ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިޞްލާޙުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.