ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 13:16
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަދީބުގެ ބޭސްފަރުވާ
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް ކޯޓުގައި އެދިއްޖެ
މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށް
އަދީބު ބޭހަށް ނުފޮނުވާނެ ކަމަށް ސަރުކާރުން ބުނޭ
އަދީބުގެ ނުރައްކާތެރި ތިން ބައްޔެއް

ބޭސްފަރުވާއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅޭ ލިޔެކިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހުށަހަޅާފައިވީ ނަމަވެސް، އެތަނުގެ މެޑިކަލް ބޯޑަށް ލިޔެކިޔުންތައް ހުށަހަޅާފައިނުވެ އެވެ. އަދި ސަރުކާރުން ވެސް ބުނަމުންދަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ނުދޭނެ ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލުން މިދިޔަ ހަފްތާގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ކަރެކްޝަނާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. 

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. 

މެއި މަހުގެ ތެރޭގައި އެ މައްސަލަ ވަނީ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފަ އެވެ. އަދީބުގެ އައިލާއިން އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައި ވަނީ ދެ އަހަރު ވަންދެން އަދީބު އެކަހެރިކޮށްފައި ބޭއްވުމަކީ އެންޓި ޓޯޗަރ ގާނޫނާ ޚިލާފު ކަމެއްކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ނަޝްވާ ވިދާޅުވީ އެކަހެރިކޮށްފައި ބާއްވާފައިވާއިރު، ބޭސްފަރުވާކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދުކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ. އަދީބުގެ މައްޗަށް އިތުރު 10 ދައުވާއެއް އުފުލާފައިވާއިރު ކޯޓުގައި އަދީބުގެ 13 މައްސަލައެއް އެބައޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 09:35
ޔާމީން2018
ބޮޑެތި ހިޔާނާތާއި، މީހުން މެރުމާއި، 3 ނޮވެމްބަރ ގެ ހާދިސާ ފަދަ ހަގީގީ ޓެރަރަޒިިމްގެ އަމަލު ހިންގާ މީހުންނާއި މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުނާއި ބޮޑެތި ގާތިލުން ސިއްހީ ސަބަބުތަކަށް ޓަކައި ސަރުކާރުންނާއި ކޯޓުގެ އަމުރުގެ ދަށުން ބޭރަށް ފޮނުވުމަކީ ވަރަށްވެސް ވިސްނަންޖެހޭ ކަމެއް. ސަބަބަކީ އެފަދަ މީހަކު އެނބުރިއައިސް ޖަލަށް ދިއުމަށް ވުރެން ގާތީ ފިލުން. އެގޮތުން ފިލުން ނާކާމިޔާބު ވިއަސް ވަކިއިތުރު ބޮޑު އަދަބެއް ނައަންނާނެ. ސަގަރު ލުތުފީ ފަދަ މީހުންނަށް ބެލުމުން ބޭސްފަރުވާ ގެ ނަމުގައި ފިލުމަކީ މާ ދަތިކަމެއް ނޫންކަން އެނގޭ. މިފަދަ ކަންކަން ނިންމާއިރު އިތުރަށް ވިސްނަން ޖެހޭ ކަމަކީ ދިވެހިރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގާދެނީ 1 ލައްކަ ރުފިޔާ. އެގޮތުން ބަލާނަމަ 1 ބިލިޔަން ރުފިޔާ އަކީ ދިހަހާސް މީހުންގެ މަރުގެ ދިޔަ. ބޭރުގެ މޮޅެތި ޑޮކްޓަރުން ގެނެސްގެން އައި.ޖީ.އެމް.އެޗް ގައި ނުވަތަ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމުގެ މާލީ ގާބިލުކަން އަދީބުގެ ކިބައިގަ ހުންނާނެކަމަށް އުންމީދު ކުރަން.