މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރުގެ ފަސް ޑިމާންޑެއް ރައީސް މުޢިއްޒަށް ހުށަހަޅައިފި އެވެ.
"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑިޕީން ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މާލީ ގެއްލުމަށްވުރެ ހައްގެއް ފޭރުން އެއީ މާބޮޑު ނުރައްކަލެއް ކަމަށާއި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހުރި ހައްގުތައް ފޭރިގަންފި ކަމަށެވެ. އަދި ރައްޔިތުން އެއްވާން ޖެހުނު ސަބަބަކީވެސް އެއި ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވަނީ ރައީސް މުޢިއްޒަށް ފަސް ޑިމާންޑެއް ހުށަހަޅައިފަ އެވެ. އެގޮތުން ފުރަތަމަ ޑިމާންޑަކަށް މައުރޫފް ހުށަހެޅީ، ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުމަށެވެ.
ދެވަނަ ޑިމާންޑަކަށް ހުށަހެޅި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސް އެޅުން ހުއްޓާލައި ކުރިއަށް އޮތް ފަސް ހަފްތާތެރޭ ކުންފުނިތަކަށް ފައިސާ ދިނުމެވެ.
ތިންވަނަ ޑިމާންޑަކަށް ހުށަހެޅީ، ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތައް އިއާދަކޮށް ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުމެވެ.
ހަތަރުވަނަ ޑިމާންޑަކަށް ހުށަހެޅީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އެއްކޮށް އުވާލުމެވެ.
އެންމެ ފަހު ޑިމާންޑަކަށް މައުރޫފް ހުށަހެޅި ޑިމާންޑަކީ، އާސަންދަ އާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް ދިވެހިންނަށް ލިބެމުންއައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމެވެ.
ސަކަރާތް ޖަހާކަށް ނޫން މިއައީ. ހޭކަށްވެސް ނޫން މިއައީ ލަވަޔަށް ނަށާކަށްވެސް ނޫން މިއައީ ރުޅިއައިސްގެން ހިންހަމަ ނުޖެހިގެން މިއައީ.
މައުރޫފް ޒާކިރް![]()
މައުރޫފް ވިދާޅުވީ ގާނޫނު އަސާސީ ފުނޑަލައިފި ކަމަށާއި މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލައިފި ކަމަށެވެ. އަދި ދިވެހި ވިޔަފާރި ތަކާއި މުޅި އިގްތިސޯދު ފުނޑާލައި މާލީ ނިޒާމު ފުނޑުފުނޑު ކޮށްލައިފި ކަމަށް މައުރޫފް ވިދާޅުވި އެވެ.