Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 21:42
55 ކައުންސިލް އިމާރާތުގެ މަސައްކަތް އާރުސީސީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
55 ކައުންސިލް އިމާރާތުގެ މަސައްކަތް އާރުސީސީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ލޯކަލް ގަވަރމަންޓް މިނިސްޓްރީ
އާރުސީސީ
ސަރުކާރުން ގެރެންޓީދީގެން، ކައުންސިލް އިމާރާތްތަށް އަޅަން އާރުސީސީއަށް ބިލިއަނެއްހާ ރުފިޔާގެ ލޯނެއް!
ރާއްޖޭގެ ރަށްރަށުގައި ކައުންސިލް އިމާރާތްތައް އެޅުމަށް އާރުސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ފައިސާ ހަމަޖެއްސުމަށް ބީއެމްއެލްއިން ބިލިއަނެއްހާ ރުފިޔާގެ ލޯނެއް ނަގައިފި
މި މަޝްރޫޢުގެ ދަށުން އަޅާ 55 ކައުންސިލު އިމާރާތުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ
އާރުސީސީއާ ހަވާލުކުރެވުނު 55 ރަށުގެ އިތުރުން އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފަ

ރާއްޖޭގެ ރަށްރަށުގައި ކައުންސިލް އިމާރާތްތައް އެޅުމަށް އާރުސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ފައިސާ ހަމަޖެއްސުމަށް، ސަރުކާރުގެ ގެރެންޓީގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބިލިއަނެއްހާ ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

މި މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރެވުނީ މެލޭޝިޔާގެ ހެކްޓަރ ގްލޯބަލް ކުންފުންޏަށް ކަމަށްވީ ނަމަވެސް، އޭގެ ފަސް މަސް ފަހުން އެ އެއްބަސްވުން ބާތިލުކުރެވުނެވެ. މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން، ސަރުކާރުން ވަނީ މި ޕްރޮޖެކްޓް އާރުސީސީއާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ 55 ކައުންސިލު އިމާރާތުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގެ ދަށުން، އާރުސީސީން އަމިއްލަ ހަރަދުގައި މަސައްކަތްކޮށް ނިންމުމުން، ސަރުކާރުން ފަސް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ދަށުން ކޮންމެ ކައުންސިލް އިދާރާއެއް އިމާރާތްކުރުމުގެ އަގަކީ 11.47 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫޢު އާރުސީސީއާ ހަވާލުކުރެވުނީ އިޢުލާނެއް ކުރުމަކާ ނުލައެވެ. މިކަން މިގޮތަށް އާރުސީސީ އާ މަސައްކަތް ހަވާލުކުރީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން، އެ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކުރެވޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މި މަޝްރޫޢު އާރުސީސީއާ ހަވާލުކުރެވުނު ގޮތާމެދު ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެއީ އާރުސީސީ އަކީ މި ސަރުކާރާ ގާތްކޮށް މަސައްކަތްކުރަމުން އަންނަ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަކަށް ވާތީއެވެ. ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމިން ވެސް ވަނީ މި މަޝްރޫއު އާރުސީސީ އާ ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓްރީގެ މަޢުލޫމާތުން އެނގޭ ގޮތުގައި، މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން، ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އާރުސީސީއާ ހަވާލުކުރެވުނު 55 ރަށުގެ އިތުރުން، އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މަޝްރޫޢުގެ ސަބަބުން ޖުމްލަ 105 ކައުންސިލަށް އައު އިމާރާތެއް ލިބިގެންދާނެ އެވެ.

- ކޮމެންޓް