ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރައްވާ ގޮތެއް އެއްވެސް ކައުންސިލަކަށް ނޭނގޭ ކަމަށް އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހުކުރު ވިލޭރޭ ބޭއްވި ޖަލްސާގައެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެއްވުމަށްޓަކައި ރަށްރަށަށް ދީފައިވާ ބާރުތައް ކަނޑުވާލައި ހިފެހެއްޓުމަކީ، މި ނިޒާމު ޗެމްޕިއަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅަކު ކަންކުރައްވާނެ ގޮތެއް ނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
ސަތޭކަ އެތައް ކައުންސިލަކުން މި ބުނަނީ ހުށަހެޅި އިސްލާހު ގޯހޭ. އެހެންނަމަވެސް ހަމަ ހިލާ އެވާހަކަ އަޑުނާހާ ރައީސް މުއިއްޒު ވިދާޅުވަނީ މި އުޅެނީ ލާމަރުކަޒީ ބާރުތައް ދޫކޮށްލަން ކަމުގައި
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމް![]()
ކައުންސިލްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީއަށް ފެންނަކަމަށް ފާހަގަކުރައްވަމުން، ރައީސް މުއިއްޒުގެ މިކަމާ ގޫޅޭގޮތުން އެކި ތަންތަނުގައި ވިދާޅުވެފައިފާ ބަސްފުޅުތަކާމެދު ޝުޖާޢު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަޅުގަނޑުވެސް މި އުޅެނީ ފެށުނީއްސުރެ ލާމަރުކަޒީ ނިޒާމުގެ ތެރޭގަ. ކައުންސިލްތަކުން ކުރާ ހަރަދު ދުވަހުން ދުވަހަށް، މިނެޓުން މިނެޓަށް، ވަގުތުން ވަގުތަށް، އެލްޖީއޭ އަށްވެސް އަދި ފިނޭންސް މިނިސްޓްރީއަށް ވެސް ފެންނާނެ. ރައީސް މުއިއްޒި މި ވިދާޅުވަނީ ހަމަހިލާ އެލްޖީއޭ އަކަށް ނުފެނެއޭ. އަޅުގަނޑުަ ހަމަ އަޖައިބުވެ އަންތަރީސްވޭ އެވާހަކަ އަޑުއަހާފަ. އެލްޖީއޭ އަށް ނުފެންނަ ވާހަކަ ދެތިން ޕޯޑިއަމެއްގަ ދެއްކެވީމާ، އެލްޖީއޭ އަށް ގުޅާފަ ދެންނެވިން ކީއވެގެންހޭ ވިޔަ މޮޑިއުލް އިން އެލްޖީއޭ އަށް ނުފެނިގެން މި އުޅެނީ. އެލްޖީއޭ އިން ދަންނަވަނީ އެލްޖީއޭއަށް ބަރާބަރަށް ފެެނެއޭ.
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމް![]()
ކައުންސިލް ތަކުން ކުރާ ތަޖުރިބާ ދަތުރުތަަކަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ކައުންސިލް ތަކުން ކުރާ ތަޖުރިބާ ދަތުރުތަކަކީ، ގާނޫނުގައި އެކަން އޮންނަ ގޮތަށް ރައްޔިތުން ފާސްކުރާ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭންގައި ލިޔެވިގެން ކުރެވޭ ދަތުރު ތަކެއްކަމަށެވެ. އެހެން ކަމުން އެޔަށް ނޫނެކޭ ބުނަން އިތުރު މީހަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
ކައުންސިލްގެ ކަންކަން ހިންގުމަށް މިހާރު ކުރިމަތިވާ ދަތިތައް ފާހަގަ ކުރައްވަމުން ޝުޖާއު ވިދާޅުވީ، އުސޫލެއް ގެޒެޓް ނުކުރުމުގެ ސަބަބުން މިހާރުވެސް މިސްކިތަށް މުވައްޒަފެއް ނުނެގިފައި އޮންނަތާ އެތަކެއް ދުވަހެއް ވެދާނެ ކަމުގައެވެ. މިހާރު މިސްކިތް ފޮޅާސާފު ކުރަަން ވެސް ފޮނުވަން ޖެހެނީ ކައުންސިލްގެ އެހެން ތަންތަނުގަ މަސައްކަތްކުރާ މުވައްޒަފުން ކަމުގައި ޝުޖާއު ފާހަގަ ކުރެއްވިއެވެ.
ކައުންސިލްތައް މިވަނީ ތަޅުއެޅުވިފައި ކަމަށާއި ކައުންސިލްތައް މިގޮތަށް ޗެމްޕިއަން ނުކުރުމަށް ރައީސް މުއިއްޒަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ. އަދި މިގޮތައް ޗެމްޕިއަންކަން ކުރުމަކީ ރައްޔިތުން އެދޭ ގޮތެއްނޫން ކަމަށާއި ޗެމްޕިއަން ކަން ކުރައްވަންވީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ދޫކޮށްލައްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ޗެމްޕިއަންކަން ކުރުއްވަން އުޅުއްވާ ގޮތް ދިވެހީންނަށް ވަނީ ފެނިފައިކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް ޞާލިހް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކަން ކުރެއްވިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ރައީސް ޞާލިހް ބާރުތައް ދޫކުރަމުން އައިސް ބަޖެޓުން ގްރާންޓްދީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދޫކޮށްލާ، ބަޖެޓަށް ހަދަންވާ ގޮތް ރައްޔިތުންގެ މަޝްވަރާ އާއިއެކު ކައުންސިލަށް ބުނަން ފުރުސަތު ދެއްވި ކަމުގައެވެ. އަދި ބަޖެޓުން ހަރަދުކޮށްފަ ބާކީވާ ފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރަަން ފުރުސަތުދީ، ރައްޔިތުންގެ ބިންތަކަށް ރައްޔިތުން ހަދާނެ ގޮތް ބުނަން ފުރުސަތުދީ، ރަށުގެ އިހްތިސާސް ހިނގާ ސަރަހައްދަށް ހަދާނެ ގޮތަކާއި ކުރާނެ ކަންތައް ބުނާާނީ ރައްޔިތުންކަމަށް ރައީސް ޞާލިހުގެ ދައުރުގައި ކަނޑައަޅާފައިވާ ކަމަށްވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ. އަދި މީހުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކަން ކުރައްވާ ގޮތަކީ މިއީ ކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ކައުންސިލުތަކުގެ ބާރުތައް ހިފަހައްޓަވަމުން މުށުތެރެއަށް ލައްވަމުން ތިމަންނާމެން ހަމަ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކަން ކުރައްވަނީއޭ ވިދާޅުވިޔަސް، އެއީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކަން ކުރާގޮތް ނޫންކަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި ލާމަރުކަޒީ ނިޒާމު ކޮށާލާފައި އައިސް ތިމަންނާމެންނަށް ވޯޓުދޭށޭ ބުނީމާ ބުއްދި ސަލާމަތުން ހުރި މީހަކު މިސަރުކާރަށް ވޯޓެއް ނުދޭނެ ކަމުގަވެސް ޝުޖާއު ވިދާޅުވިއެވެ.