ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2025 ގައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ދިލްމާ ނެޗުރަލް ލަގްޒަރީ ސޮމެލިއަރ ޗެލެންޖް ފަށައިފިއެވެ.
ސިމްޑީ ގްރޫޕާއި ދިލްމާ ސިލޯން ޓީ ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ މި ދެ ދުވަހުގެ މުބާރާތަކީ، އެފްއެޗްއޭއެމް ގައި ބާއްވާ ހަމައެކަނި ޓީމް މުބާރާތެވެ. އެއްވަނަ ޓީމަކަށް 7500 ޑޮލަރުގެ އަގުހުރި އިނާމު ލިބޭ މި މުބާރާތުގައި، ކޭޓަރިންނާއި ބެވެރޭޖް ޕްރޮފެޝަނަލުން އެއްޓީމެއްގެ ގޮތުގައި ވާދަކޮށް، ސައި އަދި ކާނާ ތަފާތު ގޮތްގޮތަށް ގުޅުވާލުމުގެ ހުނަރު ދައްކާލާނެއެވެ.
މުބާރާތުގެ މައިގަނޑު ތީމްއަކީ "އިޙްތިރާމް" އެވެ. މީގެ ތެރޭގައި ޤުދުރަތީ ތަކެއްޗަށާއި، އުފެއްދުންތެރިންނަށާއި، ދުޅަހެޔޮކަމަށާއި، ޤުދުރަތުން ލިބޭ މުއްސަނދިކަމަށް އިޙްތިރާމްކުރުން ހިމެނެއެވެ. އަދި އެންމެ މުހިންމު ގޮތެއްގައި މެހުމާނުންގެ ތަޖުރިބާއަށް އިޙްތިރާމްކުރުން ހިމެނެއެވެ.
ކޮންމެ ޓީމަކުންވެސް 30 މިނެޓުގެ ތެރޭގައި ތިން ބާވަތެއްގެ ސައި ތައްޔާރުކުރަންޖެހެއެވެ. އެއީ އާދައިގެ ސައި، ކިރު އެއްކޮށްފައިވާ ސައި، އަދި ސައި ބޭނުންކޮށްގެން ތައްޔާރުކުރާ މޮކްޓެއިލްއެކެވެ. މިއިން ކޮންމެ ބުއިމަކާއެކު ކާއެއްޗެއްވެސް ހުށަހަޅަންޖެހެއެވެ.
މުބާރާތް ފަނޑިޔާރުކުރުމަށް ތިން ފަނޑިޔާރުން ހަމަޖެހިފައިވެއެވެ. އެއީ ވޯލްޑްޗެފް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޝެފް ތޯމަސް ގުގްލަރ، ކާގިލްސް ރީޓެއިލްގެ މެނޭޖިންގ ޑިރެކްޓަރ ޓްރެވިން ގޮމެޒް، އަދި ދިލްމާގެ ސީނިއަރ ޓީ ޓޭސްޓަރ އެންޖެލޯ ޖެންސެންއެވެ.
މުބާރާތުގެ އެންމެ މޮޅު ޓީމަށް 7,500 އެމެރިކާ ޑޮލަރުގެ އިނާމެއް ލިބޭނެއެވެ. މީގެ ތެރޭގައި 500 ޑޮލަރުގެ ފައިސާގެ އިނާމަކާއި، ސްރީލަންކާގެ ދިލްމާ ސްކޫލް އޮފް ޓީގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ހިމެނެއެވެ. ދެވަނަ އަދި ތިންވަނަ ޓީމަށް އެކި މިންވަރުގެ ފައިސާގެ އިނާމު ދެވޭނެއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ 7 އަދި 8 ވަނަ ދުވަހު، ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. މި މުބާރާތް ބެލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފައި ވެއެެވެ.