ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަރާރެއް ފާސްކޮށްފި އެވެ.
ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައި ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން ތާއީދުކުރައްވައި ހުށަހެޅުއްވި މި ގަރާރު ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ކުއްލި ގައުމީ މަޖިލީހުގައި ބައިވެރި މެމްބަރުންގެ އިއްތިފާގުންނެވެ.
ހޯރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި މި ގަރާރަކީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިސްނަގައިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް އެތަކެއް އަނިޔާތަކެއް ދީފައިވާތީ މި ސަރުކާރުން ހިންގި އެ ނުބައި އަމަލުތައް ކުއްވެރިކޮށް، އެކަންކަމާއި ޕާޓީގެ ފަރާތުން ދެން އަޅަންޖެހޭ ފިޔަވަޅުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.
ސަލީމް ހުށަހެޅުއްވި މި ގަރާރުގައި ބުނީ ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށް ޓަކައި، އެމްޑީޕީން އިސްނަގައިގެން، ހުކުރު ދުވަހުގެ ރޭ ގިނަ އަދަދެއްގެ މީހުންނާއި އެކު ސުލްހަވެރި ސިޔާސީ އެއްވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވައިފައިވާއިރު، އެ އެއްވުމަށް ހުރަސް އެޅުމަށް އަދި އެއްވުމުގެ ސުލްހަވެރިކަން ނަގައިލުމަށް، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް އެކިއެކި ކަންކަން ކޮށްފައިވާ ކަމަށެވެ.
އަދި މި އެއްވުމުގައި ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، އެތައް ރައްޔިތުންނަކަށް އަނިޔާވެފައިވާކަން މި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށް ޓަކައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިސްނަގައިގެން، މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވީ ހުކުރު ދުވަހު، ނުހަނު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ސުލްހަވެރި ސިޔާސީ އެއްވުމެއް ބާއްވައިފައިވީ ހިނދު؛
ދެންނެވުނު އެއްވުމަށް ހުރަސް އެޅުމަށް އަދި އެއްވުމުގެ ސުލްހަވެރިކަން ނަގައިލުމަށް، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް އެކިއެކި ކަންކަން ކޮށްފައިވާކަން ފާހަގަވާން އެބަ އޮތް
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު![]()
ގަރާރުގައި ބުނީ މުޒާހަރާގެ ތެރެއިން ރައްޔިތުންނަށް އަނިޔާވެރިވުމުގެ ގޮތުން، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް، ފުލުހުން މިހައިތަނަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިނުވާ، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންގެ ކަންފަތަށް ގެއްލުންވެ، ނަފްސާނީ ގޮތުން އުނދަގޫވުމުގެ އިތުރުން، ސިއްހީ އެހެނިހެން މައްސަލަތަށްވެސް ކުރިމަތިވެފައިވާކަން އެނގޭ ކަމަށެވެ.
އަދި މި އަމަލަަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުއާހަދާއެއްކަމަށްވާ، ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއްކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގަރާރުގައި ބުނީ އެލްއާރުއޭޑީ ބޭނުން ކުރީ މުޒާހަރާގައި އެފަދަ އެއްވެސް ހާލަތެއް އޮވެގެން ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މުޒާހަރާގެ ތެރެއިން، އަނިޔާވެރިކަމާއެކު ހައްޔަރުކުރި އެއްވެސް މީހަކަށް، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވުމުން، އެކަމަކީ، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށެވެ.
ދެންނެވުނު ޢަމަލަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުއާހަދާއެއްކަމަށްވާ، ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއްކަން ފާހަގަވާ ހިނދު؛
ދެންނެވުނު ހަތިޔާރު ބޭނުން ކުރީ އެފަދަ ހާލަތެއް އޮވެގެން ނޫން ކަމަށް ގަބޫލު ކުރެވޭ ހިނދު،
ދެންނެވުނު އެއްވުމުމުގެ ތެރެއިން، އަނިޔާވެރިކަމާއެކު ހައްޔަރުކުރި އެއްވެސް މީހަކަށް، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވުމުން، އެކަމަކީ، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށް
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު![]()
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މީހުން ހައްޔަރު ކުރުމަށްފަހު، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އަދި އެއްވެސް ކުށެއްގެ ހެއްކެއް ނެތި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.
އަދި އެ ސަބަބަށް ޓަކައި، މި ވަގުތު އެ މީހުން ބައިތިއްބައިފައި ވަނީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭ ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.
ދެންނެވުނު އެއްވުމުގައި، ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މީހުން ހައްޔަރު ކުރުމަށްފަހު، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އަދި އެއްވެސް ކުށެއްގެ ހެއްކެއް ނެތި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށްވީ ސަބަބަށް ޓަކައި، މި ވަގުތު އެ މީހުން ބައިތިއްބައިފައި ވަނީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭ ހިނދު؛
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު![]()
މީގެ އިތުރުން މުޒާހަރާއާއި ގުޅިގެން ބަންދުގައި ތިބި އެއްވެސް މީހަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މިހައިތަނަށް ވެސް ދީފައި ނުވާކަން ފާހަގަކޮށް ގަރާރުގައި ބުނީ އެފަދައިން ކަންތައް ކުރީ ބަންދުގައި ތިބި މީހުންނަށް ކޮށްފައިވާ އަނިޔާތައް ހާމަވެގެން ހިނގައިދާނެތީކަން އެނގޭ ކަމަށެވެ.
މި ސަބަބުތަކާއި ގުޅިގެން އިގުރާރުވެފައިވާ ކަންކަން:
ނޮވެމްބަރު މަހުގެ 17 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކުރިއިރު، ހުކުރު ދުވަހުގެ ރޭ އެ ޕާޓީން އިންތިޒާމް ކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުން ފުލުހުން ރޫޅާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށްށެވެ.
އަދި މި އެއްވުމުގެ ތެރެއިން އެތައް ބަޔަކަށް ފުލުހުން ބޮޑެތި އަނިޔާތައް ދީފައިވާއިރު، މުޒާހަރާގެ ތެރެއިން އަށް މީހަކު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އަދި ފުލުހުންގެ މި އަނިޔާގެ ޝިކާރައަކަށް ވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި އިއިޖީއެމްއެޗްގެ ސީސީޔޫގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ.