ހުކުރު ދުވަހުގެ ރޭ އެތައް ހާސް ބަޔަކު ރައީސް މުއިއްޒުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ވެރިކަން ކުރާ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވިއެވެ. ސަރުކާރަށް އެ މަންޒަރު ބަލަން އުނދަގޫވި ނަމަވެސް ސަރުކާރުން ދެއްކި އެއްވެސް ބިރަކަށް ޖެހިލުމެއް ނެތި ދިވެހި އަންހެނުންނާއި، ފިރިހެނުން، ޒުވާނުންނާއި ދުވަސްވީ މީހުން މުޅި ސަރަހައްދު ފުރާލިއެވެ. ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ނުކުންނަ ފޮޓޯ ގަނޑެއް ވުޖޫދުވިޔަ ނުދޭން މާ ދުރާލާ ކުރަމުން ދިޔަ މަސައްކަތް ފެއިލުވެ، ހަކަތަ ހުރި ޖޯޝުން ފުރިގެންވާ ރައްޔިތުންގެ ބޮޑު ބާރެއް އެ ސަރަހައްދެއް އޮތީ ޖަމާވެފައެވެ.
އެއާއެކު ސަރުކާރުގެ ވެރިން ދެން މަސައްކަތް ފެށިތަން ފެނުނީ ފުލުހުން ބޭނުން ކޮށްގެން އެ ވަރުގަދަ ބާރު މަޖީދީމަގުން ރަށުތެރެއަށް އަޔަކު ނުދިނުމެވެ. ފަތިފައްޗަށް ބެރިކޭޑް ތައް ހިފައިގެން ތިބި ރަޔަޓް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާ ހުއްޓުވިއެވެ.
އެވަރަކުން އަދި ނިންމައެއް ނުލައެވެ. ސުލްހަވެރިކަމާ އެކު އަޑު އުފުލާ ކުރިއަށް ދާން މަސައްކަތް ކުރި މީހުންގެ އަނގަޔަށާއި ލޮލަށާއި ބޮލަށް މިރުސް ދުން ޖެހިއެވެ. އެއާއެކު އޭގެ ގަދަ ދިލަޔާ އެކު ބައެއް މީހުން ބިންމައްޗަށް ވެއްޓުނެވެ. ބައެއް މީހުން ނޭވާ ހާސްވެ ހަސްފަތާލަށް ގެންދަން ޖެހުނެވެ. އެކަކަށް ވަރަށް ސީރިއަސް ހާލަތެއް ދިމާވިއެވެ.
ޕެޕަރ ސްޕްރޭ އެތައް ފަހަރަކު ޖަހައިގެން ވެސް މީހުންގެ ހިތްވަރު ބަލިވާތަން ނުފެނުމުން ދެން ފެށީ އެހެން ހަތިޔާރެއް ބޭނުން ކުރާށެވެ. އެއީ ގަދަފަދަ އަޑެވެ.
ފުލުހުން ދޭން ބޭނުންވާ މެސެޖެއް ދިނުމުގެ ކުރިން މުޒާހަރާތަކުގައި އެއްވާ މީހުންގެ ސަމާލުކަން ހޯދުމަށް މީގެ ކުރިން ވެސް ގަދަ އަޑެއް އިއްވައެވެ. އެހެން ނަމަވެސް އެއީ މަދު ސިކުންތު ކޮޅަކަށެވެ. އެކަން ކޮށްފައިވަނީ ހަމަ އެކަނި ފުލުހުން ދޭން ބޭނުންވާ އެނައުންސްމެންޓެއް ދިނުމުގެ ކުރިން ސަމާލު ކަން ހޯދުމަށެވެ.
ހުކުރުވިލޭރޭގެ މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް މުޅިން ތަފާތެވެ. ގަދަ އަޑުފައްގަނޑެއް އެތައް އިރެއް ވަންދެން މެދުކަނޑާނުލާ ޖައްސާފައި ހުއްޓެވެ. އެއާ އެކު މުޒާހަރާ ކުރާ މީހުން އިތުރަށް ރުޅި ގަދަވެ، އެ ހިސާބުގެ އާންމުންނަށް ޚާއްސަ ކޮށް ކުޑަކުދިންނަށް އެކަމުން އުނދަގޫވާނެ ކަމަށް ގޮވާ ހަޅޭއްލަވަމުން ދިޔައެވެ. އެހެން ނަމަވެސް ފުލުހުން ދިޔައީ، މުޒާހަރާ ކުރާ މީހުންނަށް ބީރު ކަންފަތެއް ދީ އެ އަޑުފައްގަނޑު އިއްވަމުންނެވެ.
ރާއްޖޭގެ ސެކިއުރިޓީ ޚިދުމަތްތަކުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން، ރޭގައި ބޭނުން ކުރި ގޮތައް އެ އާލާތް ބޭނުން ކޮށްފައި ނުވާ ކަމަށެވެ. "އެއީ ކަނޑައެޅިގެން އެ ޑިވައިސް އެބިއުސް ކުރުން،" ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޭގައި ނުހަނު ބޮޑެތި ގެއްލުންތައް އެކުލެވޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ނުވަތަ "ސައުންޑް ކެނަން" ފަދަ ސޯނިކް އާލަތްތަކަކީ ހަތިޔާރުގެ ގޮތުގައި ބެލޭ އެއްޗެކެވެ.
ތެދެކެވެ. މިފަދަ ހަތިޔާރުން ވަޒަނެއް ނުޖަހައެވެ. އޭގެ ބަދަލުގައި އިންސާނުންނަށް އަމާޒު ކޮށް ފޮނުވަނީ ގަދަ އަޑުގެ ރާޅުތަކެވެ. އެއާއެކު އެއިން ލިބޭ ވޭން ވެސް ނުހަނު ބޮޑެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން އިންތިޒާމު ކުރި ސުލްހަވެރި މުޒާހަރާގައި ބައިވެރިންނާ ދެކޮޅަށް ބޭނުން ކުރި އަޑުގެ ސަބަބުން އެތައް ބަޔަކަށް އޭގެ އަސަރު ކުރިއެވެ. ހޮނިހިރު ދުވަހަށް އެޅި އިރު ވެސް ބައެއް މީހުންނަށް އޭގެ އުނދަގޫތައް ނުފިލާ ހުއްޓެވެ.
remember this face. https://t.co/Z0hhMCiWtV pic.twitter.com/UsNSF5pfS5
— aaidh 🇵🇸 (@aaaaaidh) October 3, 2025
އެލްއާރުއޭޑީ އިން ނުކުންނަ އެކޯސްޓިކް ސިގްނަލްތައް 1 ކިލޯމީޓަރު (0.62 މޭލު) ދުރުން ވެސް ވަރަށް ބާރަށް އިވެއެވެ. އެއީ އަޑުގެ ރާޅުތައް ބޭރު ކުރެވެނީ ވަރަށް މަތީ ޕްރެޝަރެއްގައި ކަމަށްވާތީއެވެ.
އެލްއާރްއޭޑީ ތަކުން ފޮނުވާ އަޑުގެ ބާރު މިނުގައި 150 ނުވަތަ 160 ޑެސިބަލް އަށް ވާސިލުވެވޭ ކަމަށް ބުނެވެއެވެ. އެއީ ފައިޓަރ ޖެޓެއް ނައްޓާލާ ވަގުތުން އޭގެ އިންޖީނުން ބޭރުވާ އަޑަށް ވުރެ ގަދަފަދަ އަޑެކެވެ. ފައިޓަރ ޖެޓެއްގެ އިންޖީނުން އުދުއްސާ ވަގުތު ގާތްގަނޑަކަށް 130 ޑެސިބަލްގެ އަޑެއް އުފެދެއެވެ. އާންމު ވާހަކަދެއްކުމުގެ އަޑު ހުންނަނީ ގާތްގަނޑަކަށް 60 ޑެސިބަލްގައެވެ.
އެވްރެޖްކޮށް، 90 ނުވަތަ 100 ޑެސިބަލް އަށް ވުރެ މަތީ އަޑުތަކަކީ އަޑުއިވޭ މީހުންނަށް އުނދަގޫވާ އަޑުތަކެކެވެ. އަދި 120 ޑެސިބަލް އަށް ވުރެ މަތީ އަޑުތަކުން ހަށިގަނޑަށް ވޭން ލިބެއެވެ.
ސޯނިކް ހަތިޔާރަކީ 'ފުރާނަ ނުގެއްލޭ' ޒާތުގެ ހަތިޔާރު ކަމަށް ކީ ނަމަވެސް އޭގެ ބާރު އަޑުގެ ރާޅުތައް ކަންފަތުގެ ހިނދުރީގައި ވަރަށް މަތީ ޕްރެޝަރެއްގައި ޖެހި، އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ.
120 ޑެސިބަލް ނުވަތަ އެއަށް ވުރެ މަތީ އަޑުތަކުން ލިބޭ ވަގުތީ ވޭނުގެ އިތުރުން، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މިފަދަ އަޑުތަކަށް ހުށަހެޅުމުން ދާއިމީ ގޮތަކަށް ބީރުވުމުގެ ނުރައްކަލާ ވެސް ކުރިމަތިވެދާނެއެވެ. އިތުރުން، ނަފްސާނީ ގެއްލުންތައް ވެސް ލިބިދާނެއެވެ. އޭގެ އިތުރުން އެހެނިހެން ބަލިތައް ހުންނަ ފަރާތްތަކަށް އޭގެ ގެއްލުން ވަރަށް ބޮޑުވެދާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި، ނަފްސާނީ ގެއްލުން ދިނުމަށް އަޑު ބޭނުންކުރެވުނެވެ: ނާޒީން ގެ ވައިގެ ބާރުން މީހުން ބިރު ގެންނެވުމަށް ސައިރަންތައް ބޭނުން ކުރިއެވެ.
ފަހަކަށް އައިސް، ސޮމާލިޔާގެ އައްސޭރިފަށުގައި ދުއްވާ މުދާ އުފުލާ ބޯޓުތަކުގައި އެލް.އާރްއޭޑީ ބޭނުން ކޮށްފައި ވަނީ ކަނޑުފޭރޭ މީހުން ބިރު ގަންނަވާ ދުރުކުރުމަށެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ގްރީސްގެ ފުލުހުން އެ ގައުމުގެ އައްސޭރިފަށުން ވަގަށް އެތެރެވާ މީހުން ބިރުގަންނަވާ ފައްސާލުމަށް އެކޯސްޓިކް ހަތިޔާރުތައް ބޭނުން ކޮށްފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ އިރު އެ ހާލަތްތަކާއި ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ހާލަތާއި އަޅާ ކިޔޭނެ ގޮތެއް ނެތެވެ. ފުލުހުން ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ގަދަ އަޑު އިއްވަމުން ދިޔައީ އެއްވެސް އުސޫލެއް ހަމައެއް އޮވެގެން ކަމަކަށް ވެސް ނުފެނެއެވެ. ފުލުހުން މި ޑިވައިސް ބޭނުން ކުރަމުން ގެންދިޔަ އިރު އެފަދަ ހަތިޔާރެއް ބޭނުން ކުރުމުގައި އަމަލު ކުރާނެ އެސްއޯޕީ އެއް އޮތް ކަމާ މެދުވެސް ސުވާލު އުފެދެއެވެ. މާލޭގެ ބައިބޯ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އެފަދަ ގެއްލުން ބޮޑު ހަތިޔާރެއް ބޭނުން ކުރި އިރު ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ބަލިއެނދުގައި ތިބޭނެ މީހުންގެ މަތިން ވެސް ހަނދާން ހުރިހެންނެއް ހިޔެއް ނުވެއެވެ. އިހްތިޖާޖަށް ނުކުންނަނީ އެހެން ގޮތެއް ނެތީމައެވެ. އެއަޑު އިއްވާނެ އެހެން މަގުތައް ބަންދުވީމައެވެ. އެގޮތުން މަޖުބޫރުވެގެން ނުކުންނަ މީހުންގެ ތެރޭގައި ވެސް އެކިއެެކި ބަލިބަލީގައި އުޅެން ޖެހިފައިވާ މީހުން ވެސް ތިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.