ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 15:12
ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބައެއް ނޫސްވެރިން ދައްކުވައިދޭ ފޮޓޯއެއް: މީޑިއާގެ އަޑަކީ މުޅި ގައުމުގެ އަޑުކަމަށް ގައުމުގެ ރައްޔިތުން ދަނީ ބުނަމުން
ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބައެއް ނޫސްވެރިން ދައްކުވައިދޭ ފޮޓޯއެއް: މީޑިއާގެ އަޑަކީ މުޅި ގައުމުގެ އަޑުކަމަށް ގައުމުގެ ރައްޔިތުން ދަނީ ބުނަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބިލުގެ އަސްލު ބަފާ ހަވާލުވިއިރު، ބިލުގެ މަރުހަލާގެ އަނެއް ފަރާތް
މީޑިޔާތައް ކޮންޓްރޯލްކޮށް ޚިޔާލުފާޅުކުރުން ކަފުން ކުރުމުގެ ބިލް ސަރުކާރުން އެވަނީ ފާސްކޮށްފައެވެ. އެބިލު ފާސްވެގެން އެދިޔައީ އަނެއްކާވެސް ސަރުކާރުގެ އަސްލު ސިފަ ބުނެދެމުންނެވެ.

ސަރުކާރަށް ވީހާދުވަހެއްވީ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކައާއި ސަރުކާރުގެ ކޮރަޕްޝަން އަދި ރައީސް މުއިއްޒު ކަނޑައެޅިގެން ހައްދަވާ ދޮގުތަކުގެ ވާހަކަ ދައްކާތީ އެކަން ހުއްޓުވުމުގެ މަސައްކަތުގައެވެ. ސޯޝަލް މީޑިޔާގައި ކާކުކަން ނޭނގޭގޮތައް ހާމަކުރާ އެފަދަ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހާމަވުން ހުއްޓުވާނޭ ގޮތެއް ދަނީ ކެނޑިނޭޅި ބަލަމުންނެވެ.

އެމަސައްކަތުގައި ފުރަތަމަ ޖަހާން އުޅުނީ ތަފާތު ޗައްކަރެކެވެ. މީޑިޔާތަކަށް ސަރުކާރުގެ ކުންފުނިތަކުންދޭ ސްޕޮންސަރ ކަނޑާލައިގެންނެވެ. ބޭނުންވާހާ އެއްޗެއް ލިޔެވޭގޮތައް އޮންލައިން މީޑިޔާތައް ހައްދުވާ އެމީހުންނަށް ފައިސާ ދީގެންނެވެ. ސަރުކާރުން ފައިސާ ދީގެން ސޯޝަލް މީޑިޔާގައި ވާހަކަ އަނބުރަން ގެންގުޅޭ ކުދިންކޮޅު ލައްވައެވެ. އެވެރިން ލައްވައި ސަރުކާރުގެ ޕްރޮޕެގެންޑާގެ އިތުރުން ސަރުކާރާ އިދިކޮޅު މީހުންނަށް ފާޑު ކިޔައިގެންނެވެ. އިންޒާރުތައް ދީގެންނެވެ.

އެ ފޯމިއުލާ މަސައްކަތް ނުކުރީމާ ދެންފެށީ މީޑިޔާތައް ރެގިއުލޭޓް ކުރުމުގެ ނަމުގައި ގާނޫނަކުން މީޑިޔާތައް ހަންމަތަ ކުރުމެވެ. ސޯޝަލް މީޑިޔާއަށް ބިރު ދެއްކުމެވެ. އެކަމުގެ މެދުވެރިއެއްގެ ރޯލް ކުޅުވީ ސަރުކާރުގެ ފަޅީގައި ހުރި އަމިއްލަ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ލައްވައެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާލަން ނަމަވެސް ނޫންނަމަ ވަގުތުން ވަގުތައްވެސް ކަން ނިންމާލުމަށް އޭނާ ހުށަހެޅި ފުރަތަމަ ބިލު އަނބުރާ ނެގިއެވެ. އަމާޒުވި ފާޑުކިޔުންތައް ބޮޑުވެގެންނެވެ.

އާނދޮގޭއޭ ތިޔަހެން ވިޔަކަ ނުދޭނަމޭ، ފެނުމަތީގައި ތިގޮތައް ތިއްބޭކަށް ލާހިކެއް ނޫނޭ ބުނާ ބީދައިން އޭނާ އަނެއްކާ އަނެއް ބިލު ހުށަހެޅިއެވެ. މީޑިޔާތައް ރެގިއުލޭޓް ކުރުމުގެ މާތް މަގުސަދުގައިކަމަށް ބުނެ ރީތި ނަމެއްގައެވެ.

ނޫސްވެރިންވެސް އަދި މަޖިލިސް މެންބަރުންވެސް ބުނަމުން ދިޔައީ ހަންނާނު ހުށަހެޅިއަސް އެބިލަކީ ސީދާ ސަރުކާރުގެ ބިލެއް ކަމަށެވެ. ގުރުބާންކުރާން މެދުވެރިކުރާ ކަންބަޅިއެއްގެ މިސާލުގައި ހަންނާނު ބޭނުން ކުރަނީ ސަރުކާރުން އެކަމުގެ ނަމުން ރެކެން ވެގެން ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދިޔައީ އެއީ ސަރުކާރާ ވައިވެސް އެޅޭ ބިލެއް ނޫންކަމަށެވެ. އެކަމަކު ބިލު ހުށަހަޅަމުން ހަންނާނުގެ ވާހަކައިންވެސް ހާމަވީ އެއީ ސަރުކާރުން އެހަދަނީ ކަނޑައެޅިގެން ދޮގުކަމެވެ.

ނަމުން އެކަހެރިވެގެން ހުރެ ސަރުކާރުން ދިޔައީ ބިލަށް ތާއީދުކޮށް ލައްކަ ކަންކަން ހިންގަމުންނެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރައިދޭ ބައެއް ނޫސްތައް ލައްވައި ދިޔައީ ބިލުގެ މުހިއްމުވާހަކަ ދައްކަމުންނެވެ. ސޯޝަލް މިޑީޔާ ކުދިންކޮޅާއި ސަރުކާރުގެ ވަޒީރުން ވަތައް ފައިބައިގެން މަސައްކަތް ކުރީ އެބިލުގެ ނަފާ އާއްމު ރައްޔިތުންނަށް ވިސްނައިދޭށެވެ. ސަރުކާރުގެ ވަޒީރުންނާ ސަރުކާރުން މުސާރަދޭ ސިޔާސީ މުވައްޒަފުންނާއެކު އެހެން މީހުން ނުލައި ބިލުގެ ފައިދާ ކިޔައިދޭން ޕެނަލްއެއްވެސް ބޭއްވީއެވެ.

އިސާހިތަކު ބިލުގެ އަސްލު ބަފާ ކަށަވަރުވީ ފަހުވަގުތުއެވެ. ބިލުގެ ފަހު މަރުހަލާގައި ކުރި ބަހުސް ތެރޭގައެވެ. ބިލަކީ ސަރުކާރު އެއްޗެއްކަން ހާމަކުރީ ދެވަނަ ދެމީހެއް ނޫނެވެ. ސީދާ ރިޔާސަތުންނެވެ. ބިލުފާސްކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ރިޔާސަތުން ނާޒިމް ވިދާޅުވީ "ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެން ރެގިއުލޭޝަން ބިލުގެ ތިން ވަނަ ކިޔުން އިއްވަން،" ކަމަށެވެ. ސީދާ ސަރުކާރުން ހުށަހެޅި ބިލެއްކަމަށް މުތުލަގަށް ހާމަކުރެއްވީއެވެ.

ދެން އޮތީ ބިލުގެ އަސްލު އެއް ބޭނުމެވެ. ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރުމެވެ. ބިލާމެދު ކަންބޮޑުވެ ނޫސްވެރިންނާއި އާއްމުން ބުނަމުން ދިޔައީ ސޯޝަލް މީޑިޔާގެ މިނިވަންކަންވެސް ގެއްލޭނެ ކަމަށެވެ. ގާނޫނީ ވަކީލުންވެސް ދިޔައީ އެކަމަށް އެއްބަސްވެވަޑައިގެން ގާނޫނީ ދަލީލުތަކާއެކު އެވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ކަނޑައެޅިގެން ސަރުކާރުން ބުނަމުންދިޔައީ ސޯޝަލް މީޑިޔާއަކާ ބިލަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އެކަންވެސް ރަސްމީކޮށް ހަގީގަތް ހާމަކޮށްދެއްވީ ސީދާ ސަރުކާރުންނެވެ. ސަރުކާރު ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހެވެ. އެ ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ސޯޝަލް މީޑިއާގައި އޭނާ ދޮގު ހަބަރެއް ލިޔުނަސް ބިލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

"މި ބިލަކުންނެއް ވަކި މީހަކު އިސްތިސްނާއެއް ނުވޭ އިއްޒަތްތެރި ރައީސް. އަޅުގަނޑެއް ވެސް އިސްތިސްނާއެއް ނުވޭ. އަޅުގަނޑު ވެސް ސޯޝަލް މީޑިއާގައި މީހަކާ ބެހޭ ގޮތުން ދޮގު ހަބަރެއް ޖަހައިފިއްޔާ ހުދު އަޅުގަނޑާ ދޭތެރޭގައި ވެސް އިއްޒަތްތެރި ރައީސް އާ ދޭތެރޭގައި ވެސް ފިޔަވަޅު އެޅިގެންދާނެ،" ފަލާހު ވިދާޅުވި އެވެ.

ދެން އޮތީ ބިލް ފާސްކުރުމުގެ ފަހު ވަގުތުކޮޅެވެ. ކެނޑިނޭޅި ބިލަށް އިހުތިޖާޖް ކުރަމުންދިޔަ ނޫސްވެރިން ބާރުގެ ބޭނުންކޮށް މަޖިލީހުގެ ކޮމެޓީން ބޭރުކޮށްލާ ބިލުގެ ކޮމެޓީ މަރުހަލާ ސިއްރު ކުރިއެވެ. ބިލަށް ނޫސްވެރިން ހުށަހެޅި ޕެޓިޝަން ބޮލާލާ ޖެހިއެވެ. ބާ ކައުންސިލްގެ ކަންބޮޑުވުމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. ބިލަށް އިހުތިޖާޖް ކުރާން މަޖިލިސް ދޮށަށް އެއްވި ނޫސްވެރިން އަނިޔާވެރިކޮށް އެސަރަހައްދުން ބޭރުކޮށްލިއެވެ. ގްރީން ޒޯން ހުއްޖަތަކަށް ދައްކަމުންނެވެ. ގްރީން ޒޯނުގައި ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ގެއާ ކައިރީގައި ބިލަށް ތާއީދުކޮށް އެއްވި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުންނަށް ފުރުސަތު ދީގެންނެވެ. އެހެން ނޫސްވެރިންނާއި ޓީވީތަކަށް ނުވަދެވުނު ސަރަހައްދުތަކަށް ސަރުކާރަށް ތާއީދު ކުރާ ނޫސްވެރިންނާ ޗެނަލްތައް ވައްދައިގެންނެވެ.

ކޮންމެއަކަސް ބިލު ފާސްވެގެން އެދިޔައީ ލައްކަ ސަކަރާތް ޖަހާފައެވެ. ބިލާ ހަވާލު ނުވާން އެތައް ކުޅިސަމާއެއް ދައްކާފައެވެ. ބިލުގެ އަސްލު ބުނެނުދޭން ކުރެވުނުހާ ކަމެއް ކޮށްފައެވެ. އެކަމަކު ކޮންމެ ކަމެއްގައިވެސް އޮންނަނީ މަތިން ގަޑި ޖެހުމެވެ. ދައުރުން ބޭރުން މެންބަރުންވެސް ވާނުވާގައި ބައިތިއްބައިގެން އެޖެންޑާވެސް ހާމަނުކޮށް ފާސްކުރި ބިލާއެކު ހާމަވެގެން އެދިޔައީ އަނެއްކާވެސް ސަރުކާރުގެ އަސްލު ސޫރައެވެ. ބަފާ ކަށަވަރުނުވެގެން އުޅުނު ބިލާ ސަރުކާރުން ހަވާލުވެ އެބިލުގެ މަސައްކަތުގެ އަނެއް ފަރާތުން އެފެނުނީ ސަރުކާރުގެ ހަގީގީ ސިފައެވެ.

- ކޮމެންޓް