Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 23:40
ފުލިދޫ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރަށު ކައުންސިލުން ރައީސް މުއިއްޒުއަށް ހަދިޔާއެއް ހަވާލުކުރަނީ
ފުލިދޫ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރަށު ކައުންސިލުން ރައީސް މުއިއްޒުއަށް ހަދިޔާއެއް ހަވާލުކުރަނީ
ރައީސް އޮފީސް
ބީއެމްއެލް
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި
ރައީސް މުއިއްޒު ފެއްޓެވި ހަތަރު އަތޮޅުގެ ދަތުރުފުޅުގައި ވ. ފުލިދޫ އާއި ތިނަދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ވަނީ ހުޅުއްވައިދެއްވާފަ
މި ދަތުރުފުޅުގައި ފުލިދޫގެ ބަނދަރު މަޝްރޫއު އަދި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނު
މި ދަތުރުފުޅުގައި ވ، ފ، މ އަދި ތ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގާތްވެފައި ވަނިކޮށް، ރައީސް ޑރ މުހައްމަދު މުއިއްޒު ހުކުރު ދުވަހު ފައްޓަވާފައިވާ ހަތަރު އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅުގެ ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުއްވައިދެއްވައިފި އެވެ.

އަށް ދުވަހުގެ މުއްދަތަށް ވ. އަތޮޅަށް ފެށި މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެ އަތޮޅު ފުލިދޫއަށާއި ތިނަދޫ އަށް ވަޑައިގެންނެވީ ހުކުރު ދުވަހުގަ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފުލިދޫ އާއި ތިނަދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފާއި އަދި ޗެއާޕާސަން އަހްމަދު އަލީ ހަބީބު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ދެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު، އެ ރަށްތަކުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމްއެލްގެ ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ވިދާޅުވެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އޭޓީއެމްގެ އިތުރުން، ފުލިދޫގައި އަލަށް ތަރައްގީ ކުރާ ބަނދަރުގެ މަޝްރޫއާއި ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުތައް ވެސް ބާއްވާފައިވެއެވެ. މީގެ އިތުރުން، އެ ރަށުގައި ވޮލީ ކޯޓެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި، ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައެވެ. މިގޮތުން ފުލިދޫގައި ވެސް ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ.

މި މަހުގެ 19 އިން 26 އަށް ކުރައްވާ މި ދަތުރުފުޅުގައި ވ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު، ފ. އަތޮޅާއި، މ. އަތޮޅު އަދި ތ. އަތޮޅަށް ރައީސް މުއިއްޒު ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ވ. އަތޮޅުގެ ތިން ރަށެއްގައި އަދި ފ. އަތޮޅުގެ ހަތަރު ރަށެއްގައި އައު އޭޓީއެމްތައް ޤާއިމްކުރެވޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

- ކޮމެންޓް