ކ. މާލެ
|
26 ސެޕްޓެންބަރ 2025 | ހުކުރު 00:18
ކުރީގެ ރައީސް ޖޯ ބައިޑަންގެ ފްރޭމްގައި އޭނާގެ އޮޓޯޕެން ސޮއިގެ ފޮޓޯއެއް ވަނީ ހިމަނާފައި
ކުރީގެ ރައީސް ޖޯ ބައިޑަންގެ ފްރޭމްގައި އޭނާގެ އޮޓޯޕެން ސޮއިގެ ފޮޓޯއެއް ވަނީ ހިމަނާފައި
އެކްސް
ޖޯ ބައިޑަން
ވައިޓް ހައުސްގައި ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯގެ ތެރޭގައި ބައިޑްންގެ ސޫރައިގެ ބަދަލުގައި ހުރީ އޮޓޯޕެން އެއް
ވައިޓް ހައުސްގެ އާ "ޕްރެޒިޑެންޝަލް ވޯކް އޮފް ފޭމް" ގައި ކުރީގެ ރައީސް ޖޯ ބައިޑަންގެ ސޫރައިގެ ބަދަލުގައި އޮޓޯ ޕެން ސޮޔެއް ބެހެއްޓުމުން ހާއްސަ ސަމާލުކަމެއް ލިބިއްޖެއެވެ. މި ކަމަކީ ޓްރަމްޕްގެ ޚިޔާލެއް ކަމަށް ބެލެވޭއިރު، ކުރީގެ ރައީސުންނަށް ވައިޓް ހައުސްއިން އާންމުކޮށް ދެވޭ އިހްތިރާމާ ޚިލާފު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ވައިޓް ހައުސްގައި އަލަށް ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯ ތަކުގެ ތެރޭގައި ކުރީގެ ރައީސް ޖޯ ބައިޑްންގެ ނަމުގައި އިން ފޮޓޯ ގައި ވަނީ އޭނާގެ ސޫރައިގެ ބަދަލުގައި އޮޓޯ ޕެން އެކެވެ. މިއީ ސިޔާސީ ޕާޓީއަށް ބެލުމެއްނެތި، ކުރީގެ ރައީސުންނަށް ވައިޓް ހައުސްގައި އާންމުކޮށް ދޭ އިހްތިރާމް އާ މުޅިން ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

ބުދަ ދުވަހު އޯވަލް އޮފީސް ބޭރުގައި ހުޅުވި "ޕްރެޒިޑެންޝަލް ވޯކް އޮފް ފޭމް" ގައި ކުރީގެ ރައީސުންގެ ފޮޓޯތައް ރަން ފްރޭމް ގައި ބެހެއްޓިފައިވާއިރު، ރައީސް ޖޯ ބައިޑަންގެ ފްރޭމްގައި ހިމެނިފައިވަނީ އެމަނިކުފާނުގެ އޮޓޯޕެން ސޮޔެއްގެ ފޮޓޯއެކެވެ. މިކަން ހާމަވީ ވައިޓް ހައުސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުންނެވެ.

ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދެއްކި ވައިޓް ހައުސްގެ އޮފިޝަލަކު މީޑިއާ އަށް ބުނީ، ބައިޑަންގެ ބަދަލުގައި އޮޓޯ ޕެން ސޮއި ހިމެނުމަކީ ޓްރަމްޕްގެ ޚިޔާލުކަމަށެވެ.

ފާޅުކަންބޮޑު ގޮތަކަށް ވާހަކަ ދެއްކުމާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހަރުކަށި ފާޑު ވިދާޅުވުމަށް މަޝްހޫރު ޓްރަމްޕް ވަނީ، ބައިޑަންގެ ވެރިކަމުގައި ރަސްމީ ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އޮޓޯޕެން ބޭނުންކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޓްރަމްޕް ވަނީ ބައިޑަންގެ ނަފްސާނީ ދުޅަހެޔޮ ކަމާ މެދު ވެސް ސުވާލު އުފައްދަވާ، މުހިންމު ނިންމުންތައް ނިންމަނީ ބައިޑަން އަމިއްލައަށް ނޫންކަމަށާއި އެހީތެރިން ކަމަށް ވިދާޅުވެ އެކަމަށް ވެސް ހަޖޫ ޖައްސަވާފައެވެ.

ބައިޑަން އަދި އެމަނިކުފާނުގެ ކުރީގެ އެހީތެރިން ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ވެރިކަން ހިންގުމުގައި ބައިޑަންގެ ހިއްސާ ބޮޑުކަން ވަނީ ފާހަގަކުރައްވާފައެވެ. ބައިޑަންގެ ތަރުޖަމާނަކު ވިދާޅުވީ، އާ ފޮޓޯ އާ ގުޅިގެން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

އޮޓޯޕެން އަކީ މީހެއްގެ ސޮއި ރަނގަޅަށް ކޮޕީ ކުރުމަށް ބޭނުން ކުރާ ވަސީލަތެކެވެ. އާންމުކޮށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކުގައި ނުވަތަ ރަސްމީ ކަންކަމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. އެމެރިކާގެ މައި ދެ ޕާޓީ އަށް ނިސްބަތްވާ ރައީސުން ވެސް ވަނީ ސިޓީތަކާއި އިއުލާނުތަކުގައި ސޮއިކުރުމަށް މި އާލާތް ބޭނުންކުރައްވާފައެވެ.

ވައިޓް ހައުސްގެ ރަސްމީ އެކްސް އެކައުންޓުން ދައްކާފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ބުދަ ދުވަހު އޯވަލް އޮފީސް ބޭރުގައި ހަރުކޮށްފައިވާ މި ފޮޓޯތައް ބައްލަވާލައްވާފައެވެ.

ޖެނުއަރީ މަހު މަގާމާ ހަވާލުވެވަޑައިގަތީއްސުރެ ޓްރަމްޕް ގެންދަވަނީ ވައިޓް ހައުސްގެ އެތެރެއަށް ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން އަގުބޮޑު ރަންކުލައިގެ ފަރުނީޗަރުތައް އިތުރުކުރައްވައި، ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ބަރަކް އޮބާމާ އަދި ހިލަރީ ކްލިންޓަންގެ ފޮޓޯތައް މުހިންމު ތަންތަނުން ވަނީ ނަންގަވާފައެވެ.

މަސްދަރު: ރޮއިޓާރސް
- ކޮމެންޓް