ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިޔަންމާ ސަރުކާރުގެ ސިއްހަތާ ބެހޭ ވަޒީރު ޑޮކްޓަރ މަޔަންޓް ހުވައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެދަތުރު ކެންސަލްކުރައްވައިފި އެވެ.
'ރާއްޖެއެމްވީ' އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ހިއްސާކުރި ގޮތުގައި ޑރ.މަޔަންޓް ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ އަންގާރަ ދުވަހުގެ ރޭ އެވެ. އެހެން ނަމަވެސް މިހާރު ޑރ.މަޔަންޓް ވަނީ ރާއްޖެ ވަޑައިނުގަންނަވަން ނިންމަވާފައެވެ.
ޑރ.މަޔަންޓް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިމަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޑރ.މަޔަންޓްގެ ދަތުރުފުޅާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންދާ މި ދަނޑިވަޅުގައި ރާއްޖެއިން އާދިއްތަ ދުވަހު ވަނީ މިޔަންމާއާއެކު އޮތް ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާފަ އެވެ.
އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ޑރ.މަޔަންޓްގެ ދަތުރުފު ކެންސަލް ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. އިދިކޮޅު ފަރާތްތަކުން އެގޮތަށް ގޮވާލި އިރު ވެސް ސަރުކާރުން އެކަމަށް ވަކި އެއްޗެއް ބުނެފައެއް ނެތެވެ. ގިނަ ބަޔަކު ގަބޫލު ކުރަނީ ހެލްތް މިނިސްޓަރުގެ ދަތުރުފުޅު ކެންސަލް ކުރައްވަން ދިމާވި މައިގަނޑު ސަބަބަކީ ސޯޝަލްމީޑިއާގައި ފެތުރިގެން ދިޔަ ފާޑުކިޔުންތައް ކަމަށެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ އެ ގައުމުގެ ރަހީން ސްޓޭޓުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މުސްލިމުންގެ ގަޔަށް ބަޑި ޖަހާ މަރައި، އެމީހުންގެ ގެތަކުގައި ރޯކުރަމުންނެވެ. މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް ހިނގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަކުމް ގެންދާ އިސްލާމީ ގައުމުތަކުގެ އަޑު މަޑުކަން ފާހަގަކޮށްލެވެއެވެ.
ރޮހިންޖާ މުސްލިމުންނާމެދު ހިނގާ ލާއިންސާ އަމަލުތަކާ ގުޅިގެން މިޔަންމާ އާއިއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާ އިރު، އެގައުމުގެ 58000 މީހުން ބަންގަދޭޝްއަށް ވަނީ ހިޖުރަކޮށްފަ އެވެ. އަދި 100 އަށް ވުރެ ގިނަމީހުން ވަނީ ޒަހަމްވެފަ އެވެ.
އެ ސްޓޭޓަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ މޮނީޓަރުންނަށް ނުވަދެވޭ އިރު އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދު އަންދަމުންދަނީ ހައްދުފަހަނައަޅާފައިވާ ބުޑިސްޓު މީހުންނެވެ. އެގައުމުގެ މެޖޯރިޓީ އަކީވެސް ބުޑިސްޓުންނެވެ. ރާކީން ސްޓޭޓްއަކީ މިޔަންމާގެ އެންމެ ފަގީރު އެއް ސްޓޭޓް އެވެ. އެސިޓީގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަށްވުރެ ގިނަމީހުން ދިރިއުޅެމުންދެ އެވެ.