އުތުރު ގަޑުބަޑަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ތަދުމަޑު ކަމުގައި އަތޮޅުތަކަށް ކާބޯތަކެތީގެ ބާވަތްތައް ނުލިބުމުގެ ސަބަބުންނާއި އެނޫންވެސް އިތުރު އެހެން ބައެއް ސަބަބުތަކާ ގުޅިގެން، ރައްޔިތުންގެ މެދުގައި އޭރުގެ ސަރުކާރާމެދު އުފެދުނު ނަފުރަތެއްގެ ނަތީޖާއެވެ.
އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީން ދީދީއެވެ.
އުތުރު ގަޑުބަޑުގެ އެންމެ މުހިއްމު އަދި އެންމެ ވަރުގަދަ ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ތަދުމަޑު ކަމުގެ ސަބަބުން، ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދިޔުމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުތުމަށް މަޝްވަރާކުރެވި، އެ މަސައްކަތްތައް ރާވަމުންގޮސްފައިވަނީ ކުޅުއްދުއްފުށީގައެވެ. ދިވެހި ތާރީހުން އެނގޭ ގޮތުގައި އެ ހަރަކާތްތަކުގައި ކުޅުދުއްފުށިން އިސްކޮށް ހަރަކާތްތެރި ވެފައިވަނީ ބޮޑު މުހައްމަދާއި ކަންވެރިޔާ ލަގޮނޑި މާލިމީއާއި އަލަވަލު މޫސައާއި އަހުމަދު ކަލޭފާނާއި މުހައްމަދު ކަތީބު އެވެ.
މިއުޅެނީ ކޮންމެހެން އިތުރު ގަޑުބަޑުގެ ވާހަކަ ދައްކާކަށް ނޫނެވެ. ކުޅުދުއްފުއްޓާއި ގުޅޭގޮތުން ލިޔުމެއް ލިޔާނަމަ އުތުރު ގަޑުބަޑުގެ ވާހަކަ ނުގެނެސް ނިންމާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ އެވެ.
އުތުރު ގަޑުބަޑުގައި ސަރުކާރާ ދެކޮޅަށް ދޯނިފަހަރުގައި ނުކުތް މީހުން ގޮވި މައިގަނޑު ވާހަކަތަކަކީ ދިވެހި ސަރުކާރުން އެމީހުން “ބަނޑަށް މަރަމުންދާ” ކަމަށާއި އޭގެ ސަބަބުން ބިރާއި ލަދު ހަޔާތް ކެނޑިފައިވާ ކަމުގެ ވާހަކަތަކެވެ. މިހާހިސާބަށް އުތުރު ގަޑުބަޑުގެ ވާހަކަތައް ބާއްވާށެވެ.
އެއީ 1943 ހިނގި، މިޒަމާނުގެ ބަހުންނަމަ "މުޒާހަރާ" އެކެވެ.
ކޮންމެއަކަސް، ޒަމާން ބަދަލުވެ، ގައުމު ތަރައްގީވެ ތަހުޒީބުވަމުން ގޮސް މިއަދު އެއްކަލަ ރިޔަލު ދޯނިތައް ތާރީހާއެކު ހިނގައްޖެއެވެ. ކުޅުދުއްފުށި ބޮޑު މުހައްމަދުމެންފަދަ ބޭފުޅުންވެސް އެއީ ދިވެހި ތާރީހު ދެކިފައިވާ ހިތްވަރުގަދަ ފަހުލާވާނުންނެވެ.
މިއަދު ދިވެހި ރައްޔިތުން ބަނޑަށް ޖެހިގެން ފަހަރެއްގައި އުޅެން ނުޖެހިދާނެ އެވެ. ނަމަވެސް އަސާސީ ގިނަ ބޭނުންތައް އޭގެ 74 އަހަރުފަހުން ވެސް ނުލިބޭކަން އެއީ ޔަގީންވާ ކަމެކެވެ. ރާއްޖޭގެ ނިސްބަތުން ކުޅުދުއްފުއްޓަކީ ތަރައްގީ އާއި އިންސާނީ އަދި އަސާސީ ގިނަ ވަސީލަތްތައްވެސް ގިނަ ރަށެެކެވެ.
ނަމަވެސް ކުޅުދުއްފުޓަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށްވިޔަސް ސަރުކާރުން ކޮށްދޭނެ ކަމަށް ބުނެ ވައުދެއް ވެފައިވާ ނަމަ އެކަމެއް ކޮށްދޭންވާނެ އެވެ. އަދި އަމުދުން ވެރިކަމަށް އަންނަންވެގެން ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން އެދޭއިރު ވާ ވައުދުތައް މަތިން ސަރުކާރުން ހަދާންނައްތާލައިގެން ނުވާނެ އެވެ. މިޒާމާނަކީ ސަރުކާރުން "ހެޔޮފުޅު" ކަމުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅު ކަމުން ކަންކަން ކޮށްދޭން ޖެހޭ ޒަމާނެއްވެސް ނޫނެވެ. ރައްޔިތުން ދައުލަތަށް ފައިސާ ދައްކަނީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށެވެ. ރައްޔިތުންގެ ފައިސާއިން ވެރިންނަށް މުސާރަ ލިބޭގޮތް ހަދާފައިވާއިރު، ސާފު ބޯފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތުގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި އެއާރޕޯޓްތައް ތަރައްގީ ކޮށްދިނުމަށް ރައްޔިތުން އެދުމުން އެކަމެއް ކޮށްދޭނެ ކަމަށް ވެރިން ބުނެ ނުކޮށްދިނުމަކީ ނަގާ މުސާރައާމެދުވެސް ރައްޔިތުން ސުވާލު އުފައްދާނެ ކަންކަމެވެ.
ރައްޔިތުންގެ މުދަލުންނާއި ދައްކަމުންދާ ފައިސާއިން މުސާރަ ކޮޅު ނަގައިގެން އަދި ދެން ވެސް އޮތްގޮތަކަށް ދައުލަތުގެ މާލިއްޔާއިން ފައިސާ ނަގައިގެން ފިނިކޮޓަރީގައި "ބަނޑު ދަމަން" މިއަދަކު ނޯވެވޭނެ އެެވެ.
އެކަން މީގެ 74 އަހަރުކުރިން ކުޅުދުއްފުށި ރައްޔިތުން ދެއްކި ހިތްވަރާއި ސާބިތުކަން މިއަދުގެ ވެސް ކުޅުދުއްފުށި ރައްޔިތުންގެ އަމަލާއި ބަހުން ވެސް އެދަނީ ސަރުކާރަށް ދައްކަމުންނެވެ.
"ސިޔާސީ ޕެރޭޑް" ކުޅުދުއްފުށީގައި ކޮންމެ އަހަރެއްގެ ބޮޑުއީދުގައި ބާއްވަމުން އަންނަތާ 17 އަހަރު ވެއްޖެ އެވެ. އެއީ އެދުވަސް ވަރެއްގައި ސަރުކާރާއި ރައްޔިތުންގެ މެދުގައި އެންމެ އާއްމު ކަންކަމާއި ގުޅޭގޮތުން ތަައްޔާރުކުރާ ރަށުގެ ގިނަ ރައްޔިތުންގެ ބައިވެރިވުން ވެސް އޮންނަ ޕެރޭޑެކެވެ.
އެގޮތުން މިއަހަރުވެސް ޕެރޭޑްގެ ކޮންމެ މާއްޔެއް ވެސް އަދި ފްލޯޓެއް ވެސް ނިސްބަތްކޮށްފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކެވެ. ގިނަ ފްލޯޓްތަކުގައި ހުރީ ސަރުކާރަށް ހަޖޫ ޖަހައިފަ އެވެ. އޭގެ ތެރޭގައި ސިޔާސި ކުޑަގޮޅި ފްލޯޓާާއި މޯޅިނުވާ ފިނިފެންމާ ފްލޯޓާއި ފްލެޓް ފްލޯޓާއި ފައިސާ ގޯންޏާއި ޑޮލަރު ފޮއްޓާއި ދަތްދޮޅި ފްލޯޓާއި ކަޅުފައިސާ ދޮވުން ފްލޯޓް ހިމެނެ އެވެ.
ކުޅުދުއްފުށީ ދެ ޖިންސްކުގެ އެކި އުމުރުގެ މީހުންނާއި ކުދިން ބައިވެރިވި މި ޕެރޭޑްގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ވެސް ނިސްބަތްކޮށް ފްލޯޓްތައް ދައްކާލި އެވެ. ފަނޑިހިޔާރު ނަމުގައި ފްލޯޓެއް ހަދާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލައަށް ނިސްބަތްކޮށް، ހަތަރު ގޮނޑިއެއް ތަންޑިޔަލުގައި އެލުވާފައިވެ އެވެ. މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ހާލަތު ދައްކުވައި ދިނުމުގެ ގޮތުން ގޮނޑިއެއްގައި ވަލުން ބަނދެ، އެ ގޮނޑި ވާޖަހާފައި ދަމަމުންދެ އެވެ.
މީގެ 17 އަހަރު ކުރިން ކުޅުދުއްފުށީގައި ފެށި މަށި މާލި ޕެރޭޑް މި ފަހަކަށް އައިސް ވެފައިވަނީ ސިޔާސީ ވަރުގަދަ މެސެޖްތަކެއް ދޭ ޕެރޭޑަކަށެވެ. މިދިޔަ އަހަރުގެ ޕެރޭޑްގައި ސަރުކާރުގެ ވައުދުތަކަށާއި އަބުރުގެ ގާނޫނަށް ވަރަށް ބޮޑަށް ހަޖޫޖަހާފައިވެ އެވެ.
އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. މިދިއަ އަހަރުގެ ބޮޑު އީދުގެ ޕްރޭޑްގައި ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތް ލަސްވަމުންދާތީ އެކަމާގުޅޭގޮތުން އެ ޕެރޭޑްގައި ސަރުކާރަށް ހަޖޫޖެހުމުގެ ނަތީޖާއަކީ މިއަހަރުގެ ބޮޑު އީދުގެ ޕެރޭޑަށް ތައްޔާރުވިއިރު، ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއަޅަން ފަށާފައި ވުމެމެވެ. އެހެންކަމުން މިއަހަރުގެ ޕްރޭޑްގައި ކުޅުދުއްފުށި މަގުހެދުމުގެ މަސައްކަތައް ހަޖޫޖަހާފައެއް ނުވެއެވެ. ކުޅުދުއްފުށި ރައްޔިތުން މިއަހަރުގެ ޕެރޭޑް ބާއްވަމުންދިޔައިރު، ސައުކާރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކުޅުދުއްފުށި ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއްކަންތައް ކަމަށްވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެމަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުޅުދުއްފުށި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާ ފޮޓޯއެއްވެސް އެ ޓްވީޓްގައި ހިމަނުންވާފައިވެއެވެ.
Kulhudhuffushi rayyithun emme bodah beynunvaa eh kanthah kamugaivaa maguthakuga thaaru elhun: mi aharu masakkai ekkoh nimeyne IA. pic.twitter.com/Ly2kVf1Il9
— Dr.Mohamed Muizzu (@MMuizzu) September 2, 2017
ކުޅުދުއްފުށީ ރައްޔިތުން މިއަހަރުގެ އީދު ޕްރޭޑްގެ ހަރަކާތްތައް މުޅި ރާއްޖެއަށް ޓީވީގެ ޒަރީއާއިން ދައްކަމުން ދަނިކޮށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގުތަކުގައި ތާރު އެޅުމާއެކު، އެއާރޕޯޓްވެސް ހަގީގަތަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން އެޓްވީޓްގައި ނިހާނު ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި "އެއްލަކިން" ރައީސް ޔާމީން އިންތިހާބު ކުރުމަށް ކުޅުދުއްފުށި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
Maguthakuga Thaaraa eku Iraadha Kurehviyyaa Airport ves Hageegathakah vaane. IA Kulhudhufushi #Ehlakin RY hovan... https://t.co/El8XyXvGa8
— Ahmed Nihan (@ahmed_nihan) September 2, 2017
ކުޅުދުއްފުށީ ޕެރޭޑްގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔައިރު، ސަރުކާރަށް ތާއިދުކުރާ މީހުންނަނަށް އެމައްޗަށް ކުރިއެއް ނުހޯދުނެވެ. ކުޅުދުއްފުށީ މަގުތަކުގެ ފޮޓޯ ލައި ޓްވީޓް ކުރިއަސް އެ ވާހަކަތަކެއް ވައެއްގައި ނުހިފި އެވެ.