Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 06:13
ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
މީޑިއާ ބިލު
ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅި މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް، ސަރުކާރުގެ ފަރާތުން 14 އިސްލާހެއް ހުށަހަޅައިފި
ބިލު ދިރާސާކުރުމުގެ މަރުހަލާގައި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ވަނީ ބިލާ ދެކޮޅު ހަދާ، ބިލު ބޭރުކުރުމަށް ގޮވާލާފަ
ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމްއިއްޔާތަކުން ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފަ

ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅި މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް، ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު 14 އިސްލާހެއް ހުށަހަޅައިފިއެވެ.

މީޑިއާތަކާއި ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ މި ބިލަށް ބަންޑާރަނައިބުގެ އޮފީހު ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، މިހާރު ހުރި ބައެއް މާއްދާތައް އުނިކުރުމާއި ބަދަލުކުރުން އަދި އަލަށް މާއްދާތަކެއް އިތުރުކުރުން ހިމެނެއެވެ.

މި ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް ބިލުގައި އޮތް މާއްދާ އުނިކުރުމާއި، ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު އެ މެންބަރުން އައްޔަނުކުރާ ފަރާތްތަކަށް ދިނުން ހިމެނެއެވެ. އަދި މީޑިއާއެއްގެ ލައިސެންސް ވަގުތީގޮތުން ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވާ މާއްދާވެސް އުނިކުރުމަށް ހުށަހަޅާފައިވެއެވެ.

އިތުރު އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުގެ މެންބަރުން ކޮމިޝަނުގެ މެންބަރުކަމަށް ނުލެއްވޭގޮތް ހެދުމާއި، އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކުރުން ހިމެނެއެވެ. މީގެއިތުރުން، މީޑިއާތަކުގެ އެޑިޓަރުންގެ ޝަރުތުތައް ކަނޑައެޅުމާއި، ކޮމިޝަނުގެ ބަޖެޓް ކަނޑައެޅުމާ ގުޅޭ މާއްދާތަކެއްވެސް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމާއި ބިލުގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ.

މި ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމްއިއްޔާތަކުން ވަނީ ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޗްއާރުސީއެމްއިން ވެސް ވަނީ މި ބިލުގައި ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު މާއްދާތަކެއް ހިމެނޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލު ދިރާސާކުރުމުގެ މަރުހަލާގައި ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލުގެ އިތުރުން 20 އަށްވުރެ ގިނަ މީޑިއާއިން ވަނީ ބިލާ ދެކޮޅު ހަދާ، ބިލު ބޭރުކުރުމަށް ގޮވާލާފައެވެ.

ފުރަތަމަ މި ބިލަކީ ސަރުކާރާ ގުޅުމެއް ނެތް ބިލެއްކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ބިލުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. މިހާރު ކޮމިޓީ މަރުހަލާގައި އޮތް މި ބިލުގެ ބައެއް ބައްދަލުވުންތައްވެސް ވަނީ ސިއްރުކުރެވިފައެވެ.

މި ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވުމުގެ ސަބަބުން ރައީސް މުއިއްޒު ވަނީ މިއީ ޕްރޯ މީޑިއާ ސަރުކާރެއްކަމަށް ވިދާޅުވެ، ބިލު އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް