އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޖަލަށް ލާފައިވާ ޝެއިހް އިމްރާން އަބްދުﷲ އޮންނެވީ އެންމެ ބޮޑެތި ކުށްވެރިންނާއެކު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރައީސް ނަޝީދު އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައި ވަނީ އިމްރާން ޖަލުގައި ބާއްވައި އޮތީ ބޮޑެތި ކުށްވެރިންނާއެކެ " އިންތިހާއަށް ބުރައިގައި" ކަމަށެވެ.
އަދި ވިދާޅުވެފައިވަނީ އެއީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. އަދި އެހެންމެ އިމްރާނަށް ކުޑަމިނުން މިހާރަށް ވުރެ ބޮޑު ލުޔެއް ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޝެއިހް އިމާރާން ޖަލަށްލާފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ މާލޭގައި ބޭއްވި "މޭޑޭ މުޒާހަރާ"ގައި އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ކުރި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށްބުނެ އެވެ. އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިމްރާނާމެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިމްރާން މިދިޔަ ރޯދަ މަހަށް ގެއަށް ބަދަލު ކުރެއްވުމަށް ފަހު ރޯދަމަސް ނިމުމުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. އަދި ގެއިން ނިކުމެވަޑައިގަންނަވަމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއާއި ގުޅިގެން އިމްރާނާމެދު ހަރުކަށި ގޮތަކަށް ސަރުކާރުން ގެންދަނީ އަމަލު ކުރަމުންނެވެ.
އެގޮތުން މާފުށީގެ ކުޑަ ކޮޅިއަކަށް ބަދަލު ކުރައްވާ އަދަބު އެތައް ގުނަ އަކަށް ބޮޑު ކޮށްފައިވާ ކަމަށާއި އިމްރާނާއިމެދު އަމަލު ކުރަމުންދަނީ އިންސާނިއްޔަތާ ހިލާފަށް ކަމަށް އޭނާ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި ވަކީލުންގެ ބައްދަލުވުމަށް ނެރުއްވާ އިރު ވެސް ހުންނަވަނީ ބިޑި އަޅުވައިފަ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.