ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އއ. ބޮޑުފުޅަދޫ އަށް ކުރައްވާ ދަތުރުފުޅެއް ގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިހް ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
މިއީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް ރައީސް ޞާލިހް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިހްގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެެވެ.
ރައީސް ޞާލިހުގެ މި ދަތުރުފުޅަކީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސް ޞާލިހު، ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވެއެެވެ. އަދި ބޮޑުފުޅަދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަަށް ބޭނުންވާ ފަރާތްތަކަށް ރައީސް ޞާލިހުގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވުމަށްވެސް ހަމޖެހިފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މިދަތުރުފުޅުގައި، ބޮޑުފުޅަދޫ ކައުންސިލްގެ ފަރާތުން ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑުފުޅަދޫއަށް ގެނެސްދީފައިވާ ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސާ އެވޯޑެއް ދެއްވުމަށް ހަމަޖެހިފައިވެއެެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފުޅަދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިގޮތުން ބޮޑުފުޅަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.
ބޮޑުފުޅަދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑުފުޅަދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށް އެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.
ރައީސް ޞާލިހު ބޮޑުފުޅަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަންނަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެެވެ.