Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 12:46
ރައީސް ޑރ.މުހައްމަދު މުއިއްޒު ވ.ފެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ޑރ.މުހައްމަދު މުއިއްޒު ވ.ފެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް މުއިއްޒުގެ އިންޒާރު
ރައީސް މުއިއްޒުގެ އިންޒާރެއް: ގާނޫނު މުގުރާފައި، ގާނޫނާ ޚިލާފަށް ކަންކުރަން ފުރުސަތު ނުދޭނަން
ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓަންޖެހޭ
ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން އެބައޮތް
ރައްޔިތުން ބޭނުންވަނީ، އިހުތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ގައުމުގައި ހަމަޖެހުން ގާއިމުކުރަން

ގާނޫނު މުގުރާފައި، ގާނޫނާ ޚިލާފަށް ކަންކުރަން، މި ގައުމުގައި އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށާއި، އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓަންޖެހޭކަންވެސް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްގީކޮށް، އެމީހަކަށް ހައްގު އިހުތިރާމާއި އިއްޒަތް އަނެކާއަށްވެސް ހައްގުވާނޭކަން ބަލައިގަނެ، އެގޮތަށް އަމަލުތައް ބެހެއްޓުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، ދުރުހެލިވާންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ގާނޫނާ ބެހޭގޮތުން ގޮތްނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އަޅުގަނޑުމެންނަށް އޮތް އޯޕަން ލައިސެންސެއް ނޫން އަނެކާއާ ދޭތެރޭގައި ބަލާލުމެއް ނެތި ދޮގު ހަދަމުންދިޔުން ތެދު ބެލުމެއް ނެތި. މިކަން އަޅުގަނޑުމެންގެ ތެރޭގައި ރަނގަޅުކުރަންޖެހޭ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަންޏާ. އެހެންވީމަ ސިޔާސީ ފަރާތްތަކަށް ވެސް އަދި މީޑިއާގައި މަސައްކަތް ކުރާ ފަރާތްކަށް ވެސް އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްގެއް ނޫން އަނެކާއާ ބެހޭ ގޮތުން ނޫނީ އެއްވެސް ކަމަކާ ބެހޭ ގޮތުން ހަގީގަތެއް ވާހަކަތައް ދެއްކުން. ހަގީގަތް ބެލުމެއް ނެތި ވާހަކަތައް ދެއްކުމަކީ އަޅުގަނޑުމެންނަށް މުސްލިމުން މުސްލިމުންނަށްވީތީ ވެސް އޮތް ހައްގެއް ނޫން. އެގޮތަކަށް އެވާހަކައެއް ނުދެއްކޭނެ. އެހެންވީމަ އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް. ފުރިހަމަ މިނިވަންކަން ރާއްޖޭގައި އެބައޮތް. ތެދުބަހުން ވާހަކަ ދެއްކުމުގައި. ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ތަންމިނަށް ފުޅާ މިނަށް މިނިވަންކަން އެބައޮތް. އެއްވެސް ހިފެހެއްޓުމެއް ނެތް. ހުރިހާ ކަމެއް ރިޕޯޓު ކުރަންވީ. ލިޔަންވީ. ބޭނުންވަރަކަށް ލިޔަންވީ. އެކަމަކު ދޮގުވާހަކަ އެއް ނުލިޔެވޭނެ. އެނަކާއާ ބެހޭ ގޮތުން ހަގީގަތް ބެލުމެއް ނެތި ވާހަކަތަކެއް ނުލިޔެވޭނެ. އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމައެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ދިވެހި ރައްޔިތުން ބޭނުންވަނީ، އިހުތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދިއުން ކަމަށާއި، ގައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުންނުވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް