ ނިރުބަވެރި ޙަރަކާތެއްގެ ގޮތުގައި ނައިބުރައީސް ހުސައިން ސިފަ ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއްގައި ހުންނެވުމުންކަން އެނގިލައްވާ ކަމަށެވެ. އަދި ހުސައިން ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށްކަން އެނގިލައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ މުޒާހަރާއަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫންކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް އަޒުލު ކުރައްވައި ނައިބުރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.
އޭގެއިތުރުން ފައްޔާޒް ރޭ ވިދާޅުވީ މަޖީދީމަގުން އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދަން ޖެހުނީ، ފުލުހުން ދީފައި އޮތް ރޫޓުން ދިޔަނަމަ އެހެން ގޮތަކަށް ކަންތައްތަކެއް ދިމާވެދާނެ ކަމަށް ބެލެވުމުން ކަމަށެވެ.
އަޅުގަނޑުމެންނާ ފުލުހުންނާއި ވަރަށް ރީތިކޮށް ވާހަކަ ދެކެވިގެން އަޅުގަނޑުމެން އެބޭފުޅުންނަށް ހުށަހެޅިން އަޅުގަނޑުމެން ދާން ބޭނުންވާ ރޫޓު. އަދި އެއާ ގުޅިގެން އެބޭފުޅުން އަޅުގަނޑުމެން ފޮނުވަން ބޭނުންވާ ރޫޓެއް ފޮނުވާފަ އޮތީ. އަޅުގަނޑުމެންގެ އަމާޒު ހިފާފަ އޮތީ ހަމަ އެގޮތަށް އެރޫޓުން އަޅުގަނޑުމެން ދިއުމަށް. އެހެން ނަމަވެސް އެބޭފުޅުން ނެރުނު ނޫސްބަޔާން އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ބޮޑެތި އިލްޒާމް ތަކެއް އެޅުވީމަ އަޅުގަނޑުމެން އެކަން ބެލިއިރުގައި އަޅުގަނޑުމެންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓު އެބައޮތް. އޭގެން އަޅުގަނޑުމެންނަށް އެނގުނީ އަޅުގަނޑުމެންނަށް ފުލުހުން ދިން ރޫޓުން އަޅުގަނޑުމެން ދިޔަ ނަމަ އެބޭފުޅުން ކުރި އިލްޒާމާ ގުޅޭ ކަންކަމެއް އެރޫޓުގައި ހިންގަން ރާވާފައި އޮތްކަން. އެހެންވެގެން ޅުގަނޑުމެން ފަހުވަގުތގުގައި މަޖީދީ މަގާ ދިމާލަށް އަނެއްކާވެސް މިޝްރާބު ޖެހީ.
ފައްޔާޒް އިސްމާއިލް![]()
ފައްޔާޒް އެފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފަ އެވެ.