މާލޭގެ ނަރުދަމާ ނިޒާމުގެ ކަންކަން ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ އޯކިޑް މަގުގައި ހުރި ޖަންކްޝަނެއް ފުރި މުޅި ސަރަހައްދަށް ނަޖިސް ބޭރުވެ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ދެކޭ ގޮތުގައި މާލޭގެ ނަރުދަމާ ނިޒާމު ހަރުދަނާ ކުރުމުގެ ޒިންމާ އަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އެކަމަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
It's interesting to note that quite a no.of ppl think @HousingGovMv is responsible for solving sewerage issues,whilst wehave no such mandate
— Dr.Mohamed Muizzu (@MMuizzu) September 3, 2017
ރާއްޖޭގެ ވުޒާރާތައް ބެހިފައިވާގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް އެ ޚިދުމަތް ދިނުމަކީ އެންވައިރަމެންޓް މިނިސްޓްރީގެ މަސައްކަތެކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނަމުން އަންނަ ގޮތުގައި މިހާރު އެކައުންސިލުގެ މެންޑޭޓުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ބާރެއް މިހާރަކު ނޯވެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްބާރުލުމެއް ވެސް ސަރުކާރުން އެކައުންސިލަކަށް ނުދެއެވެ.
ކުރިއަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތަކީ 75 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޑަބްލިއުއެސްސީގެ ފަރާތުން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް ފެށި މަސައްކަތެކެވެ.
އެ މަސައްކަތުގެ ތެރޭގައި މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ނަޖިސް ޖަންކްޝަންތައް ފުރިގެން، މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. ރަނގަޅަށް ނަޖިސް ފްލޯ ނުވުމުގެ ސަބަބުން މަގުތަކަށް ނަޖިސް ލީކުވާ ނަމަވެސް، އެމްޑަބްލިއުއެސްސީން އޭރު ނިންމީ އެއް ޖަންކްޝަން އަނެއް ޖަންކްޝަނާ ގުޅުވުމަށް މިހާރު އަޅާފައި ހުރި ހޮޅިތަކަށް ވުރެ ތަންކޮޅެއް މަތިން އިތުރު ހޮޅި ލައިނެއް އެޅުމަށެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން ކަމަށް ބުނެ މަޖީދީމަގުގައި ސަރުކާރުން ދަނީ ޕްރޮޖެކްޓެއް ހިންގަމުންނެވެ. ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ އެމަގުގައިވެސް ހަދާނިމިފައިވާ ސަރަހައްދުތަކުގެ ފެންވަރާމެދުވެސް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.