މިއަދު ވެސް މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ރާއްޖޭގެ މޫސުމް ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ އަތޮޅުތެރެއަށް ޢީދު ޗުއްޓީއަށް ގިނަބަޔަކު ގޮސް އުޅޭ ދުވަސްވަރެކެވެ. އަދި މީހުން އުފުލާ ދޯނި ފަހަރުވެސް އާންމުކޮށް ދަތުރުތައް ކޮށްއުޅޭ މިންވަރަށް ވުރެ ގިނައިން ދަތުރުތައް ކުރާ ދުވަސްވަރެކެވެ.
އެހެންކަމުން ދަތުރުތައްކޮށް އުޅުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަ ކޮށްގެން ދަތުރުތައް ކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.