އުތުރު ކޮރެއާގެ ޕަބްލިކް ހެލްތް މިނިސްޓަރު ޑރ. ޖޭންގް ޖޫންސާންގ ރާއްޖެ ވަޑައިގަންނަވައިފި އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގެ ހެލްތް މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އުތުރު ކޮރެއާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ހެލްތް މިނިސްޓަރާއެކު އެގައުމުގެ ސިއްޚީ ދާއިރާގެ ވަފްދެއް ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހު އެވެ.
ޑަބްލިއުއެޗްއޯގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.
މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާ ގުޅޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި 11 ގައުމަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ޑަބްލިއުއެޗްއޯގެ ބައެއް އިސްވެރިން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.