ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 10:03
ޔާސިރު ޔަހުޔާ، އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ
ޔާސިރު ޔަހުޔާ، އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ
ރާއްޖެ އެމްވީ
ޔަމަނު މީހާ
ޓެރަރިޒަމުގެ ތުހުމަތުގައި ހައްޔަރުކުރި ޔަމަނު މީހާ ބަންދުގައި ހުންނަތާ ހަ މަސް، ތަހުގީގުގައި އެފްބީއައި!
ތަހުގީގުގައި އެފްބީއައިގެ އެޖެންޓުން ދަނީ ހަރަކާތްތެރިވަމުން
ޔާސިރު ހައްޔަރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހު
ޔާސިރު ހައްޔަރުކުރި ސަބަބާއި ހެއްކެއް ހުރި ނަމަ އޭގެ މައުލޫމާތު ނުދޭ

ޓެރަރިޒަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޔަމަނު މީހާ މިހާރު ވެސް ހުރީ ބަންދުގައި ކަމަށާއި މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) އިން ހަރަކާތްތެރިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ޓެރަރިޒަމުގެ ތުހުމަތުތަކެއް ކޮށް ހައްޔަރުކޮށްފައިވަނީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ކޯޓް އަމުރެއްގެ ދަށުންނެވެ.

މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުން ދިޔަ ޔާސިރު ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެއިރުން ފެށިގެން، މިއަދާ ހަމައަށް ވެސް އޭނާ ބަންދުކޮށްފައިވަނީ ހުޅުމާލޭގައި ބިދޭސީން ބަންދުކޮށްފައި ބައިތިއްބާ ސެންޓަރުގަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޔާސިރުގެ އަންހެނުން ބުނީ ޔާސިރާ ސުވާލުކުރުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) ގެ އެޖެންޓުން ތަކެއް ވެސް ރާއްޖެ ގެނައި ކަމަށާއި، އެކަމުގައި އިސްކޮށް އުޅެނީ ޑިފެންސް މިނިސްޓްރީއާއި އިމިގްރޭޝަނުގެ އިސް އޮފިޝަލުންތަކެއް ކަމަށެވެ. އަދި އެފްބީއައިގެ އެޖެންޓުން ޔާސިރާ ސުވާލުކޮށްފައިވާ ކަމަށާއި ބައެއް ކަންކަން ކުރުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާސިރު ހައްޔަރުކުރި އިރު، އޭނާގެ އަންހެނުން އިނީ ބަލިވެއެވެ. ޔާސިރު ބަންދުކޮށްފައި ހުއްޓާ އަންހެނުން ވިހާފައިވާއިރު، ދަރިފުޅަށް މިހާރު ވަނީ ފަސް މަސް ވެފަ އެވެ. އަންހެނުން ބުނީ ޔާސިރު ދޫނުކުރާނެ ކަމަށް އިމިގްރޭޝަނުގެ އޮފިޝަލުން ބުނެފައިވާ ކަމަށާއި، ތަހުގީގު ކުރާ ފަރާތްތަކުން ބޭނުންވަނީ އެމީހުން ބުނާ ކަންތައްތަކަށް ޔާސިރު އިއުތިރާފްވާން ކަމަށެވެ. އޭނާ ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުންނަތާ ހަ މަސް ވެފައިވާއިރު، ހައްޔަރުކުރި ސަބަބާއި، އޭނާއާ ދެކޮޅަށް ހުރި ހެއްކާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާކަން އާއިލާއިން ފާހަގަކުރެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްބީއައި އިން މަސައްކަތް ކުރީ އެމީހުންނާއެކު ޔާސިރު ގެންދިއުމަށެވެ. އަދި ގެންދަން މަސައްކަތް ކުރުމަށް ޔާސިރު ވަނީ އޭނާގެ ބޮލުގައި ރޭޒަރެއް އަޅާފަ އެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ ފޮޓޯތަކުން ވެސް ޔާސިރުގެ ބޮލުގައި ލަކުނުތަކެއް ހުއްޓާ ފެނެ އެވެ. މިކަން ހިނގާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު އެވެ.

ޔާސިރުގެ ބޮލަށް ލިބިފައިވާ ޒަހަމްތައް

ޔާސިރު ހައްޔަރުކުރި ކޯޓް އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތެއް ހަދައިގެން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އެނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

 ޔާސިރު ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން، ޔާސިރު ދިރިއުޅެމުންދާ ގެ ބަލާފާސްކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރުނެވެ. ބަލާފާސްކުރުމުގެ އަމުރުގެ ދަށުން ޔާސިރުގެ އެޕާޓްމެންޓް ބަލާފާސްކުރަން ގޮސް ފުރަތަމަ ވެސް ފުލުހުން އެދިފައިވަނީ އޭނާގެ ޕޯސްޕޯޓް ހަވާލުކުރުމަށެވެ. ނަމަވެސް، އޭނާ ވަނީ ޕާސްޕޯޓަކީ ދިވެހި ދައުލަތުގެ އެއްޗެއް ނޫން ކަމަށާއި އެއީ ޔަމަނުގެ ދައުލަތުގެ އެއްޗެއް ކަމަށް ބުނެ ޕާސްޕޯޓްދޭން ދެކޮޅު ހަދާފަ އެވެ.

ޔާސިރު ހައްޔަރުކުރުމުގެ ކުރިން ފެބްރުއަރީ މަހުގެ ތެރޭގައި އޭނާގެ މެރިއޭޖް ވިސާ ކެންސަލް ކުރުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ. އަދި އިމިގްރޭޝަނުގެ ވޮޗްލިސްޓުގައި ވެސް އޭނާގެ ނަން އޮތީ ހިމަނާފަ އެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔާސިރު ފުލުހަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވެ އެވެ. މާޗްގެ 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ބުނެ އޭނާގެ މެރިއޭޖް ވިސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. 

ޔާސިރު ހައްޔަރުކުރުމާ ގުޅޭ ގޮތުން މާޗް މަހު ފުލުހުން ބުނެފައިވަނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތާއި އަދި މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން ދެކޮޅު ހެދި އެވެ.

ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާ ކަމުގެ ތުހުމަތެއްކޮށް އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަނާ ހަވާލުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސީރިއަސް މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި އެ މީހާ އެބަހުރި ކަމަށެވެ. ނަމަވެސް، އިމިގްރޭޝަނުން ވެސް ވަނީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅުހަދާފަ އެވެ.

ޔާސިރުގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް، ދައުލަތުން ހާޒިރުނުވާތީ މައްސަލަ ބޭއްވޭގޮތް ވަނީ ނުވެފަ އެވެ.

ޔާސިރު ހައްޔަރުކުރީ ސައުދު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅާ ދިމާކޮށެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފުދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެން ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދިޔަ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަން އެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައިވަނީ ޔާސިރު ހައްޔަރުކުރުމާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބޭރުގެ މީޑިއާތަކުން އެފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ ރާއްޖޭގެ ހާލަތު ކިލަނބުކުރުމަށް ކަމަށް ވެސް އަޒްލީން ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް