ބުދަ ދުވަހަށް އިރު އޮއްސިގެން އައި އިރު، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން މާ މޮޅު ކަމެއް ކުރައްވައިފި ކަމަށް އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ކުރެއްވިއެވެ.
ރައްޔިތުންނަށް ކާނާގެ ބާވަތްތަކުގެ ޔަގީންކަން ހޯއްދަވައިދެއްވަން އެމަނިކުފާނުގެ ހެޔޮފުޅު ކަމާ އޯގާތެރި ކަމުން، އިތުރު 10 ބާވަތުގެ މޭވާ އާއި ތަރުކާރީ އާއި ބިހާ އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގެންނަވަން ނިންމެވީއެވެ.
ކެބިނެޓުގައި މަޝްވަރާ ކޮށްގެން ނިންމެވި ކަމެއް ކަމަށް ވިދާޅުވިއަސް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް ގައި ޝާއިއު ކުރުމުގެ ބަދަލުގައި އެކަން ފުރަތަަމަ ޖެހޭނީ އަމިއްލަ ފުޅު އެކައުންޓުން ރައްޔިތުންނަށް ހާމަ ކުރައްވާށެވެ. އޭރުން މަހު އެއްޗެތިކޮޅު ދެއްވައިގެން ގެންގުޅުއްވާ ކުދިންކޮޅު ރައީސް، ރައީސް، ރައީސް ވެގެން ތައުރީފް އާއި ސަނާ ގެ ބަސްތަކުގެ ކޮމެންޓުތައް އޮއްސާލަން ފަށާނެއެވެ. އެފަދަ ކޮމެންޓު ބައްލަވާފައި މާ ބޮޑު އުފާފުޅެއް ވަނީ ކަންނޭނގެއެވެ.
ކޮންމެ އަކަސް ރައީސް ރައްޔިތުންނާ މެދު ވިސްނަވާލެއް ބޮޑު ކަމުން، މިދޭތެރެއަކުން އޮރެންޖުގެ އަގު އުފުލިގެން އަވަހާރަފުޅު ވެސް ނުލެއްޕިފައި ހުންނެވި ފަދަ އެވެ. މުހިންމު ނިންމެވުމެއް ނިންމަވާ އެކަން އިއުލާނު ކުރައްވާ މީހުންގެ ސަމާލުކަން އެދިމާލަށް ދީލާލި އިރު ކަމަކު ދާކަށް ނެތެވެ. މިކަން ވެސް ބޮޑަށް ވައްތަރުވެ ގެން މި ދިޔައީ އެއަށް ވުރެ މާ ބޮޑު ކަމެއް މަތިޖައްސަވަން ކުރެއްވި ކަމެއް ކަމުގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައްޔިތުން ހެއްވާލަން ރަށްރަށުގައި ބާވެފައި ހުރި ކައުންސިލު އިދާރާތައް އައު ކުރައްވަން ބޮޑު މަޝްރޫއެއް ފެއްޓެވި ވާހަކަ މާ ގަދަޔަށް ސަރުކާރުން ޕްރޮމޯޓު ކުރާތީ ފެނުނެވެ. އެކަމަށް ބަޔަކު ހޯދަން ކުރި އިއުލާނެއް، ދިން ދައުވަތެއް އާންމުކޮށް ފެންނާން ނެތި ކުއްލިއަކަށް އިވުނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކިޔާ ކުންފުންޏަކަށް 55 ކައުންސިލު އިދާރާ އަޅަން ހަވާލު ކުރި ވާހަކަ އެވެ. އަޑު އިވޭ ގޮތުގައި އެއީ މުއިއްޒުގެ ބަންޑާރަ ނައިބަކަށް ހުންނެވި އުޝާމް އާއި މުއިއްޒު އާއި ބައިއަތު ހިތްޕަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ނާޒިމު ގެ މަސްލަހަތު އޮންނަ، އެބޭފުޅުންގެ އާއިލީ ކުންފުންޏެކެވެ. އާރުސީސީ އަށް މަސައްކަތް ހަވާލު ކުރި އަގު ވެސް ސިއްރު ކޮށްފައި އޮއްވައި، ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އާދަމް ޝަރީފް ހިންގަވާ މިނިސްޓްރީ އަށް ލިޔެގެން އެ އަގު އެނގިއްޖެއެވެ. ސިއްސައިގެންދާ ވަރުގެ އަދަދެކެވެ. އެއްވެސް އިއުލާނެއް ނެތި ބަޔަކަށް އެ ދިނީ 631 މިލިއަން ރުފިޔާއެވެ.
މިކަން ރީތި ކުރަން ސަރުކާރުން ބުނީ އެއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިން މަޝްރޫއެއް ކަމަށެވެ. މާނަ އަކީ ކޮންޓްރެކްޓަރު އަމިއްލަ އަށް ފައިސާ ހޯދައިގެން މަސައްކަތް ނިންމާފައި އެ އެއްބަސްވި ގޮތަކަށް ސަރުކާރުން ފައިސާ ދައްކާ ނިންމުމެވެ. ކައުންސިލު އިދާރާ ރަށްރަށުގައި މީގެ ކުރިންވެސް އަޅާފައި ހުރުމާއެކު، އެވްރެޖްކޮށް އިދާރާ އަކަށް ހިނގާނެ ޚަރަދު ދަންނަ މީހުން އުޅޭތީ، އާރުސީސީ އަށް ދިން އަގަކީ އިންތިހާ އަށް ބޮޑު އަގެއްކަން އޮތީ އެނގޭށެވެ. އަންދާޒާ ކުރެވޭ ގޮތުގައި 300 މިލިއަން ވަރުގެ ފައިދާ އެއް މަޝްރޫއުން ލިބޭ ބަޔަކަށް ލިބޭނެއެވެ. މައްސަލަ އެއް ނެތެވެ. ވިޔަފާރި ކުރާނީ ފައިދާ ހޯދާން ތާއެވެ.
އެހެން ވިޔަސް އަދި އެހެން ބުނެ މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ދެން މިއުވުނީ މާ މޮޅު ހިންތާ އެއް ހެދި ވާހަކައެވެ. އާރުސީސީ އަށް ބޭނުންވާ ލޯނު ރައްޔިތުންގެ ބޭންކު - ބޭންކް އޮފް މޯލްޑިވްސް އިން ދިން ވާހަކަ އަކާއި، އެ ލޯނު ނަގަން ސަރުކާރުން ގެރެންޓީ ދިން ވާހަކަ އެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް މަޝްރޫއެކޯލައެވެ. އެކަމަކު އާޚިރުގައި ލޯނަށް ޖާމިނު މި ކުރުވީ ދިވެހި ރައްޔިތުންނެވެ. ދަންނަވާނެ އެއްޗެއް ނެތެވެ. ކަންވާނީ މިހެން ނޫންތޯއެވެ. މަޝްރޫއު އާރުސީސީ އަށް ދޭން ނިންމީ ވަޒީރުން އެކުލެވޭ އިކޮނޮމިކް ކައުންސިލުން ކަމަށް ބުނެއެވެ. އެއީ ރައީސް މުއިއްޒު ވަޒީފާ ދެއްވާފައި ތިބޭ ބައެކެވެ. ބޭންކުގެ ކޮންޓްރޯލު އޮންނަ ބޯޑުގެ ކޮންޓްރޯލު އޮންނަނީ މުއިއްޒު އަތްޕުޅުގައެވެ. ފިނޭންސް މިނިސްޓަރަކީ މުއިއްޒުގެ ވަޒީފާ ގައި ހުންނަވާ ބޭފުޅެކެވެ. އާރުސީސީ އާއެކު ހެދި ކޮންޓްރެކްޓް ޑްރާފްޓް ކުރީ މުއިއްޒުގެ ބަންޑާރަ ނައިބު އަދި އާރުސީސީގެ މަސްލަހަތު އޮތް ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
މުޅި އޮޑީގައި ހަސަނުގެ ދެފައެވެ.
ރައްޔިތުންނަށް އޮރެންޖެކެވެ. ވެރިންނަށް އެތައް ސަތޭކަ މިލިއަނުން ރުފިޔާއެވެ. ރައްޔިތުންގެ ފައިސާ އަށް ތެދުވެރިވެ އަމާނާތްތެރި ވެވޭނީ ދެން މިވަރަށް ނޫންތޯއެވެ؟