ރައްޔިތުންގެ މަޖިލީހުގެ އިދާރައިގެ ފާޚާނާއެއްގެ ތެރޭގައި ހުރި އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅައިގެން ތަކުރާރުކޮށް އެތައް ދުވަހެއް މަތިން އެކަން އޮޅުން ފިލުވުމަށް ކުރިމަސައްކަތުގެ ތެރެއިން އާދިއްތަ ދުވަހު ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހުރި ކަރުދާސް ރޯލެއްގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެމައްސަލަ ތަހުގީގު އަދި ނުނިމޭ ކަމަށެވެ.
މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައިހުރި ކަރުދާސް ރޯލެއްގައި ރޯވެ، ހިނގި އެހާދިސާ ހިނގާފައި ވަނީ މިދިއަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ 21 ދުވަސް ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިރުވެސް އަލިފާން ރޯވި ކަމަށް ބުނާ ފާޚާނާގެ މާބޮޑު މަރާމާތެއް ކޮށްފައެއް ނުވެއެެވެ.
އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހަވާލާ ދެއްވާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުލައި މަހުގެ 31 ވީ ހޯމަ ދުވަހު، އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.
އޭގެ ތިން ހަފްތާ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހަމަ ނުޖެހުންތަކެއް ހިންގާފައި ވެއެވެ.
މަޖިލީހުގެ އިދާރާގައި އަލިފާނުގެ އެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ނިއްވާލާފައި ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ ޝަރީއަތް ވެސް ދަނީ ކުރަމުންނެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ފުލުހުންނާއި ސިފައި ވަދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެރެފައި ވެއެވެ. މަޖިލީހުން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ގިނަ މެމްބަރުންތަކަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފަ އެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދެން އަޑުއިވިގެން ދިޔައީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މޭޒު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހާ ވާހަކަ އެވެ.