Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 13:43
ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހަރާ
ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހަރާ
ރާއްޖެއެމްވީ
ނޫސްވެރިން މުޒާހަރާއަށް
މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރާ ބިލެއް: މުޒާހަރާ ކުރާ ނޫސްވެރިން
އަވަސްއަރުވާލައިގެން މި ބިލު ފާސްކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ މަސައްކަތް ކުރަމުން
އަންގާރަ ދުވަހާއި، ބުދަ ދުވަހުގެ ވެސް ކޮމެޓީގެ ބައްދަލުވުން މަޖިލީހުގެ ގަވާއިދާ ހިލާފަށް ވަނީ ސިއްރުކޮށްފައި
މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް، މީޑީއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ނޫސްވެރިން ބުނޭ

މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރަން މަސައްކަތް ކުރާ ބިލެއް ކަމަށް ބިލާ ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިން ބުނެފިއެވެ.

މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް މި ބިލު ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ބ.ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މި ބިލަށް ސަރުކާރުގެ ގިނަ ބޭފުޅުން ތާއީދުކުރާއިރު، މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދަނީ މި ބިލު ވީހާ ވެސް އަވަހަށް ފާސް ކުރުމަށް ގޮވާލަމުންނެވެ. އެއާއެކު ކޮމެޓީން މި ބިލުގެ މަސައްކަތްތައް ކުރުމަށް ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. އަދި އަންގާރަ ދުވަހާއި، ބުދަ ދުވަހުގެ ވެސް ކޮމެޓީގެ ބައްދަލުވުން މަޖިލީހުގެ ގަވައިދާ ހިލާފަށް ވަނީ ސިއްރުކޮށްފައެވެ.

އަވަސްއަރުވާލައިގެން މި ބިލު ފާސްކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާތީ، އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

ބުދަ ދުވަހު ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުން ސިއްރުކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މަޖިލިސް ދޮށުގައި ވެސް ނޫސްވެރިން އަޑު އުފުލާފައިވެއެވެ. އޭގެފަހުން ރައީސް އޮފީސް ކުރިމަތީގައި ހަދާފައިވާ ނޫސްވެރިންގެ ފެންޑާ ސަރަހައްދަށް ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެ ބިލާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

ނޫސްވެރިން ގޮވާލަމުންދަނީ މި ބިލު ވަގުތުން ވަގުތަށް ބޭރުކޮށްލުމަށެވެ. އަދި މިއީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް މިސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރާ ބިލެއް ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިން ބުނެފައިވަނީ މިނިވަން މީޑިއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެއަށް އަމަލުނުކުރާ ކަމަށެވެ. މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށާއި، މީޑީއާ ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ އަނިޔާވެރިވުންކަން ފާހަގަކޮށް ރައްޔިތުންނަށް އަނިޔާވެރިނުވުމަަށް ވެސް ނޫސްވެރިން ގޮވާލާފައިވެއެވެ.

- ކޮމެންޓް