Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 10:03
ހުކުރުދުވަހުގެރޭ އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން
ހުކުރުދުވަހުގެރޭ އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން
އެކްސް
ފުލްސްޓޮޕް މޫވްމަންޓް
'ފުލްސްޓޮޕް މޫވްމަންޓް' އުފައްދައިފި، ފުރަތަމަ ހަރަކާތަކަށް ބުރާސްފަތި ދުވަހު މާލޭގައި ބޮޑު ހިނގާލުމެއް
ފުލްސްޓޮޕް މޫވްމެންޓަކީ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތެއް
ފުލްސްޓޮޕް މޫވްމަންޓުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފަ
ރައީސް މުއިއްޒު މިހާރު އަމާޒު ހިއްޕަވައިގެން ހުންނެވީ ތަރައްގީއާ ބީރައްޓެހި ހުދުމުހުތާރު ވެރިމަކެއް މިގައުމުގައި ގާއިމް ކުރުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރޭ

ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ މަދަނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، "ފުލްސްޓޮޕް މޫވްމަންޓް" ގެ ނަމުގައި މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ހަރާކާތެއް އުފައްދައިފިއެވެ.

މި ހަރަކާތް ވުޖޫދުވެފައިވާކަން އިއުލާނުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުނު އެއްވުމެއްގައި މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަންގެ ނައިބު ރައީސް މުޙައްމަދު ޝަހްޒާނެވެ.

އެއްވުމުގައި ވާހަކަދައްކަވަމުން ޝަހްޒާން ވިދާޅުވި ގޮތުގައި މި ހަރަކާތަކީ ހަމައެކަނި މީޑިއާ ކޮންޓްރޯލް ގާނޫނާ ގުޅޭ ކަންބޮޑުވުންތަކަށް އަމާޒުކޮށްފައިވާ ހަރަކާތެއް ނޫންކަމުގައެވެ. އޭގެ ބަދަލުގައި، ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަންނަ ކޮންމެ ހަނިކުރުމަކާ ދެކޮޅަށް އަޑުއުފުލާނެ ހަރަކާތެއްގެ ގޮތުގައި މި މޫވްމަންޓް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލްސްޓޮޕް މޫވްމަންޓް އުފެދިގެން މިއައީ ސަރުކާރުގެ ފަރާތުން ހިންގާ ނޭއްގާނީ ކަންކަމުގައި ފުލްސްޓޮޕް ޖެހުމަށް" ކަމަށް ޝަހްޒާން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސަރުކާރުން ހިންގާ ވައްކަމާއި ކޮރަޕްޝަން، ވެރިންގެ އާދަޔާ ޚިލާފު ބާރުވެރިކަން އަދި ސަރުކާރުގެ ވެރިންނާއި އެ ފަރާތްތަކުގެ ދަރިންނަށް ކުރާ ބޭކާރު ޚަރަދުތައް ހުއްޓުވުން ހިމެނެއެވެ.

ދިވެހިރާއްޖޭގައި ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ދެމިއޮތްހާ ހިނދަކު މި ހަރަކާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޝަހްޒާން ދެއްވިއެވެ. އަދި މިހާރުވެސް ގިނަ މަދަނީ ޖަމްއިއްޔާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ބައެއް ޖަމްއިއްޔާތައް މިހާރުވެސް މި ހަރަކާތާ ގުޅިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މިއަދު އަޅުގަނޑުމެން އެކުގާ މިތެދުވަނީ މި ގައުމުގައި ހިންގާ ވައްކަމާ ކޮރަޕްޝަނާއި ފަސާދައިގައި ފުލްސްޓޮޕް ޖެހުމަށް. މިއަދު އަޅުގަނޑުމެން އެކުގާ މިތެދުވަނީ ވެރިންގެ އަބުއިކަމާއި އާދަޔާ ޚިލާފު ބާރުވެރިކަމުގައި ފުލްސްޓޮޕް ޖަހަން. މިއަދު އަޅުގަނޑުމެން އެކުގާ މިތެދުވަނީ ވެރީންނާއި ވެރީންގެ ދަރީންނަށް ކުރާ ބޭކާރު ހަރަދުތަކުގައި ފުލްސްޓޮޕް ޖަހަން. މިއަދު އަޅުގަނޑުމެން އެކުގާ މިތެދުވަނީ ސިއްރިއްޔާތުގައި ނާޖާއިޒް ގޮތުގައި ސަރުކާރުން ނަގަމުންދާ ފައިދާތަކުގައި ފުލްސްޓޮޕް ޖެހުމަށް. ދިވައިރާއްޖޭގައި ވައްކަމާފަސާދަ އޮތްހާ ދުވަހަކު ފުލްސްޓޮޕް މޫވްމެންޓް ދެމި އޮންނާނެ. ދިވެރާއްޖެއަށް ދެން އަންނަ ހުރިހާ ސަރުކާރެއް ޒިންމާދާރު ކުރުވުންމަތީ މިހަރަކާތް ދެމިއޮންނާނެ.

މުޙައްމަދު ޝަހުޒާން

ފުލްސްޓޮޕް މޫވްމަންޓުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ގޮތުން އަންނަ ބުރާސްފަތި ދުވަހު މާލޭގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ދިވެހިރާއްޖޭގެ އިގްތިޞާދީ ހާލަތު މިވަނީ މިއިން ޒަމާނަކު ނުދާހާ ދަށަށްގޮސްފައެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ދިވެހީންނަށް މިވަނީ ބޮޑު ތަކުލީފަަކަށްވެފައެވެ. މިތަކުލީފުތަކުގެ އަޑުތައް ކަނޑުވާލުމަށްޓަކާ ރައީސް މުއިއްޒުގެ ސަރުކާރުންވަނީ، މިނިވަން މިޑިއާ ނެތިކޮށްލާ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް ގާނޫނެއްހަދާ ތަސްދީގު ކުރައްވާފައެެވެ.

ރައީސް މުއިއްޒު މިހާރު އަމާޒު ހިއްޕަވައިގެން ހުންނެވީ ތަރައްގީއާ ބީރައްޓެހި ހުދުމުހުތާރު ވެރިމަކެއް މިގައުމުގައި ގާއިމް ކުރުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

- ކޮމެންޓް